ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ މިހާރު ވަކީލުންގެ ބައްދަލުވުމަށްވެސް ގެންދަވަނީ އަތުގައި ބިޑި އަޅުވައިގެން ކަމަށް އޭނާގެ ވަކީލު އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
އަލީ ޒާހިރު ވިދާޅުވީ ވަކީލުންނާ ބައްދަލު ކުރުމަށް ނެރޭއިރު ދެ އަތް ފުރަގަހަތައް ބިޑި އަޅުވައިގެން ނެރުމަކީ މީގެ ކުރިން ކަންކުރާ ގޮތެއް ނޫން ކަމަށެވެ.
" މިކަން ކަމުން އަޅުގަނޑުމެނަށް ދޭހަ ވަނީ މިއީ ކަނޑައެޅިގެން ޖެއްސުން ކުރުމުގެ ގޮތުން، ހަސަދަވެރިވުމުގެ ގޮތުން ކުރަމުންދާ ކަންކަން. އެހެން ކަމުން މިކަންކަން މި ހިނދުން މިހިނދަށް ހުއްޓާލާ، އަދި އެހެންމެ ކަމާ ބެހޭ އިދާރާތަކުން މިކަންކަމަށް ފާރަވެރިވެ ބައްލަވާ ދެއްވުންއެދެން،" އަލީ ޒާހިރު ވިދާޅުވި އެވެ.
އަލީ ޒާހިރު ވިދާޅުވީ ޝެއިހް އިމްރާން މާފުށީގެ ކުޑަ ކޮޅިއަކަށް ބަދަލު ކުރައްވާ އަދަބު އެތައް ގުނަ އަކަށް ބޮޑު ކުރައްވާފައިވާ ކަމަށެވެ. އަދި އިމްރާނާއިމެދު އަމަލު ކުރަމުންދަނީ އިންސާނިއްޔަތާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޓެރަރިޒަމްގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިމްރާން މިދިޔަ ރޯދަ މަހަށް ގެއަށް ބަދަލު ކުރުމަށްފަހު ރޯދަމަސް ނިމުމުން ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ. އަދި ގެއިން ނިކުމެވަޑައިގަންނަވަމުން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއާއި ގުޅިގެން އިމްރާނާމެދު ހަރުކަށި ގޮތަކަށް ސަރުކާރުން ގެންދަނީ އަމަލު ކުރަމުންނެވެ.
އިމްރާން ޖަލަށް ލާފައިވަނީ "މެޑޭ" މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެން އުފުލި ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ނިންމުމާ ގުޅިގެންނެވެ.