ސްރީ ލަންކާގައި އުފައްދާ އެމްޑީޕީގެ ފުރަތަމަ ގޮފި ރެޖިސްޓްރީ ކުރުމަށް އެޕާޓީގެ އޮފީހަށް ހުށަހަޅައިފި އެވެ.
އާދިއްތަ ދުވަހު އެމްޑީޕީގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ތެރެއިން އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންގެ ފަރާތުން އެމްޑީޕީން ރާއްޖޭން ބޭރުގައި އުފައްދާ ފުރަތަމަ ގޮފި ލަންކާގައި އުފައްދާއިރު އެ ގޮފީގެ މެމްބަރުންގެ ފޯމްތައް ހަވާލުކޮށް ދެއްވީ މުހައްމަދު ޔޫސުފް (ފުޅު) އެވެ. އެ ފޯމް ތަކާ ހަވާލުވެވަޑައިގަތީ އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ގައުމަކަށް ވާއިރު، އެ ގައުމުގައި އެމްޑީޕީގެ ގޮފިތައް އުފެދިގެން ދިއުމަކީ ޕާޓީއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. ގިނަ އަދަދެއްގެ ދިވެހިން ލަންކާގައި ދިރިއުޅޭއިރު، ވީހާ ވެސް ގިނަ މެމްބަރުން ގޮފިތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.
ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ކޮންގްރެސް އާއި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ބޭއްވާއިރު ގޮފިތައް އިތުރުވެގެން ދިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.
އެމްޑީޕީގެ މެމްބަރުން ލަންކާގައި ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ލަންކާގައި ދިރިއުޅުއްވާއިރު، އެމްޑީޕީގެ ލީޑަރ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް މިވަގުތު ހުންނެވީ ލަންކާގަ އެވެ.
މީގެ 12 އަހަރު ކުރިން އެމްޑީޕީ ނަމުގައި ފުރަތަމަ ހަރަކާތްތައް ފެށިގެން ދިޔައީ ފުރަތަމަ ފެށިގެން ދިޔައީ ވެސް ލަންކާއިންނެވެ.