ކ. މާލެ
|
10 މެއި 2023 | ބުދަ 02:03
ވިނިޝިއަސް ގޯލް ޖެހުމަށްފަހު އުފާފާޅު ކުރަނީ
ވިނިޝިއަސް ގޯލް ޖެހުމަށްފަހު އުފާފާޅު ކުރަނީ
ޑެއިލީ މެއިލް
ޗެމްޕިއަންސް ލީގް
އެއްވަރުވެ، ސިޓީ އާއި ރެއާލްގެ ވާދަވެރިކަން ފަހު ސެމީ އަށް
 
ފައިނަލަށްދާނީ ސެމީގެ ދެ ވަނަ މެޗު ކާމިޔާބުކުރާ ޓީމެއް

ޔޫރަޕިއަން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދާނެ ޓީމެއް ނިންމާނީ މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ކުޅޭ ސެމީ ފައިނަލުގެ ދެ ވަނަ މެޗުން ކަމަށްވެއްޖެ އެވެ.

މި ދެ ޓީމު ރެއާލްގެ ސެންތިއާގޯ ބާނަބައު ސްޓޭޑިއަމުގައި އަންގާ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ 1-1އިން އެއްވަރުވެގެނެވެ. މިހެންވެ ނަތީޖާ ނެރޭނީ އަންނަ ހަފުތާގައި ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅޭ މެޗުންނެވެ.

ޖުމުލަ 14 ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އަދި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް އަށް މެޗުގެ ފުރަތަމަ ގޯލު ޖަހައިދިނީ ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ އެވެ. އޭރިއާގެ ބޭރުން އޭނާ ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ކީޕަރަށް ކުޑަވެސް ފުރުސަތެއްނުދީ އެވެ. ސިޓީން ނަތީޖާ ހަމަހަމަކުރީ ފަހު ހާފުގައި ކެވިން ޑްބްރޫނޭ ދުރުން ފޮނުވާލި ބޯޅައަކުންނެވެ. މި ބޯޅަ ގޮސް ރެއާލްގެ ގޯލް ދާގަނޑުގައި ޖެހުނުއިރު ކީޕަރު ތިބައޫ ކޯޓުއާ އަށް ވެސް ހުރެވުނީ ބަލަހައްޓައިގެންނެވެ.

ރެއާލްއާ ހިލާފަށް ސިޓީ އަކީ މިތަށި މުޅިން އަލަށް ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުންދާ ޓީމެކެވެ. ނަމަވެސް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބާސެލޯނާގައި މިތަށި ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.

މި މެޗުގައި ދެ ޓީމުން ވެސް ކުޅެފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ހާއްސަކޮށް ރެއާލްގެ ކީޕަރު ކޯޓުއާ އާއި ސިޓީގެ ކީޕަރު އެޑަސަން ވެސް ރަނގަޅު ސޭވްތަކެއް ކުރިކަން މެޗުގެ ކޮމެންޓޭޓަރު ވެސް ފާހަގަކުރަމުންދިޔަ އެވެ.

މި މުބާރާޓުގެ ފައިނަލަށް ދިއުމަށް ސެމީގެ ދެ ވަނަ މެޗުގައި ބުދަ ދުވަހުގެ ރޭ ކުޅޭނީ އިޓަލީގެ މިލާނުގެ ގަދަ ދެބާރު ކަމަށްވާ އޭސީ މިލާނާއި އިންޓަމިލާނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙަފްޞީ ޢަބްދުالله
0%
50%
0%
0%
0%
50%
ކޮމެންޓް