އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރައިޓަން ބަލިކޮށް, ޗެމްޕިއަންސް ލީގުގެ ޖާގައަކާ އެންމެ ފިޔަވަޅެއް ގާތަށް ނިއުކާސަލް ޔުނައިޓެޑް ޖެހިލައިފިއެވެ.
ލީގުގައި ނިއުކާސަލްއަށް ބާކީ އޮތީ ދެ މެޗެވެ. އޭގެތެރެއިން އެއް މެޗުން މޮޅުވެގެން އަމިއްލަ ބާރުގައި, އެހެން ބައެއްގެ ނަތީޖާއަށް ބަރޯސާނުވެ ޗެމްޕިއަންސް ލީގުގެ ޖާގަ ޔަޤީންކުރެވޭނެއެވެ. ނިއުކާސަލް މިހާރު އޮތީ 36 މެޗުން 69 ޕޮއިންޓާއެކު ތިންވަނާގައެވެ. ހަމަ އެއަދަދަށް މެޗު ކުޅެގެން ފަސް ވަނާގައި އޮތީ ލިވަޕޫލެވެ. އެއީ 65 ޕޮއިންޓާއެކުއެވެ. ހަތަރު ވަނާގައި މެންޗެސްޓަރ ޔުނައިޓެޑް އޮތީ 35 މެޗުން 66 ޕޮއިންޓާއެކުއެވެ. އެހެންކަމުން ނިއުކާސަލްއާ އަރާ ހަމަކުރުމުގެ ފުރުޞަތު ޔުނައިޓެޑަށް އެބައޮތެވެ.
ބްރައިޓަން އަތުން ނިއުކާސަލް މޮޅުވީ 4-1 ނެވެ. މެޗުގައި ނިއުކާސަލްއަށް ކުރި ލިބުނީ ބައިގޯލަކުންނެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ދެވަނަ ލަނޑު ޖެހީ ބާންއެވެ. ތިންވަނަ ލަނޑު 89 ވަނަ މިނެޓުގައި ޖެހީ ވިލްސަންއެވެ. ހަތަރު ވަނަ ލަނޑު ބުރޫނޯ ގުމަރައިސް ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. ބްރައިޓަންގެ ހަމައެކަނި ލަނޑު އުންޑާވް ޖެހީ ނިއުކާސަލްއިން ދެ ގޯލްގެ ލީޑެއް ނެގިފަހުންނެވެ. ނިއުކާސަލްއަށް ލީޑް ލިބުނީ އޭނާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
މެޗަށްފަހު ނިއުކާސަލްގެ ކޯޗު ބުނީ ޗެމްޕިއަންސް ލީގުގެ ވާހަކަ ދައްކަނީ އެކަން ހާސިލްވުމުން ކަމަށެވެ.