ކ. މާލެ
|
9 ޖުލައި 2017 | އާދީއްތަ 16:27
ސިޔާސީ ފަރާތްތަކުން މީޑިއާގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ: ގައުމު އިސްލާހްކުރަން އިހްލާސްތެރިކަން ބޭނުންވޭ
ސިޔާސީ ފަރާތްތަކުން މީޑިއާގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ: ގައުމު އިސްލާހްކުރަން އިހްލާސްތެރިކަން ބޭނުންވޭ
އަޝްވާ ފަހީމް
މަސީހު އިތުބާރުގެ މައްސަލަ
މަޖިލިސް ބަދަލުވުމަކުން ގައުމު އިސްލާހެއް ނުވޭ!
އިސްލާހް ބިނާވެގެން ވަނީ ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރުގެ މައްޗަށް
ހިންގާ ކޮންމެ މަޝްރޫއެއްގެ ކޮރަޕްޝަން ހިމެނޭ ކަމަށް ރައްޔިތުން ދެކޭ
ޖުޑިޝަރީ އަށް ކުރާ އިތުބާރު ކުޑަ

މި ދުވަސްކޮޅު އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓުގެ ވާހަކައެވެ. މި މަހުގެ 24 ގައި ނެގުމަށް ހަމަޖައްސާފައިވާ ވޯޓު ސިފަކުރެވެނީ މި ސަރުކާރުގެ ދެމިއޮތުމާއި ނިމުމުގެ ގޮތުގައެވެ. ސަރުކާރު ދެމިއޮތުމާއި ނިމުން ބިނާވެފައި އޮތީ މަސީހްގެ އިތުބާރުގެ މައްޗަށެވެ. އިތުބާރު ނެތް ކަމަށް ފާސްވެއްޖެ ނަމަ ސަރުކާރު ފެއިލްވީއެވެ. އިތުބާރު އޮތް ކަމަށް ފާސްވެއްޖެ ނަމަ އިދިކޮޅު ފަރާތްތައް ބަލިވީއެވެ. ނަމަވެސް މި ހުރިހާ ކަމެއްގެ ތެރެއިން ވެސް ނުދެކެވި އޮތް ވާހަކައެއް އެބަ އޮތެވެ. އިސްލާހީ މަސައްކަތުގެ ވާހަކައެވެ. ސުވާލަކީ މަޖިލީހުގެ މެޖޭރިޓީ އެއްކޮޅުން އަނެއްކޮޅަށް ބަދަލުވުމަކުން ގައުމު އިސްލާހު ވޭތޯއެވެ؟

މިކުރާ މަސައްކަތްތަކަކީ އިސްލާހީ މަސައްކަތްތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. ސަރުކާރުން ބުނަމުންދަނީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތުގައި އިހްލާސްތެރިކަމެއް ނެތް ކަމަށެވެ. އެއީ އަމިއްލަ އެދުމަށް ކުރާ މަސައްކަތެކެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސިފަކުރައްވާ ގޮތުން ނަމަ މިއީ ވިޔަފާރިވެރިންތަކެއް އެ މީހުން ދައްކަންޖެހޭ ފައިސާ ނުދައްކަންވެގެން ދައްކާ ބަހަނާއެއް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ އިސްލާހީ މަސައްކަތުގެ ފެށުން ފެނިގެންދާނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓާ ހަމައިންނެވެ. އޭގެ ފަހުން އިސްލާހީ ގިނަ މަސައްކަތްތަކެއް މަޖިލީހުގެ ތެރެއިންނާއި ބޭރުން ވެސް ފެނިގެންދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އޭގެ ތެރޭގައި ކޮމިޝަންތަކާއި ޖުޑިޝަރީ އާއި އެ ނޫން ވެސް އެތައް ދާއިރާއަކަށް ބަދަލުތައް ގެނައުން ހިމެނެއެވެ. ގާނޫނުތަކަށް ވެސް ބަދަލުތައް ގެނައުން ހިމެނެއެވެ. ނަމަވެސް ސުވާލަކީ އިދިކޮޅު ފަރާތްތަކުން ގެންނަ ބަދަލުތަކަކީ ހަގީގަތުގައި ވެސް ގައުމު އިސްލާހްކުރުމަށް ގެންނަ ބަދަލުތަކެއް ހެއްޔެވެ؟

އިދިކޮޅު ފަރާތްތަކުގެ ނިޔަތާ މެދު ސުވާލު އުފައްދަނީކީ ނޫނެވެ. ނަމަވެސް ހަގީގަތަކީ ދެން ބާރުތައް ލިބޭ ފަރާތްތަކުން ވެސް ކަންކަން ކުރާނީ އެ ފަރާތްތަކުގެ ބާރުތައް ދެމެހެއްޓޭނެ ގޮތަކަށެވެ. ކޮމިޝަންތަކާއި ޖުޑިޝަރީއަށް ގެންނަ ކޮންމެ ބަދަލެއް ވާނީ އެ ފަރާތްތަކުގެ އެ ބާރުތައް ރައްކާތެރިކޮށްދޭނެ ބަދަލުތަކަކަށެވެ. އެ ގޮތުން ކޮމިޝަންތަކަށް މީހުން އައްޔަންކުރުމުގައި ބަލާނީ އިދިކޮޅު ފަރާތްތަކަށް ބާރުތައް ދެމެހެއްޓެނެ ގޮތެކެވެ. ޖުޑިޝަރީ އަށް ގެންނަ އިސްލާހްތައް ވެގެންދާނީ އިދިކޮޅު ފަރާތްތަކަށް ނުރައްކާ ނުވާނެ ފަދަ ގޮތަކަށް ގެންނަ އިސްލާހުތަކަކަށެވެ. އެއީ ދުނިޔެވީ ހަގީގަތެކެވެ.

ގައުމަށް ދިމާވެފައި މިއޮތް މައްސަލަތައް ހަމައެކަނި މަޖިލީހުގެ މެޖޯރިޓީ ބަދަލުވުމަކުން ހައްލުވާކަށް ނެތެވެ. ދިވެހި ގައުމު ވެއްޓިފައިވާ އަނދަވަޅު އެއަށް ވުރެ މާ ފުނެވެ. މުއައްސަސާތައް ވަނީ ފަސޭހަ ގޮތަކަށް އިސްލާހް ނުވާ ވަރަށް ކިލަނބުވެފައެވެ. ކޮރަޕްޝަނާއި ފަސާދައިގެ ކެންސަރު ފެތުރިފައި ވަނީ އެންމެ ހިމަ ނާރާ ހަމައަށެވެ. އެހެންކަމުން އެއީ ފަސޭހައިން ރަނގަޅު ކުރެވޭނެ ކަމެއް ނޫނެވެ. ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތަކުގެ އިތުބާރު ގެއްލިފައި ވަނީ މިއިން ޒަމާނަކު އަލުން އިޔާދަ ނުކުރެވޭ ވަރަށެވެ.

ދޮޅަހަކަށް މެންބަރުން ކޮޅު އަނބުރާލިޔަސް ގައުމުގައި ހުރި މައްސަލަތައް ހައްލުވާކަށް ނެތެވެ. އެކަމަށް ބޭނުން ވަނީ އިހްލާސްތެރި މަސައްކަތްތަކެކެވެ.  އިދިކޮޅު ފަރާތްތަކުގައި މިހާރު ތިއްބެވި ބޭފުޅުންގެ މާޒީ އާއި ފަސް ބަޔާއި އެ ބޭފުޅުންގެ ވަށައިގެންވާ ކަންކަމަށް ބަލާލުމުން އިސްލާހީ މަސައްކަތުގައި ދިވެހި އާންމު ރައްޔިތު މީހާ އަށް ލިބިގެންދާނެ ފައިދާ ކޮންމެ މީހަކަށް ވެސް ވަޒަންކުރެވޭނެއެވެ. ގައުމުގެ ހާލަތު ބަދަލުކުރާ ނަމަ ގައުމު ހަލާކުވި ހިސާބަށް އެނބުރި ދާންޖެހެއެވެ. މާޒީ އަށް އެނބުރި ދާންޖެހެވެ. ސުވާލަކީ ސިޔާސީ ދާއިތާގައި ތިބީ އެހާ ގަޓުހުރި ބައެއްތޯއެވެ؟

އިސްލާހް ބިނާވެގެން ވަނީ ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރުގެ މައްޗަށެވެ. ކޯޓުތަކުން ކުރާ ހުކުމްތަކަކީ އިންސާފުވެރި ހުކުމްތަކެއް ކަމަށް ރައްޔިތުން ގަބޫލުކޮށްގެންނެވެ. ކޮރަޕްޝަނެއް ނެތި މަޝްރޫއުތައް ހިނގާނެ ކަމުގެ ޔަގީންކަން ލިބިގެންނެވެ. ގައުމު މިހާރު ވެއްޓިފައިވާ ހާލަތަށް ބަލާ ނަމަ އެކަމަށް އަދި ކިހާ ދުވަހެއް ނަގާނެ ހެއްޔެވެ؟

- ކޮމެންޓް