އިޓަލީގެ ކުޅިވަރުގެ ކަންތައްތަކާބެހޭ އެންމެ މަތީ ކޯޓުން ޔުވެންޓަސްގެ 10 ޕޮއިންޓް އުނިކުރުމުން, ތާވަލްގެ ހަތްވަނަ އަށް ސޮއްސާލައިފިއެވެ.
މިހާރު ޔުވެންޓަސް ތާވަލްގައި އޮތީ ކުރިއަށް އޮތް ސީޒަންގައި ޔޫރަޕްގެ މުބާރާތެއްގައި ކުޅުމުގެ ފުރުޞަތު ނުލިބޭ ހިސާބެއްގައެވެ. ޔުވެންޓަސް އަތުން އެންމެ ފުރަތަމަ ޕޮއިންޓް އުނިކުރީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. އެއީ ޓްރާންސްފަރ ކަންތައްތަކުގައި މަކަރުހެދުމާއި, މާލީ ބަޔާންތައް އޮޅުވާލުމުގެ ތުހުމަތުގައެވެ. އެކަމަކު ކްލަބުން އިސްތިއުނާފްކުރުމުން, އޭރު އުނިކުރި 15 ޕޮއިންޓް އަލުން ދިނުމަށްފަހު މައްސަލަ އެންމެ މަތީ ކޯޓުން އަލުން ބަލަން ފެށީއެވެ.
އިޓަލީގެ ކުޅިވަރުގެ ކަންތައްތައް ބަލާ އެންމެ މަތީ ކޯޓުގެ ނިންމުން ޢާއްމުކުރީ ލީގުގައި ހޯމަދުވަހު 4-1 ން އެމްޕޯލީ އަތުން ބަލިވި މެޗުގެ ކުރިންނެވެ. އެނިންމުން އައީ މެޗު ފެށުމުގެ ތިރީހަކަށް މިނިޓް ކުރިންނެވެ. އެކަމުގެ ކަންބޮޑުވުން ކޯޗު އެލެގްރީ ވަނީ ފާޅުކޮށްފައެވެ. އޭނާ ބުނީ އެނިންމުން ނިންމީ މެޗު ފެށުމުގެ 10 މިނިޓް ކުރިންކަމަށެވެ. އެނިންމުމުގެ ސަބަބުން މެޗަށް އަސަރުކުރިކަން ކޯޗު ފާހަގަކުރިއެވެ.
ޔުވެންޓަސް މިހާރު ހަތް ވަނާގައި އޮތީ 36 މެޗުން 59 ޕޮއިންޓާއެކުއެވެ. ހަތަރު ވަނާގައި އޭސީ މިލާން އޮތީ 64 ޕޮއިންޓާ އެކުއެވެ.