ރާއްޖޭގައި އުފާ ފާގަތިކަމާ އެކު ދިރިއުޅޭވޭނީ މިނިވަން މުއައްސަސާތަކެއް އޮވެގެން ކަމަށް އެމްޑީޕީގެ ސްޕޯކްސްޕާސަން މާފަންނު އުތުރު ދައިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެެވެ.
މާފަންނު ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަަވަމުން، މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، މިއަދު ފެނިގެންދަނީ ރައީސް ޔާމީން ބަލިކަށިވެގެންދާ މަންޒަރު ކަަމަށާއި މިކަމުން ދޭހަކޮށްދެނީ އިންސާފާއި ގާތްވެވޭކަން ކަމަށެވެ.
އިންތިޔާޒް ވަނީ ކިނބިދޫ ދައިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ މައްސަލަ ނިމިގެންދިޔަ ގޮތަށް ތައުރީފުކޮށް ޖުޑިޝަރީއާއި މެދު އުންމީދުތަކެއް އާވެގެންދިޔަކަން ފާހަގަކުރައްވާފައެވެ.
ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒްގެ މައްޗަށް އުފުލި ޖިނާއީ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން އާދިއްތަ ދުވަހު ވަނީ ނިންމާފައެވެ.
އިމްތިޔާޒް ވިދާޅުވީ، މި މައްސަލައިގައި އިންސާފު ނުލިބޭނެ ކަމަށް އެކަކުވެސް ނުބުނާ ކަމަށާއި މިކަމުން ދައްކުވައިދެނީ މިކަން އިންސާފާއި އެއްކޮޅަށް ނިމިގެންދިޔަކަން ކަމަށެވެ.
"އަޅުގަނޑު އޭރުވެސް ގަބޫލުކުރަމުން އައީ ހަގީގަތުގައި އެ މައްސަލައަށްޓަކައި ރާއްޖޭގެ ކޯޓުތަކާއި މުސްތަގިއްލު މުއައްސަސާތައް، ޕްރޮސެކިއުޓަރ ޖެނެރަލް، ފުލުހުން މިހާވަރުގެ ވަގުތުތަކެއް ބޭކާރުކޮށް ދައުލަތުގެ ރިސޯސްތައް ބޭކާރު ކުރުމަކީ އަޅުގަނޑުމެން ގަބޫލުކުރެވޭނެ ކަމެއް ނޫން" އިމްތިޔާޒް ވިދާޅުވިއެވެ.
އިމްތިޔާޒް ވިދާޅުވީ މިއަދު އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ އަޣްލަބިއްޔަތު ނަގާފައިވާ ކަމަށާއި މަޖިލީހުގެ ތެރެއިން ގައުމަށް އިންސާފު ހޯއްދަވާދެއްވާނެ ކަމަށެެވެ.
އިމްތިޔާޒް ވިދާޅުވީ، މިނިވަން މުއައްސަސާތަކުން މިއަދު ރައްޔިތުންގެ އިތުބާރު ހޯދަންޖެހޭ ކަމަށާއި އުފާވެރި މުޖުތަމައުއެއް ރައްޔިތުންނަށް ހޯދާދެވޭނީ އޭރުން ކަަމަށެވެ.
ފަނޑިޔާރުންނަށްވެސް އުޅެވެން އޮތީ ރައްޔިތުންގެ އިތުބާރު ލިބިގެން ކަމަށާއި ގަދަބާރުން ކަންކަން ކުރުން ހުއްޓާލައިގެން ނޫނީ ރައްޔިތުންގެ އިތުބާރު ނުލިބޭނެ ކަމަށެވެ.