ވިދިވިދިގެން ތިންވަނަ ފަހަރަށް އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދަން ފިޔަވަޅަކާ ގާތަށް މެންޗެސްޓަރ ސިޓީން ޖެހިލައިފިއެވެ.
އެވަޓަން އަތުން މޮޅުވެ, ސިޓީން މިހާރު ބޭނުންވަނީ ބާކީ އޮތް ތިން މެޗުން ދެ މޮޅެވެ. އެވަޓަން އަތުން އެވަޓަންގެ ދަނޑުގައި މޮޅުވީ 3-0 ނެވެ. އޭގެތެރެއިން ދެ ލަނޑު ޖެހީ ކެޕްޓަން ގުންޑޮގާންއެވެ. އަނެއް ލަނޑު ގުންޑޮގާންގެ އެހީތެރިކަމާއެކު ޖެހީ ހާލަންޑެވެ. މިއީ ސީޒަންގައި އޭނާގެ 52 ވަނަ ލަނޑެވެ. ދެވަނަ ހާފްގައި ދެ ކުޅުންތެރިންގެ ބަދަލުގައި ކޯޗު ޕެޕް ގާޑިއޯލާ ފުރުޞަތު ދިނީ ގްރީލިޝްއަށާއި, ބާނާޑޯ ސިލްވާއަށެވެ. ސިޓީއަށް ބާކީ އޮތީ ފޯމް ވަރަށް ބޮޑަށް ދަށްވެފައިވާ ޗެލްސީގެ އިތުރުން ބްރައިޓަން އަދި ބްރެންޓްފޯޑާ ވާދަކުރަން ޖެހޭ މެޗެވެ.
މެންޗެސްޓަރ ސިޓީ އެއްވަނައިގައި އޮތީ 35 މެޗުން 85 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އާސެނަލް އޮތީ 35 މެޗުން 81 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި އެވަޓަން ހަނގުރާމަ ކުރަމުންދަނީ ރެލިގޭޝަނުން ސަލާމަތްވެ, ލީގުގައި ދެމިއޮތުމަށެވެ. މިވަގުތު އެވަޓަން އޮތީ 17 ވަނައިގައެވެ. ރެލިގޭޝަނާ ދެމެދު އޮތީ ޕޮއިންޓެއްގެ ފަރަގެކެވެ.