ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) ގެ ރައީސްގެ މަގާމުގައި ހުންނެވި އަލީ ހަމީދު އެ ކޮމިޝަނުގެ މެންބަރުކަމުން ވަކިކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.
ފަނޑިޔާރު އަލީ ހަމީދު ޖޭއެސްސީއިން ވަކިކޮށް، ޖޭއެސްސީގެ މެންބަރު ކަމަށް ފަނޑިޔާރު އަރީފް ހަމަޖައްސަވާފައި ވަނީ ހޯމަ ދުވަހު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވަނީ ޓްވީޓް ކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖޭއެސްސީއަށް އައްޔަން ކުރައްވާފައިވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު އެވެ. އަލީ ހަމީދު އެ މަގާމަށް އިންތިޚާބު ކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ނެތި ވޯޓުގައި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ޖޭއެސްސީއަށް ސުޕްރީމް ކޯޓުން އިންތިޚާބު ކުރާ މެންބަރު ކަމުގައި މަގާމަށް ފަނޑިޔާރު އަބްދުﷲ އަރީފް އައްޔަން ކުރައްވާފައިވަނީ، އަލީ ހަމީދުގެ މެންބަރު ކަމުގެ ދައުރު ހަމަވި ކަމަށް ބުނެ ކަމަށް މައުލޫމާތު ލިބެ އެވެ.
ޖޭއެސްސީގެ މެންބަރު ކަމުގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ކަމަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް، ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ އެކޯޓުން ޖޭއެސްސީއަށް އައްޔަން ކުރާ މެންބަރުގެ މަގާމުގެ މުއްދަތަކީ ދެ އަހަރު ދުވަސް ކަމަށެވެ.
އެހެންކަމުން އަލީ ހަމީދުގެ މެންބަރުކަމުގެ މުއްދަތު ހަމަވެފައިވާތާ ވެސް ފަސް މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
އަލީ ހަމީދު ޖޭއެސްސީއިން ވަކިކުރިއިރު، އެމަނިކުފާނު އޮންނެވީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ އެވެ.
ހޯމަ ދުވަހު ޖޭއެސްސީއަށް އައްޔަން ކުރެއްވި ފަނޑިޔާރު އބްދުﷲ އަރީފް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކޮށްފައިވަނީ 2010 ވަނަ އަހަރު އެވެ.