ކ. މާލެ
|
16 މެއި 2023 | އަންގާރަ 21:12
ދީނާ އަލް-ޟާނީ؛ ކެންސަރ ޕޭޝަންޓެއް
އިޒްރޭލާއި ޣައްޒާގެ މައްސަލަ
ކެންސަރުގެ ފަރުވާއަށް އޮތް ހުރަހަކީ އިޒްރޭލު!
 
ޞިއްޙީ ވަޞީލަތްތައް ލިބުމުގައި ހުރި ދަތިކަމުގެ ސަބަބުން، ޣައްޒާގެ ހޮސްޕިޓަލުތަކުގައި ކެންސަރ ޕޭޝަންޓުންނަށް އެކަށީގެންވާ ފަރުވާއެއް ދެވޭކަށް ނެތް
 
އިޒްރޭލާ ޣައްޒާއާ ދެމެދު ބަދަލުކުރަމުންދާ ޙަމަލާތަކުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ދިރިއުޅުމަށް ވަނީ ބުރޫ އަރާފައި

މިއީ ޣައްޒާގެ ރަށްވެއްސެއް ކަމަށްވާ ދީނާ އަލް-ޟާނީގެ އޮންކޮލޮޖިސްޓްއާ ބައްދަލުކުރަންޖެހޭ ހަފުތާއެވެ. ކެންސަރު ބަލީގެ ޚާއްޞަ ޑޮކްޓަރު އިންނަވަނީ ޤުދުސްގައެވެ. ނަމަވެސް ދާދި ފަހުން، ޔަހޫދީ އިޒްރޭލާ ޣައްޒާއާ ދެމެދު ބަދަލުކުރަންފެށި ޙަމަލާތަކާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމުގެ ސަބަބުން، ދީނާއަކަށް އޭނާގެ ޑޮކްޓަރާ ބައްދަލު ކުރެވޭ ގޮތެއް ނުވިއެވެ.

Advertisement

ދީނާއަކީ، ހުސްވި ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ވަރުގަދަކޮށްފައިވާ ޙަމަލާތަކާހެދި ފަރުވާއިން މަޙުރޫމުވެފައިވާ 432 ކެންސަރ ޕޭޝަންޓުންގެ ތެރެއިން އެކަކެވެ. އޮގަސްޓާ ވިކްޓޯރިއާ ހޮސްޕިޓަލުގައި އިންނަވާ އޮންކޮލޮޖިސްޓާއެކު އޮތް އެޕޮއިންޓްމަންޓަކީ، ދީނާއަށް ދޭނީ ކޮންކަހަލަ ރޭޑިއޭޝަން ޓްރީޓްމަންޓެއްތޯ ބަލައި، އެކަން ކަނޑައެޅުމަށް ހަމަޖެހިފައި އޮތް އެޕޮއިންޓްމަންޓެކެވެ.

އޮގަސްޓާ ވިކްޓޯރިއާ ހޮސްޕިޓަލަށް ދާން އޮތީ މޭ 9 ވަނަ ދުވަހު. އެކަމަކު އެމީހުން ގުޅާފަ ބުނެފި، އެޕޮއިންޓްމަންޓް ލަސްވި ވާހަކަ. އެއީ ރޯދައިގެވެސް ކުރިން އަހަރެން އެދުނު އެޕޮއިންޓްމަންޓެއް. މާނައަކީ ދެމަސް ކުރިންނޭ. އާ އެޕޮއިންޓްމަންޓެއް ލިބެން، އަނެއްކާވެސް އަނެއް ދެމަސްދުވަސް އަހަރެން މަޑުކުރަންވީތަ؟ ކަންތައް ވާނެ ގޮތެއް އަހަރެމެންނަކަށް ނޭނގެ. މީ ހޮސްޕިޓަލާ އިޒްރޭލާ ގުޅިފަ އޮތް ކަމެއް. މިހާރު ކަންތައް އޮތް ގޮތުން، އެހާ ފަސޭހައިން އަހަރަމެންނަށް ހުއްދަ ލިބޭނެތަ؟ ހުއްދަ ލިބޭތޯ މަޑުކޮށްގެން އިންނަތާ އެތައް ދުވަހެއްވެއްޖެ. އެމީހުން ބުނަނީ، މި ބަލަނީއޭ. ހަނގުރާމަ އޮތްތާ އޮތްއިރު، ބަލި މީހުންނަކީ އޭގެ ޒާތުގަވެސް، ތަކުލީފުތަކެއް އުފުލަމުންދާ ބައެއް.
ދީނާ އަލް-ޟާނީ؛ ކެންސަރ ޕޭޝަންޓެއް

އިޒްރޭލާ ޣައްޒާއާ ދެމެދު ބަދަލުކުރަމުންދާ ޙަމަލާތަކުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ދިރިއުޅުމަށް ވަނީ ބުރޫއަރާފައެވެ.

ސަލާމަތީ ސަބަބުތަކަކަށްޓަކައި ކަމަށް ބުނެ، އިޒްރޭލާއި މިޞްރުން ވަނީ ޣައްޒާ ފިއްތާލާފައެވެ. ޙަމާސް ޖަމާޢަތުން ވެރިކަންކުރާ ޣައްޒާއާ ދެކޮޅަށް ފަލަސްޠީނުގެ މައި ސަރުކާރުންވެސް ފިއްތުންތައް ކުރިމަތިކުރެއެވެ. ހުރިހާ ދެރައެއް، ޢާންމު މީހާއަށެވެ.

އަހަރެން ބުނާނީ ހުރަސްކުރެވެން އޮތް ސަރަޙައްދަކީ ދިރިހުރުމާ މަރޭ. އަހަރެމެންނަކީ ބަލި މީހުންނަށް ވާއިރު، ފަރުވާއެއް ލިބެން އޮތް ހަމައެކަނި ތަނަކީ އިޒްރޭލު. ބޯޑަރާހެދި އެއް ގޮތަކުން އަހަރެމެންނަށް ލިބޭ، އަނެއް ގޮތަކުން ވިއްޔާ އަހަރެމެންނަށް އޮތީ މަރު. ހުއްދަ ނުލިބިއްޖިއްޔާ، ފަރުވާ ލަސްވެ، މަރާ ގާތްވުމުގެ ދުވެލި އަވަސްވޭ. އެކަމަކު، ހުރިހާ ޙާލެއްގަވެސް ﷲށް ޙަމްދުހުރި. ފުރާނަ ސަލާމަތްވިއަސް، މަރުވިއަސް.
ދީނާ އަލް-ޟާނީ؛ ކެންސަރ ޕޭޝަންޓެއް

ޞިއްޙީ ވަސީލަތްތައް ލިބުމުގައި ހުރި ދަތިކަމުގެ ސަބަބުން، ޣައްޒާގެ ހޮސްޕިޓަލުތަކުގައި، ކެންސަރ ޕޭޝަންޓުންނަށް އެކަށީގެންވާ ފަރުވާއެއް ދެވޭކަށް ނެތެވެ. ގިނަ މީހުންނަށް މަޖުބޫރު ވަނީ، އިޒްރޭލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރިއަށް ދަތުރުކުރާށެވެ. ނޫނީ އެހެން ޤައުމަކަށް ދަތުރުކުރާށެވެ.

އަހަރެން ދިރިއުޅެނީ ބޯޑަރު ކައިރީގަ. ހަނގުރާމަ ގަދަވާއިރަށް ގެއިން ނުކުންނަނީ. ކެންސަރު ޖެހުމުގެ ކުރިންވެސް އެކަން އޮތީ އެހެން. މިހާރު އަހަރެން މިއުޅެނީ އަހަރެންގެ ގެއަކު ނޫން. ބޮޑުބޭބެ ގޭގަ. އެއީ ހަނގުރާމަ ގަދަވެއްޖިއްޔާ، ސަލާމަތްވާން ދުވެ ހަދާނެ ވަރު ނެތީމަ. ޞިއްޙަތު ތަން ނުދޭތީ.
ދީނާ އަލް-ޟާނީ؛ ކެންސަރ ޕޭޝަންޓެއް

ޞިއްޙީ ނިޒާމު ފެއިލްވުމުގައި، ފަލަސްޠީނުގެ ޞިއްޙަތާބެހޭ އޮފިޝަލުން، އިލްޒާމުގެ އިނގިލި އަމާޒު ކުރައްވަނީ 16 އަހަރުގެ ފިއްތާލުމެއްގެ ތެރޭގައި ޣައްޒާ އޮތް އޮތުމާ ދިމާއަށެވެ.

އިޒްރޭލާ ޣައްޒާއާ ދެމެދު އެންމެ ފަހުން ބަދަލުކުރަންފެށި ޙަމަލާތަކަށް ހަފުތާއެއްހާ ދުވަސް ފާއިތުވެފައި ވާއިރު، ފަލަސްޠީނުން މަރުވި މީހުންގެ ޢަދަދު 33ށް އަރައެވެ. އޭގެތެރޭގައި ކުޑަކުދިންނާއި، އަންހެނުންގެ އިތުރުން ދޮށީ ޢުމުރުގެ މީހުންވެސް ހިމެނެއެވެ. 5 ދުވަހުގެ ޙަމަލާ ބަދަލުކުރުންތަކުގައި 150ށްވުރެ ގިނަ މީހުން ޒަޚަމްވެފައި ވާކަމަށް ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް