މި މަހުގެ 24 ވަނަ ދުވަހުގެ ކުރިން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިސްތިއުފާ ދެއްވާނެ ކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަގެރޭ މ.ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާހިމް ހަސަން ވިދާޅުވީ މި މަހުގެ 24 ވަނަ ދުވަހު އެޖެންޑާއިކޮށްފައިވާ މަޖިލީސް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު އެޖެންޑާކޮށް ވޯޓް ނެގިއަސް ފާސްވާނެ ކަމަށެވެ. މިއަދު ވޯޓް ނެގިއަސް 50 މެމްބަރުން މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓް ދެއްވާނެ ކަމަށާއީ މައްސަލަ އެޖެންޑާއިކޮށްފައިވާ ދުވަހަށް ވުރެ ކުރިން މަސީހް އިސްތިއުފާ ދެއްވާނެ ކަމަށް އިބްރާހިމް ހަސަން ވިދާޅުވިއެވެ.
އިބްރާހިމް ހަސަން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތުން ކާމިޔާބް ލިބެމުންދާ ކަމަށެވެ. އެގޮތުން ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލި ގާނޫނު ތަންފީޒުކުރާ މުވައްޒިފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރުމަކީ އުފަލެއް ކަމަށް އިބްރާހިމް ވިދާޅުވިއެވެ.
މީގެ އިތުރުން އިބްރާހިމް ވަނީ ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަން ވަގުތު އޮއްވަ ގުޅިފައިވާ ސިޔާސީ ޕާޓީގެ މައްސަކަތުގައި ބައިވެރިވުމަށް ގޮވާލާފައެވެ. ހާއްސަކޮށް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީސް ގޮނޑި ކާމިޔާބްކުރުމަށް ފަހު މިހާރު، ޕީޕީއެމާއި ގުޅިގެން މަސައްކަތްކުރާ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީންނަން ވަނީ ގޮވާލާފައެވެ.