ކ. މާލެ
|
11 މެއި 2023 | ބުރާސްފަތި 19:09
އަސްމަހާން އަދާސް؛ އިޒްރޭލުން ޝަހީދުކުރި 2 އަންހެން ދަރިންގެ މަންމަ
ޣައްޒާއަށް ދިން ހަމަލާ
ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
 
ދާނިއާ އަދާސްއާއި އޭނާގެ ކޮއްކޮ، އުމުރުން އެންމެ 16 އަހަރުގެ އީމާން މި ދުނިޔެއާ ވަކިވީ އެ ކުދިން ދިރިއުޅެމުން ދިޔަ ގެއާ ޖެހިގެން ހުރި އިމާރާތަށް، އިޒްރޭލުން ދިން ހަމަލާގައި
 
މުހައްމަދު ސައީދަށް، އޭނާގެ މުސްތަގުބަލުގެ ރާނީ ނުވަތަ ހަޔާތުގެ ބައިވެރިޔާ އެންމެ ފަހުން ފެނުނީ މެއި 9 ވަނަ ދުވަހު އިޒްރޭލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގެ ކުޑަ ވަގުތުކޮޅެއް ކުރިން

ކިތަންމެ ދަތި ހާލެއްގައި އުޅެން ޖެހުނެއް ކަމަކު، ކޮންމެ މީހަކީވެސް ދިރިއުޅުމަށްޓަކައި ފޮނި ހުވަފެންތަކެއް ދެކި، ފޮނި އުއްމީދުތަކެއް ކުރާނެ މީހެއްކަން ޔަގީނެވެ. ވަކިން ޚާއްސަކޮށް، ޖަވާޖީ ހަޔާތެއްގެ ގޮށްޖަހާލައި، އަމިއްލަ ދިރިއުޅުމެއް އާރާސްތުކުރުމަށް ދެކޭނެ ހުވަފެންތަކަކީ ފޮނި ހުވަފެންތަކެއްކަން ގައިމެވެ. ނަމަވެސް، އެއީ ހަގީގީ ކުލަ ޖެހެން ނެތް ބިލާހަކަށް ވެގެން ދިއުމަށް ބައެއްފަހަރު މާ ގިނަ ވަގުތެއް ނުނަގައެވެ. މުޅި ދިރިއުޅުން ބަނަވެގެން ދަނީ، އެހެން ބައެއްގެ ދެބަސްވުމުގެ ތެރެއިން ބަދަލުކުރާ ވަޒަންތަކުގެ އަމާޒުފަތްގަނޑަކަށް ވެގެންނެވެ.

ޢުމުރުން އެންމެ 19 އަހަރުގެ މުހައްމަދު ސައީދަށް، އޭނާގެ މުސްތަގުބަލުގެ ރާނީ ނުވަތަ ހަޔާތުގެ ބައިވެރިޔާ އެންމެ ފަހުން ފެނުނީ، މެއި 9 ވަނަ ދުވަހު އިޒްރޭލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ. އެ ހަމަލާތަކުގައި ސައީދުގެ ރާނީ މި ދުނިޔެއާ ވަކިވެ ދިޔައިރު، އެ ދެ ޒުވާނުން ދިޔައީ ކައިވެންޏަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެކުގައި ހޭދަކުރި އެންމެ ފަހު ވަގުތުކޮޅުވެސް ހޭދަކުރީ، ރަންކިއުމުގެ ހަފުލާގައި ފޮޓޯއަށް ހުއްޓޭނެ ގޮތަކާމެދު މަޝްވަރާ ކުރުމުގައެވެ.

ސައީދުގެ ހިތުގެ ރާނީ، ދާނިއާ އަދާސް، 19، އާއި އޭނާގެ ކޮއްކޮ، އުމުރުން އެންމެ 16 އަހަރުގެ އީމާން މި ދުނިޔެއާ ވަކިވީ، އެ ކުދިން ދިރިއުޅެމުން ދިޔަ ގެއާ ޖެހިގެން ހުރި އިމާރާތަށް އިޒްރޭލުން ދިން ހަމަލާގައެވެ.

އަހަރެން ހުރީ، އަހަރެންގެ އަންހެން ދަރިފުޅު ކައިވެނީގެ ހުދު ހެދުމުގަ، ހުދު ބުރުގާ އަޅާލައިގެން އަންނާނެ މަންޒަރަށް އުއްމީދުކޮށްގެން. އެކަމަކު، އަހަރެންގެ ދެ އަތުން މި ޖެހުނީ، ހުދު ކަފުނުން އެ ދަރިފުޅު ކަފުންކުރަން. ކޮބާ އިންސާފު؟ މީ އެއްވެސް އިންސާފެއް ނެތް ހިސޯރެއް.
އަލާ އަދާސް؛ އިޒްރޭލުން ޝަހީދުކުރި 2 އަންހެން ދަރިންގެ ބައްޕަ

ބުނެވޭގޮތުގައި އެ އިމާރާތަކީ އިސްލާމިކް ޖިހާދުގެ ލީޑަރެއް ކަމަށްވާ ޚަލީލް އަލް-ބަހްތިނީއާއި އޭނާގެ އާއިލާ ދިރިއުޅުނު އިމާރާތެވެ. އެ ހަމަލާގައި އަލް-ބަހްތިނީއާއި، އޭނާގެ އަންހެނުންނާއި ދަރިފުޅުވެސް ވަނީ މަރުވެފައެވެ. އަންގާރަ ދުވަހުގެ ހަމަލާތަކުގައި އާންމުންގެ 10 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، އޭގެތެރޭގައި 5 އަންހެނުންނާއި 4 ކުޑަކުދިންވެސް ހިމެނެއެވެ.

ސައީދުއަށް ވާހަކަދެއްކެނީވެސް ކިރިޔާއެވެ. ނޭވާލުމަކީވެސް މިއަދު އޭނާއަށް ތަކުލީފެކެވެ. ވަރަށް ހާލުން ނޭވާލަމުން، އޭނާގެ ހަޔާތުގެ ވާހަކަތައް ކިޔައިދެމުން ސައީދު ބުނީ، އެ ދެލޯބިވެރިން އެކަކު އަނެކަކަށް ވައުދުވީ އުމުރު ދުވަހަށްވެސް އެކުގައި އުޅުމަށް ކަމަށެވެ.

މީ އަހަރެމެންގެ ކައިވެންޏަށް އޭނަ ލާން ގަނެފަ އޮތް ހެދުން. އަދިވެސް އިތުރު އެއްޗެހި ގަންނަން އޭނަ ބޭނުންވެފަ ހުރީ. އެކަމަކު، އިޒްރޭލާ ހެދި އަހަރެމެންގެ ހުރިހާ އެއްޗެއް ގެއްލުނީ. އަހަރެމެންގެ ހުރިހާ އުފަލެއް ގެއްލުނީ އެމީހުންނާ ހެދި. އަހަރެމެންގެ އުފާވެރިކަމާ، އެކުގަ އުޅެން އޮތް ފުރުސަތު ގެއްލުނީ އިޒްރޭލާހެދި. އަހަރެންގެ އުފާވެރިކަމާ އުޖާލާކަން ގެއްލުވާލީ އިޒްރޭލުން.
މުހައްމަދު ސައީދު؛ ޣައްޒާގެ ޒުވާނެއް

މަރުވަންދެންވެސް އެކުގައި އުޅުމަށް ވީ ވައުދު، ހިތި ހަގީގަތަކަށް ވީއެވެ.

އެއީ ހަމަ އޭނަ މަރާލި ދުވަސް. މި ގޮތަށް، އެކަކު އަނެކަކު އިނގިލީގަ ހިފާލައިގެން ތިބެ، އަހަރެމެން އެކަކު އަނެކަކަށް ވައުދުވީ. އެކަކުވެސް މަރުވުމުން ނޫނީ އަނެކަކު ދޫނުކޮށް، މުޅި އުމުރަށް އެކުގަ އުޅެން ވައުދުވީ. އެންމެފަހުން، އަހަރެމެން ދެތަން އެ ކުރީ މަރު.
މުހައްމަދު ސައީދު؛ ޣައްޒާގެ ޒުވާނެއް

ދާނިއާއާއި އީމާންގެ މަންމަ ދުނިޔޭގައި އެބައިނެވެ. އޭނާ ކިޔައިދިންގޮތުގައި، ހަމަލާތަކަށްފަހު އޭނާގެ އަންހެން ދަރިންނަށް ގޮވައިހެދިއެވެ. ނަމަވެސް އެއްވެސް ދަރިއެއްގެ ފަރާތުން އިޖާބައެއް ނުލިބުނެވެ.

އަހަރެމެންގެ ކުށަކީ ކޮބާ؟ ކައިވެންޏަށް ތައްޔާރުވަމުން ދިޔަ ދެކުދިންގެ ކުށަކީ ކޮބާ؟ ކައިވެންޏަށް ދަރިފުޅު ގަނެފަ އޮތް ހެދުމަށް ބަލަން އިންނާނީ. އަހަރެންގެ ހިތަށް ވަރަށް ތަދުވޭ. މީގަ އޮތީ ދެން ކޮން ބޭނުމެއް؟ މި ހުރިހާ ހެދުމަކަށްވުރެ އަގު ބޮޑު، އަހަރެންގެ ދަރިފުޅު މި ދުނިޔެއަކު ނެތް. އިޒްރޭލުން އެ ދިޔައީ އަހަރެންގެ އުފާވެރިކަން ނަގާލާފަ. ދެ އާއިލާގެ އުފާވެރިކަން ފޭރިގެންފަ. އަހަރެން އެންމެ ލޯބިވި މީހުން އަހަރެންނާ ވަކިކޮށްފަ. އަހަރެންގެ ދަރިންކޮޅު މަރާލާފަ. އަހަރެންގެ ހުރިހާވެސް ހިތްވަރަކީ މާތް ﷲ. އަހަރެންގެ ވެރި ރައްބަކީ އެއީ. އަހަރެމެން އޭރު ތިބީ ނިދާފަ. އަހަރެމެން މީ އާންމު ރައްޔިތުން. އަހަރެމެން ތިބީ ނިދީގަ. އަހަރެމެންނަކީ އެއްވެސް ކަމަކާ ބެހޭ ބައެއް ނޫން.
އަސްމަހާން އަދާސް؛ އިޒްރޭލުން ޝަހީދުކުރި 2 އަންހެން ދަރިންގެ މަންމަ

ހިތުހުރި ކަމެއް ކުރުމަށްފަހު އަބަދުވެސް ދިފާއަށް ކުޅޭ އިޒްރޭލުން ބުނާގޮތުގައި އަލް-ބަހްތިނީއަކީ، ވައިގެ ހަމަލާތަކުގައި މަރާލާފައިވާ އިސްލާމިކް ޖިހާދުގެ 3 (އިސް) ލީޑަރުންގެ ތެރެއިން އެކަކެވެ. އިޒްރޭލުން ބުނާގޮތުގައި މިދިޔަ ހަފުތާގައި އިޒްރޭލަށް އަމާޒުވި ހަމަލާތަކުގެ ޒިންމާ އުފުލަންޖެހޭ ކޮމާންޑަރަކީ އަލް-ބަހްތިނީއެވެ.

އަންގާރަ ދުވަހުގެ ހަމަލާތަކުގައި އަންހެނުންނާއި ކުޑަ ކުދިންގެ ފުރާނަ ގެއްލިދިޔަކަމަށް އިޒްރޭލުންވެސް ބުނެއެވެ. ނަމަވެސް، ދިފާއަށް ކުޅުމުގެގޮތުން، އާންމުންގެ ފުރާނަ ގެއްލޭ މިންވަރު މަދުކުރުމަށް މަސައްކަތްކުރާކަމަށް ވަނީ ބުނެފައެވެ.

ޣައްޒާގައި ހަރަކާތްތެރިވެވަޑައިގަންނަވާ ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވާގޮތުގައި، އިޒްރޭލުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އާންމުން ދިރިއުޅެމުންދާ އިމާރާތްތަކަށެވެ. ޣައްޒާއަކީ 364 އަކަ ކިލޯމީޓަރުގެ ސަރަހައްދެއްގައި، 2.3 މިލިއަން މީހުން އިންތިހާ ދަތި ހާލުގައި ދިރިއުޅެމުންދާ، އަނގަމަތި ހާ ޖަލެކެވެ. އަންހެނުންނާއި ކުޑަކުދިންވެސް ދިރިއުޅެމުންދާ އިމާރާތްތަކަކަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާތަކަކީ، މަދަނީ ދިރިއުޅުމުގެ ކަރާމާތް ގެއްލޭ ގޮތަށް ދިން ހަމަލާތަކެއް ކަމަށްވެސް ފަލަސްތީނުގެ އޮފިޝަލުން ވަނީ ސިފަކުރައްވާފައެވެ.

ސިލްސިލާ ގޮތެއްގައި އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދެމުން ދާއިރު، މެއި 9 ވަނަ ދުވަހު ވަރުގަދަކުރަންފެށި ހަމަލާތަކުގައި މިހާތަނަށް 20ށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭގެތެރޭގައި، ދާނިއާ ފަދައިން ދިރިއުޅުމަށް އެތައް ހުވަފެނެއް ދެކެމުން ދިޔަ ބަޔަކު ހިމެނޭނެކަން ގައިމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
12%
3%
67%
14%
3%
2%
ކޮމެންޓް