ކ. މާލެ
|
22 މެއި 2023 | ހޯމަ 11:29
މެޗުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން ވިނީޝިއަސް
މެޗުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން ވިނީޝިއަސް
ސްޕެނިޝް ލީގު
ސްޕެނިޝް ލީގުގައި ނަސްލީ ތަފާތުކުރުން "އާދައިގެ" ކަމަކަށް ވެއްޖެ: ވިނީޝިއަސް
ވިނީޝިއަސް އަށް ވަނީ މީގެކުރިން ވެސް އެފަދަ ފުރައްސާރަކުރުންތައް އަމާޒުވެފައި

ސްޕެނިޝް ލީގުގައި ނަަސްލީ ގޮތުން ފުރައްސާރަކުރުމާ ތަފާތުކުރުން "އާދައިގެ" ކަމަކަށް ވެއްޖެ ކަމަށް ރެއާލް މެޑްރިޑްގެ ޒުވާން ފޯވާޑް، ވިނީޝިއަސް ޖޫނިއާ ބުނެފިއެވެ.

އާދީއްތަ ދުވަހު ވެލެންސިއާ އަތުން 1-0 އިން ރެއާލް ބަލިވި މެޗުގައި ވިނިޝިއަސް ޖޫނިއާ އަށް ވެލެންސިއާ ސަޕޯޓަރުން ފަރާތުން ނަސްލީ ތަފާތުކުރުންތައް ކުރިމަތިވި އެވެ. މިއީ މި ސީޒަނުގައި އުމުރުން 22 އަހަރުގެ ވިނީޝިއަސް އަށް މިކަން ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ.

ވިނީޝިއަސް ބުނީ އެއް އިރެއްގައި މި މުބާރާތް ރޮނާލްޑީނިއޯ، ރޮނާލްޑޯ، މެސީ ފަދަ ކުޅުންތެރިންނަށް ނިސްބަތްވިނަމަވެސް، މިހާރު މުބާރާތް ނިސްބަތްވަނީ ނަސްލީ ތަފާތުކުރުން ގެންގުޅޭ މީހުނަށް ކަމަށެވެ. މެޗުގެ ދެވަނަ ހާފުގައި 10 މިނެޓަށް ކުޅުން މެދުކަނޑާލާފައިވެއެވެ. ވިނީޝިއަސް ވަނީ މެޗު ތެރެއިން ރެފްރީ ގޮވައިގެން ގޮސް އެފަދަ އަމަލު ހިންގި ސަޕޯޓަރުން ދައްކާފައެވެ. ފަހުން ވިނިޝިއަސް ޖޫނިއާ އަށް ވަނީ ފޯވާޑް ހޫގޯ ޑޫރޯ އާ އެކު ހިނގި ހަމަނުޖެހުމެއްގެ ސަބަބުން އިތުރު ވަގުތުގެ ތެރޭގައި ރަތްކާޑު ދައްކަާފައެވެ.

ވިނީޝިއަސް އިތުރަށް ބުނީ ކޮންމެ ހަފުތާއެއްގައި ހިނގާ ކަމެއްގެ ދިފާއުގައި ކުރެވޭ އެއްވެސް ކަމެއް ނެތްކަމަށެވެ. ސްޕެނިޝް ލީގުން ވަނީ ލިބެން ހުރި ހުރިހާ ފޮޓޯ އަދި ވީޑިއޯ ހޯދައިގެން މި މައްސަލަ އިތުރަށް ތަހުގީގުކޮށް، އެކަށީގެންވާ އެންމެ ރަނގަޅު ފިޔަވަޅެއް އެޅުމަށް ނިންމާފައެވެ.

މީގެ ކުރިން ވިނިޝިއަސް ޖޫނިއާއާ ދެކޮޅަށް ނަސްލީ ތަފާތުކުރުން ގެންގުޅޭ ގޮވުން ނުވަތަ ފުރައްސާރަ ކުރުމުގެ ޝަކުވާ ހުށަހަޅާފައިވާއިރު، އެންމެ ފަހުން ހުށަހެޅި ޝަކުވާއަކީ ސަޕޯޓަރުން އޭނާ އަށްނަސްލީ ގޮތުން ގޯނާކުރާ މަންޒަރު ފެނުމުން މަޔޯކާގެ ކޯޓެއްގައި ދައުވާ ކުރި މައްސަލައެކެވެ.

ޖެނުއަރީ މަހު ވަނީ ރެއާލް މެޑްރިޑްގެ ޓްރެއިނިން ގްރައުންޑުގެ ބޭރުގައި ހުރި ބްރިޖެއްގައި ވިނިޝިއަސް ޖޫނިއާގެ 20 ނަންބަރު ޖާޒީ ލައްވާފަ އޮތް ބުދެއް އެލުވާފައެވެ. ސްޕެއިންގެ ފުލުހުން ދަނީ ވިނިޝިއަސް ޖޫނިއާއާ ދެކޮޅަށް ހިންގި ނަފްރަތުގެ އަމަލުތައްވެސް ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް