ކ. މާލެ
|
10 މެއި 2023 | ބުދަ 03:05
ނޭމާ ޕީއެސްޖީގެ ޖާޒީގައި: އޭނާ ގަތުމަށް ޗެލްސީން ޝައުގުވެރިވޭ
ނޭމާ ޕީއެސްޖީގެ ޖާޒީގައި: އޭނާ ގަތުމަށް ޗެލްސީން ޝައުގުވެރިވޭ
ނޭމާ
ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
 
މެސީ ނެތި ޕީއެސްޖީއަށް ކުޅެން ނޭމާ ވެސް ބޭނުމެއްނޫން

ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ނޭމާ ސަންޓޯސް ބޭނުން ކުލަބަކަށް ދިއުމަށް އޭނާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ ކަމަށް ފްރާންސާއި އިނގިރޭސި މީޑިޔާތަކުން ބުނަން ފަށައިފި އެވެ.

އިނގިރޭސި ޓެލްގެރާފުން ބުނާ ގޮތުގައި ނޭމާ ދޫކޮށްލަން ޕީއެސްޖީން ބޭނުންވީ ވަރަށް ގިނަ ސަބަބުތަކާހުރެ އެވެ. ނަމަވެސް އޭނާގެ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އޮތުމުން ނޭމާ ދޫކޮށްލާނީ ލޯނެއްގެ ގޮތުން ކަމެއް ނުވަތަ ފްރީ ކުޅުންތެރިއެއްގެ ގޮތުގައި ކަމެއް ޔަގީނެއްނުވެ އެވެ. ސަބަބަކީ މިކަމާ ބެހޭ ގޮތުން ރަސްމީކޮށް ނޭމާ އާއި ޕީއެސްޖީން ވެއް ވަކި އެއްޗެއް ނުބުނާތީ އެވެ.

ނަމަވެސް ޕީއެސްޖީން ނޭމާ ދޫކޮށްލަން ބޭނުންބާ އެއް ކަމަކީ ގާތްގާތުގައި އަނިޔާވެ، އޭނާގެ ބޭނުން ކުލަބަށް އެންމެ ފުރިހަމަގޮތުގައި ނުހިފުމެވެ. މިއާއެކު އޭނާ އަށް އަހަރަކު 50 މިލިއަން ޔޫރޯގެ މުސާރައެއް ދޭން ޖެހުމަކީ ވެސް ޕީއެސްޖީގެ އަގުބޮޑު ސްކޮޑަށް ފީފާ ފައިނޭޝަލް ފެއާޕްލޭއަށް ހުރަސް އެޅޭ ކަމަކެވެ. ތިން ވަނަ ކަމަކީ ނޭމާ އާއި ޕީއެސްޖީގެ އެންމެ މުހިންމު ކުޅުންތެރިޔާ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއާ ދެމެދު ނުތަނަވަސްކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުންދިއުމެވެ. ފަހު ސަބަބަކީ މި ސީޒަނަށް ފަހު ޓީމު ދޫކޮށްދާން ތައްޔާރުވެފައިވާ އާޖެންޓީނާގެ ކެޕްޓަން ލިޔޮނަލް މެސީ ނެތި ޕީއެސްޖީގައި ހުންނަން ނޭމާ ވެސް ބޭނުންނުވުމެވެ. މެސީ އާއި ނޭމާ އަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ.

ނޭމާ ދާދި ފަހުން ވަނީ މެސީ އާއި އޭނާއާ ދެކުޅުންތެރިން ބާސެލޯނާގެ ޖާޒީގައި ތިބި ފޮޓޯއެއް އިންސްޓަގްރާމްކޮށްފަ އެވެ. މީގެ ތެރެއިން މެސީ މި ސީޒަނަށް ފަހު ދިއުން ގާތީ ކުރީގެ ކުލަބު ބާސެލޯނާއަށެވެ. އެކުލަބުން ދަނީ އެ ޓީމުގެ ކުރީގެ ކެޕްޓަން، މެސީ އަލުން ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް ބާސެލޯނާގެ ޝައުގުވެރިކަމެއް ނޭމާއަކަށް ނެތެވެ. ސަބަބަކީ އޭނާ ބާސެލޯނާދޫކޮށް ޕީއެސްޖީ އަށް ބަދަލުވީ ކުލަބުގެ ނުގަބޫލުގައި ކަމަށްވުމާއި ގާތްގާތުގައި އަނިޔާގެ މައްސަލަތައް ދިމާވާތީ އެވެ.

ނަމަވެސް އިނގިރޭސި ކުލަބުތަކުން ތިބީ ނޭމާ ފަހަތު އަޅުވާލައިގެންނެވެ. ހާއްސަކޮށް ޗެލްސީގެ ވެރިޔާ ޓޮޑް ބޮއެލީ އެވެ. އޭނާ ވަނީ ނޭމާ ގަތުމަށް ޕީއެސްޖީގެ ރައީސް ގަތަރުގެ ނަސީރު އަލް ހަލީފީއާ ވެސް މި އަހަރު ކުރީކޮޅު ބައްދަލުކޮށްފަ އެވެ. މީގެ އިތުރުން ސައޫދީ މަހުޖަނުން ހިންގާ ނިއުކާސަލް އާއި ޓޮޓެންހަމް އާއި މެންޗެސްޓާ ޔުނައިޓެޑުން ވެސް ނޭމާގެ ހަތަރާތްތައް ގާތުން ދަނީ މޮނިޓަކުރަމުންނެވެ.

ނޭމާ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފޯވަޑެވެ. ނަމަވެސް އޭނާގެ ހުނަރާ އެއްވަރުގެ ކުޅުމަށް ބާސެލޯނާއިން ބަދަލުވި ފަހުން ކުލަބާއި ގައުމީ ޓީމުގައި ނުދެއްކެ އެވެ. މިހެންވެ ސަޕޯޓަރުންގެ ފާޑުކިއުން ވެސް ވަނީ އަމާޒުވެފަ އެވެ. ހުސްވި ހަފުތާގައި ޕީއެސްޖީގެ ސަޕޯޓަރުން ވަނީ އޭނާ ފްރާންސްގައި ދިރިއުޅޭ ގެކައިރިއަށް އެއްވެ މެސީ އާއި ނޭމާ ކުލަބު ދޫކޮށްދިއުމަށް އެދި އަޑުއުފުލައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް