ޗެމްޕިއަންސް ލީގު ސެމީފައިނަލް ދެވަނަ ލެގުގެ ކުރިން ރެއާލް މެޑްރިޑުން އިތުބާރުގެ މޮޅެއް ހޯދައިފިއެވެ.
ސްޕެނިޝް ލަލީގާ ދިފާއުކުރުމުގެ ފުރުޞަތު މުޅިންހެން ގެއްލިފައިވާ ރެއާލްއިން ޗެމްޕިއަންސް ލީގަށް އިތުބާރު ހޯދީ ލީގުގައި ގެޓާފޭ ބަލިކޮށްގެންނެވެ. އަމިއްލަ ދަނޑުގައި ރެއާލްއިން މެޗު ކާމިޔާބުކުރީ 1-0 ނެވެ. ހަމައެކަނި ލަނޑު މެޗު ނިމެން ވިހި މިނިޓަށް ވެފައިވަނިކޮށް ޖެހީ އަސެންސިއޯއެވެ. މެޗަށް ކޯޗު އެންޗެލޮޓީ ނެރުނު އެގާރައަށް ވަނީ މައިގަނޑު އަށް ބަދަލެއް ގެނެސްފައެވެ. އެންމެ ބޮޑު ބަދަލަކީ ހަޒާޑަށް ފުރަތަމަ އެގާރައިން ފުރުޞަތު ދިނުމެވެ. މިއީ މިސީޒަންގައި ލީގުން ހަޒާޑަށް ފުރަތަމަ އެގާރައިން ފުރުޞަތު ދިން ދެވަނަ މެޗެވެ. ޓޯނީ ކްރޫޒްއާއި, ލުކަ މޮޑްރިޗްއާއި, ވިނީޝިއުސް ޖޫނިއަރއަށްވެސް ކޯޗު ފުރުޞަތު ދިނީ ދެވަނަ ހާފްގައެވެ. ބެންޒިމާ ބެންޗްގައިވެސް ނުހިމަނައެވެ.
މެޗުން މޮޅުވިޔަސް ލީގު ހޯދުމުގެ ދޮރު ރެއާލްއަށް އޮތީ މުޅިންހެން ބަންދުވެފައެވެ. ބާކީ ހަތަރު މެޗު އޮތް އިރު އެއްވަނާގައި އޮތް ބާސެލޯނާއާ ދެމެދު 11 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ރެއާލްއަށް ކުރިއަށް އޮތީ ބުދަ ދުވަހު ޗެމްޕިއަންސް ލީގު ސެމީފައިނަލް ދެވަނަ ލެގެވެ. ފުރަތަމަ ލެގު އަމިއްލަ ދަނޑުގައި ކުޅެ ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. ދެވަނަ ލެގު އޮތީ މެންޗެސްޓަރ ސިޓީގެ ދަނޑުގައެވެ.