ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިންގާ "ނެދެވޭ" ކަންކަމުގެ ސަބަބުން ޕީޕީއެމް އެމްޑީއޭ ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންގެ ތެރެއިން 10 ވަރަކަށް މެމްބަރުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށައެޅި ފޯމްގައި ސޮއިކޮށްލަފާނެ ކަމަށް ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، އިނގުރައިދޫ ދާއިރަގެ މެމްބަރު އިބްރަހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ވަފުދު ލަންކާއަށް ކުރި ދަތުރު ނިންމާލުމަށް ފަހު އެނބުރި މާލެ ވަޑައިގެން ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ފަލާހު ވިދާޅުވީ، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގައި 48 މެމްބަރުން ތިއްބަވާއިރު، ހިތްހަމަ ނުޖެހޭ ބައެއް ކަންކަން ދިމާވާނެ ކަމަށެވެ. އިދިކޮޅު ފަރާތަކުން ހިންގަވާ ނޭދެވޭ ކަންކަމުގެ ސަބަބުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންގެ ތެރެއިން 10 ވަރަކަށް މެމްބަރުން މަޖިލީސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް ނުވަތަ އެނޫންވެސް އެއްޗެއްގައި ސޮއި ކޮށްލަފާނެ ކަމަށް ފާލާހު ވިދާޅުވިއެވެ.
" ތިބޭފުޅުން ގަބޫލުފުޅު ކުރައްވާ، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ޕީޖީ ގްރޫޕަކީ މީގެ ކުރިން ރާއްޖޭގެ ތާރީހަށް ބަލާއިރުވެސް ނެތް ވަރުގެ ބޮޑު އަދަދެއް، އަޅުގަނޑުމެން ސަރުކާރު ކޮޅުގެ ޕާލިމެންޓްރީ ގްރޫޕްގައި އެބައޮތް، ގާތްގަނޑައަކަށް އަޅުގަނޑުމެން ކޯލިޝަން އެމްޑީއޭއާއި އެކު 48 މެމްބަރުން އެބައުޅޭ، 48 މެމްބަރުން އުޅޭ ތަނެންގައި ކޮންމެސް ވަރެއްގެ ހިތްހަމަނުޖެހުންތަކެއް އުޅޭނެ، މިކަހަލަ ބޮޑު ޓީމެއްގެ ތެރެއިން އިދިކޮޅު ފަރާތަކުން ހިންގަވާ ނޭދެވޭ ކަންތައްތަކެއްގެ ސަބަބުން 5 މެމްބަރުން ނުވަތަ 10 މެމްބަރުން އެއްޗެއްގައި ސޮއިކޮށްލަފާނެ " ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންގެ ކޯޅުމާއި ގުޅޭގޮތުން ފަލާހު ވިދާޅުވިއެވެ.
އެހެންނަމަވެސް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ބައިބައިވާފަދަ އެއްވެސް މައްސަލައެއް ނެތް ކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ، ޕީޖީ ގްރޫޕުގެ ލީޑަރޝިޕާއި، މެމްބަރުންނާއި އޮތީ ބަދަހި ގުޅުމެއް ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީނާއިވެސް އެއްވެސް މައްސަލަ ޖެހިފައި ނެތްކަމަށް އެނާ ވިދާޅުވިއެވެ.
" އަޅުގަނޑުމެން ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރޝިޕާއި، ސަރުކާރުގެ އިސްފަރާތްތަކާއި، ހާއްސަކޮށް ރައީސް ޔާމީން އަޅުގަނޑުމެންނާއި ދޭތެރޭ ބަހައްޓަނީ ވަރަށް ގާތްގުޅުމެއް" ފަލާހު ވިދާޅުވިއެވެ.