ކ. މާލެ
|
10 މެއި 2023 | ބުދަ 15:10
އާބަންކޯ އާއި ޕޮލިސް ބައްދަލުކުރި މެޗުގެ ތެރެއިން
އާބަންކޯ އާއި ޕޮލިސް ބައްދަލުކުރި މެޗުގެ ތެރެއިން
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
އިންޓަރ އޮފީސް-ކޮމްޕެނީ ޗެމްޕިއަންޝިޕް 2023
ޕޮލިސް ބަލިކޮށް ގުރޫޕުގެ އެއްވަނަ އާބަންކޯ އަށް
އާބަންކޯއިން މެޗު ކާމިޔާބުކުރީ 3-1 ސެޓުން
ދެވަނަ ޓީމެއް ގޮތުގައި ސެމީއަށް ދަތުރުުކުރީ ޕޮލިސް

ހުޅުމާލެ ވޮލީ ކޯޓުގައި ކުރިޔަށްދާ އިންޓަރ އޮފީސް-ކޮމްޕެނީ ޗެމްޕިއަންޝިޕް 2023ގައި ޕޮލިސް ކްލަބު ބަލިކޮށް އާބަންކޯއިން ގްރޫޕުގެ އެއްވަނަ ހޯދައިފިއެވެ.

އަންގާރަ ދުވަހުގެ ރޭގައި ކުޅުނު މެޗު އާބަންކޯއިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މިއާއެކު އާބަންކޯ ގްރޫޕް އޭގެ އެއްވަނަ ހޯދާފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެނެވެ. މި މެޗުން މޮޅުވެގެން ގްރޫޕުގެ އެއްވަނަ ހޯދުމުގެ ފުރުސަތު ޕޮލިހަށްވެސް އޮތެވެ.

މެޗުގެ ފުރަތަމަ ދެސެޓުގައި އާބަންކޯއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، 25-14 އަދި 25-21 އިން ފުރަތަމަ ދެސެޓު ކާމިޔާބުކޮށްފައިވަނީ އާބަންކޯއިންނެވެ.

ވާދަވެރިކުޅުމެއް ފެނިގެންދިޔަ ތިންވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް ޕޮލިސް ކްލަބުން ވަނީ 25-21 އިން ސެޓު ކާމިޔާބުކޮށްފައެވެ. ނަމަވެސް، އާބަންކޯއިންވަނީ މެޗުގެ ހަތަރުވަނަ ސެޓު 25-18 އިން ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އާބަންކޯގެ ބިދޭސީ ކުޅުންތެރިޔާ، ޖާޒީ ނަންބަރު 14، ލަސިންދު މެތްމަލްއެވެ.

ގްރޫޕް ސްޓޭޖް ނިމުނުއިރު، މެޗުން މޮޅުވި އާބަންކޯއަށް ވަނީ 4 މެޗުން 12 ޕޮއިންޓް ލިބިފައެވެ. އަދި 9 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ހޯދާފައިވަނީ ޕޮލިސް ކްލަބުންނެވެ.

ތިން ސެމީ ކުޅޭ މި މުބާރާތުގެ ފުރަތަމަ ސެމީގައި ބައްދަލުކުރާނީ ވެމްކޯ އާއި ޕޮލިހެވެ. އަދި ދެވަނަ ސެމީގައި ބައްދަލުކުރާނީ ސިފައިންނާއި އާބަންކޯއެވެ. މި މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ބުރާސްފަތު ދުވަހުގައެވެ.

- ކޮމެންޓް