ކ. މާލެ
|
13 މެއި 2023 | ހޮނިހިރު 15:37
ހާލަންޑް އުފާފާޅުކުރަނީ
ހާލަންޑް އުފާފާޅުކުރަނީ
ރޮއިޓާސް
އެފްޑަބްލިއުއޭ އެވޯޑް
ފުޓްބޯލް ރައިޓާސް އެސޯސިއޭޝަނުން ހޮވާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާލަނޑަށް
 
ހާލަންޑު ވަނީ މި ސީޒަނުގައި ސިޓީއަށް 48 ލަނޑު ކާމިޔާބުކޮށްދީފަ

ފުޓްބޯލް ރައިޓާސް އެސޯސިއޭޝަން (އެފްޑަބްލިއުއޭ) އިން ހޮވާ މޮޅުކުޅުންތެރިޔާގެ އެވޯޑް މެންޗެސްޓަރ ސިޓީގެ ހާލަންޑަށް ލިބިއްޖެއެވެ.

އިނގިރޭސި ނޫސްވެރިންގެ ޖަމާއަތް ނުވަތަ އެފްޑަބްލިއުއޭ އިން ކޮންމެ ސީޒަނެއްގައި ހޮވާ މޮޅުކުޅުންތެރިޔާގެ އެވޯޑް މި ސީޒަނުގައި ހާލަންޑަށް ލިބުނީ 82 އިންސައްތައިގެ ވޯޓުންނެވެ. ދެވަނައިގައި ހިމެނިފައިވަނީ އާސެނަލްގެ ކުޅުންތެރިޔާ ސަކާއެވެ. އަދި 3 ވަނައަށް ހޮވުނީ އާސެނަލްގެ ކެޕްޓަން އޮޑެގާޑެވެ.

މެންޗެސްޓާ ސިޓީއަށް ކުޅުނު ފުރަތަމަ ސީޒަންގައި ހާލަންޑު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ މި ސީޒަނުގައި މެންޗެސްޓާ ސިޓީއަށް 43 މެޗު ކުޅެ، 48 ގޯލު ޖަހާ، އަށް އެސިސްޓް ހަދާފައެވެ.

ދާދި ފަހުން ޕްރިމިއާ ލީގުގައި ވެސްޓް ހޭމް އާ ދެކޮޅަށް ލަނޑު ޖަހާ ހާލަންޑު ވަނީ ޕްރިމިއާ ލީގު އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑު ހަދާފައެވެ. އެއީ ޕްރިމިއާ ލީގުގައި ސިޓީއަށް 35 ލަނޑު ކާމިޔާބުކޮށްގެނެވެ.

މި ސީޒަނުގައި ސިޓީގެ މިސްރާބު ހުރީ ތާރީހީ "ޓްރެބަލް" އާ ދިމާލަށެވެ. މިވަގުތު ސިޓީ އޮތީ ޕްރިމިއާ ލީގުގައި އެއް ޕޮއިންޓުގެ ލީޑަކާއެކު އެއްވަނައިގައެވެ. އެއީ ދެވަނައިގައި އޮތް އާސެނަލް އަށްވުރެ އެއްމެޗު މަދުން ކުޅެގެނެވެ. އަދި ޗެންޕިއަންސް ލީގު ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާ ބައްދަލުކޮށް 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރު ވެފައެވެ. މީގެ އިތުރުން ސިޓީ ވަނީ އެފްއޭ ކަޕު ފައިނަލަށްވެސް ދަތުރުކޮށްފައެވެ. އެ މެޗުގައި ބައްދަލުކުރާނީ މެންޗެސްޓާ ޔުނައިޓެޑާއެވެ.

ހާލަންޑަށް ލިބޭ އެފްޑަބްލިއުއޭ މޮޅު ކުޅުންތެރިޔާގެ އެވޯޑު ރަސްމީކޮށް ހަވާލުކުރުން އޮންނާނީ މެއި 25 ވަނަ ދުވަހު ލަންޑަނުގައެވެ. އެއީ ފުޓްބޯލް ރައިޓާސް އެސޯސިއޭޝަންގެ 75 ވަނަ އަހަރީ ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
100%
0%
ކޮމެންޓް