ރައީސް ނަޝީދުގެ ސަރުކާރުން ގުޅީފަޅުގެ މަޝްރޫއު 2010 ވަނަ އަހަރު ފަށާފައިވަނީ ރައްޔިތުންނަށް ގިނަ ހުވަފެންތަކެއް ދެއްކުމަށްފަހު އެެވެ. ގުޅީފަޅު ހަތަރު ފިޔަވައްސަކަށް ބަހާލާއިގެން ކުރިއަށްގެންދިއުމުގެ މަސައްކަތް ފެށި އިރު ގުޅީފަޅު މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ކަނޑައަޅާފައި އޮތީ 2016 ވަނަ އަހަރުގެ ނިއަލަށެވެ.
ގުޅީފަޅު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ލޭބާ ހޮސްޓެލެއްގެ އިތުރަށް ސޯޝަލް ހައުސިން ޔުނިޓްތަކެއް އަޅާގޮތަށެވެ.
ފްލެޓް ހެދުމަށްޓަކައި 2010 ވަނަ އަހަރު ގުޅީފަޅު ތަަރައްގީ ކުރާ ގްލޯބަލް ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް (ޖީޕީޑީ) އިން ފްލެޓްގަތުމަށް ފައިސާ ހޯދާފައިވާ އިރު ގާތްގަނޑަކަށް 158 ފަރާތެއްގެ އަތުން 35 މިލިއަން ރުފިޔާ ވަނީ ދައްކައިފައިވެ އެވެ.
މިފައިސާ ހޯދުމުގައި އެގްރީމެންޓް ކުރެވިފައިނުވާ އިރު ބައެއް ފަރާތްތަކުގެ އަތުގައި ފައިދާ ދެއްކިކަމުގެ ރިސިޕްޓްވެސް ނެތެވެ.
ރައީސް ނަޝީދުގެ ސަރުކާރު 2012 ވަނަ އަހަރުގައި ނިމުމަކަށް އައުމައްފަހު އެތައް ދުވަހަކަށް ގުޅީފަޅުގެ މަޝްރޫއުގެ މަސައްކަތް ހުއްޓިގެންދިޔަ އެވެ.
މި ހުއްޓުމާ އެކު އިމާރާތްކުރަމުން އައި ފްލެޓްތަކުގެ މަސައްކަތްތަވެސް ހުއްޓުމަކަށް އައެވެ.
މި ސަރުކާރުވެރިކަމަށް އައިސް މިދިޔަ އަހަރު އަނެއްކާވެސް ވަނީ ގުޅީފަޅުން ފްލެޓް ގަތް ފަރާތްތަކަށް އުއްމީދުތަކެއް އާކޮށްދީފަ އެވެ.
އެގޮތުން ގުޅީފަޅުން ފްލެޓް ދިން ހުރިހާ ފަރާތްތަކަށް ހުޅުމާލޭއިން ފްލެޓް ލިބޭނެ ގޮތްތައް ހަމަޖައްސާދީފައިވާ ކަމަށްބުނެ އެކަމުގެ ލިޔުން ހަވާލުކުރި އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު ހައުސިން މިނިސްޓްރީން މިގޮތަށް އިއުލާނުކޮށްފައިވާ އިރު އެދުވަހު ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، މިފަދަ ނިންމެވުމަށް ނިންމަވަން ރައީސް ޔާމީނުގެ ސަރުކާރުން ނިންމާފައިވަނީ ގުޅީފަޅުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ދިމާވެފައިވާ ކަންބޮޑުވުންތަކަށް ނިމުމެއް ގެނެސްދެއްވައި އެފާރްތަތކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.
މީގެ އިތުރުން ޖީޕީޑީ އާއި ރައީސް ނަޝީދުގެ ސަރުކާރުން ހެދާފައިވާ އެގްރީމެންޓްވެސް މިސަރުކާރުން މިހާރު ވަނީ ބާތިލްކޮށްފަ އެވެ.
ސަރުކާރުގެ މި ނިންމުމާއެކު ފައިސާ ދެއްކުމަށްފަހު މަސައްކަތް ކުރިއަށްނުދާތީ ގިނަ ދުވަސްތަކެއްވަންދެން ކުރަމުންދިޔަ ޝަކުވާއަށް ނިމުމެއްއާއި ކަމަށް ފްލެޓް ގަނެފައިވާ ފަރާތްތަކަށް ގަބޫލު ކުރެވުނެވެ. އެހެން ނަމަވެސް މި ސަރުކާރުން ކަނޑައެޅި ތާރީހުތައްވެސް ފަހަނައަޅާ މިވަނީ ގޮސްފަ އެެވެ. ސަރުކާރުން މާރޗުގެ ކުރިން ފްލެޓްތައް ހަވާލުކުރާނެ ކަމަށް ބުނި ނަމަވެސް އެ މަންޒަރެއް ނުފެނެ އެވެ. ގުޅީފަޅުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ހުޅުމާލެއިން ފްލެޓް ދޭނެ ކަމަށް ސަރުކާރުން އިއުލާނު ކުރުމަށްފަހު އަނެއްކާވެސް އެބޭފުޅުންގެ ބަހުރުވަ ވަނީ ބަދަލުވެފަ އެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ގުޅީފަޅުން ފްލެޓް ގަނެފައިވާ ފަރާތްތައް އެއްކުރުމަށްފަހު ހައުސިން މިނިސްޓްރީން ވަނީ ހުޅުމާލެއިން ފްލެޓް ލިބޭނީ ގުރުއަތުން ހޮވޭ ފަރާތްތަކެއް ކަމަށާއި، އެކަމަށް ފޯމު ހުށަހެޅުމަށް އަންގާފަ އެވެ.
ގުޅީފަޅުން ފްލެޓް ގަނެފައިވާ ފަރާތްތަކަށް އަނެއްކާވެސް މިދެއްކީ ފްލެޓް ދިނުމަށް ބަހަނާތަކެކެވެ. ހުށަހަޅާ ފޯމުގައި ގިނަ ޝަރުތުތަކެއް ވަނީ ކަނޑައަޅާފަ އެވެ.
އެގޮތުން ޕޮއިންޓްދެވޭނެ ގޮތްތަކެއްވެސް ވަނީ ހިމަނާފަ އެވެ. މާލޭގައި އަމިއްލަ ނަމުގައި އެއް ކޮޓަރީގެ އެޕާޓްމެންޓެެއް ނުވަތަ 600 އަކަފޫޓްގެ ބިމެއް އޮތް ނަމަ ޕޮއިންޓް ގެނޑިގެންދެ އެވެ. މީގެ އިތުރުން ޕޮއިންޓް އިތުރުވާގޮތްތަކެއްވެސް ވަނީ ހިމެނިފަ އެވެ.
ފްލެޓް ލިބޭނެ ކަމަށް ބުނި ފަރާތްތައް އަނެއްވާވެސް މެއި މަހުގެ ތެރޭގައި ގެންގޮސް ގުރުއަތަކުން ފްލެޓް ލިބޭނެ ފަރާތްތައް ހޮވުމަށް ވަނީ ނިންމާފަ އެވެ. އަދި ފްލެޓް ދިނުމުގައި އެންމެ ބޭނުންވާ ފަރާތްތަކަށް ބަލޭނެ ކަމަށްވެސް މިވަނީ ބުނެފަ އެވެ.
މިކަމުގެ ސަބަބުން އަނެއްވާވެސް ގުޅީފަޅުން ފްލެޓް ގަނެފައިވާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
" އަޅުގަނޑުމެން ފްލެޓް ގަތްތާ 7 އަހަރުވަނީ. ގާތްގަނޑަކަށް 4 ލައްކަ ދައްކާފަވާނޭ. އެ ފްލެޓް ނުލިބި އެހާ ދުވަސްވެފައިވާ އިރު، އެ ފައިސާ ފްލެޓަށް ނުދެއްކި ނަމަ، ހަމަ ގާއިމުވެސް އިތުރު އެހެން ކަމަކަށް ފައިސާ ދެއްކުނީސް. އެހެން ފްލެޓެއް ހުޅުމާލެއިންވެސް ގަނެވުނީސް. އެންމެ ކަންބޮޑުވަނީ، ވާނުވާއެއް ނޭންގޭތީ. މިއީ ލިބޭނެ އެއްޗެއްކަންވެސް ޔަގީން ނުކުރެވޭތީ." ފްލެޓް ލިބުނު ފަރާތަކުން ރާއްޖެއެމްވީއާ ހިއްސާ ކުރި އެވެ.
ގެދޮރުގެ މައްސަލައަކީ ރާއްޖޭގެ ރައްޔިތުންނަށް އިންތިހާއަށް ކުރިމަތިވެފައިވާ މައްސަލައަކަށް ވާއިރު ގުޅީފަޅުން ފްލެޓް ގަތް ފަރާތްތަކަށް ފްލެޓް ނުލިބި މިހާ ދުވަސް ވެގެންދިއުމަކީ ހަމަަގައިމުވެސް ވަަރަށް ބޮޑު ފެއިލިޔާ އެކެެވެ. ސަރުކާރުން 7000 ފްލެޓް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިއުލާނު ކުރަމުން މިފަދަ ރައްޔިތުންނަށް ދިރިއުޅުމާ ގުޅިފައިވާ ކަންކަން ހައްލުވީކީ ނޫނެވެ. ބޭނުންވަނީ، އަވަސް، އަދި އަމަލީ ގޮތުން މިކަންކަން ހައްލުވެެގެން ދިއުމެވެ.