ކ. މާލެ
|
17 މެއި 2023 | ބުދަ 10:12
ޑޭވިސް، އެމްބާޕޭ އަދި ބެލިންހަމް
ޑޭވިސް، އެމްބާޕޭ އަދި ބެލިންހަމް
ގޫގުލް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑުން ބޭނުންވަނީ ޑޭވިސް އާއި އެމްބާޕޭ އަދި ބެލިންހަމް
އެމްބާޕޭ ލައްވައި ޕްރީ ކޮންޓްރެކްޓެއްގައި ސޮއިކުރަން ދަނީ މަސައްކަތް ކުރަމުން

އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ރެއާލް މެޑްރިޑުން ތިން ކުޅުންތެރިއަކު ގަތުމަށް މަސައްކަތް ފަށައިފި އެވެ.

މި ތިން ކުޅުންތެރިންނަކީ ބަޔާން މިއުނިކްގެ ވާތުބެކް އަލްފަންސޯ ޑޭވިސް އާއި ޕީއެސްޖީގެ ފޯވަޑް ކީލިއަމް އެމްބާޕޭ އާއި ބޮރޫޝިޔާ ޑޯޓްމުންޑްގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް އެވެ.

މި ތިން ކުޅުންތެރިންގެ ތެރެއިން ބެލިންހަމް ގަތުމާ މެޑްރިޑް އުޅެނީ ވަރަށް ގާތުގަ އެވެ. މި ގޮތުން ޑޯޓްމުންޑާއި ކުޅުންތެރިންގެ ރުހުން ވެސް ވަނީ ހޯދައިފަ އެވެ. މި ވަގުތު މި ޓްރާންސްފާގެ ވާހަކަ މަޑުޖައްސާލައިގެން ތިބީ ޖަރުމަނު ލީގު ޗެމްޕިއަންކަން ކަމަށް ޑޯޓްމުންޑް ވާދަކުރާތީވެ އެކަމަށް ހުރަސް ނޭޅުމުގެ ގޮތުންނެވެ.

ޕީއެސްޖީއާއެކު އެމްބާޕޭ އެންމެ ފަހުން ކޮންޓްރެކްޓް އައުކުރީ ވެސް ރެއާލް މެޑްރިޑަށް ބަދަލުވުމާ ވަރަށް ގާތަށް ދިއުމަށްފަހު އެވެ. ނަމަވެސް މިހާރު ކުލަބާއި އެމްބާޕޭއާ ދެމެދު ގުޅުން ގޯސްވެފައިވާ ކަމަށް ސްޕޭނުގެ ތަޖުރިބާކާރު ނޫސްވެރިން ދަނީ ބުނަމުންނެވެ. މިހެންވެ އަންނަ ސީޒަނަކީ ޕީއެސްޖީއާއެކު ނޭމާ ހަދާފައިވާ ތިން އަހަރުގެ ކޮންޓްރެކްޓްގެ ފަހު އަހަރު ކަމަށް ވެސް އެމީހުން ބުނެ އެވެ. މިހެންވެ ކުލަބު ބަދަލު ކުރުމުގެ ބާރު އޮތީ ފްރާންސްގެ ކެޕްޓަންގެ އަތްމަތީގަ އެވެ. ފަހު އަހަރު އޮޓެމެޓިކުން ގުނަން ފަށާނަމަ ކޮންޓްރެކްޓް ގަތުމުގެ ބާރު އެމްބާޕޭ އަށް ލިބެ އެވެ. މެޑްރިޑުން އޭނާ ގަތުމަށް އަލުން މަސައްކަތް ފެށީ މިހެންވެ ކަމަށްވެ އެވެ. ނަމަވެސް ގަތަރުގެ މަހުޖަނުން ހިންގާ ކުލަބުން އެމްޕާބޭ ދޫކުރަން ބޭނުމެއްނުވެ އެވެ. ކުރީ ފަހަރު ވަގުތު ހިޔާލު ބަދަލުކޮށް އެމްބާޕޭ ޕީއެސްޖީއާއެކު އެއްބަސްވުން އާކުރުމުންމިފަހަރު އެހެންވިޔަ ނުދިނުމަށް އެމްބާޕޭ ލައްވައި ޕްރީ ކޮންޓްރެކްޓްގައި ސޮއިކުރުވަން ވެސް މެޑްރިޑުން ދަނީ މަސައްކަތް ކުރަމުންނެވެ.  

ޑޭވިސް ބަޔާންއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2025 އަށެވެ. ނަމަވެސް އޭނާ ހުރީ މެޑްރިޑަށް ބަދަލުވުމަށް ކަމަށްވާތީވެ ރެއާލް އޮތީ ގިނަވެގެން 50 މިލިއަން ޔޫރޯ އޭނާ ގަތުމަށް ހޭދަކުރަން ތައްޔާރަށެވެ. މިއަށްވުރެ މި އަދަދު ބޮޑުވާނަމަ މި ސީޒަނަށް ދޫކޮށް އަންނަ ސީޒަނަށް އޭނާ ލައްވައި ސޮއިކުރުމަށް މެޑްރިޑުން ދަނީ މަސައްކަތް ކުރަމުންނެވެ.

- ކޮމެންޓް