އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) އިން އިންތިޒާމުކުރި، އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް (އައި.ސީ.އައި.އޭ) ގެ މި އަހަރުގެ ކޮންފަރެންސް ޚާއްސަކުރަނީ އާޓިފިޝަލް އިންޓެލިޖެންސް އެންޑް ހަޔަރ އެޑިޔުކޭޝަނަށް ކަމަށް، ސެންޓަރ ފޯރ ރީސަރޗް ޕަބްލިކޭޝަންގެ ޑީން އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ރާއްޖެއެމްވީއަށް ޝަފީއު ވިދާޅުވީ މިއަހަރުގެ ކޮންފަރެންސަކީ ޔުނިވަރސިޓީގެ 8 ވަނަ ކޮންފަރެންސް ކަމަށެވެ.
ޝަފީއު ވިދާޅުވީ، ކޮވިޑް-19އާއެކު ހަޔަރ އެޑިޔުކޭޝަން ސެންޓަރުތަކުގައި އޮންލައިންކޮށް ކިޔަވައިދިނުން ވަރަށް ބޮޑަށް އާއްމުވެފައިވާ ކަމަށެވެ. އަދި މިހާރު ހަޔަރ އެޑިޔުކޭޝަނަށް ބޮޑު ބަދަލެއް އައިސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެނގިވަޑައިގަންނަވާނެ، ކޮވިޑްގެ ވަބާއަށްފަހު ހަޔަރ އެޑިޔުކޭޝަން ސެންޓަރުތަކުގަ އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކިޔަވައިދިނުން ވަނީ ވަރަށް ބޮޑަށް އާއްމުވެފަ. މިހާރު ހަޔަރ އެޑިޔުކޭޝަނަށް މިވަނީ ވަރަށް ބޮޑު އިންގިލާބެއް އައިސްފަ. މިޕްލެޓްފޯމްތައް ބޭނުންކޮށްގެން އެސައިމެންޓްތައް ހެދުމާ އަދި ދަރިވަރުންގެ އިލްމީ ދިރާސާތައް ހެދުމަށް މި ޕްލެޓްފޯމްތައް ބޭނުންކުރާކަން އަޅުގަނޑުމެންނަށް ވަނީ އެނގިފަ. އެެހެންވީމަ މިފަހަރުގެ ކޮންފަރެންސްގަ ވަރަށް ބޮޑަށް އަލިއަޅުވާލިން މި އާރޓިފިޝަލް އިންޓެލިޖެންސް ޕްލެޓްފޯމްތައް، ހުރި ޕޮސިބިލިޓީތަކާ ގޮންޖެހުންތަކަށް.އިސްމާއީލް ޝަފީއު
ޝަފީއު ވިދާޅުވީ މިއަހަރުގެ ކޮންފަރެންސްވެސް ވަރަށް ކާމިޔާބުވާނެ ކަމަށެވެ.
ޖުމްލަ 223 ރިސާޗަރުން ބައިވެރިވާ މި ކޮންފަރެންސުގައި 52 ކަރުދާސް ހުށަހަޅާނެއެވެ.
އިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި އައި.ޔޫ.އެމްއިން މި ކޮންފަރެންސް ބާއްވަންފެށީ 2016ގައެވެ. ކޮވިޑުގެ ސަބަބުން 2020 އަދި 2021ގައި ބޭއްވީ ހައިބްރިޑްކޮށެވެ. އޭގެ ފަހުން މިދިޔަ 2022ގައި ވަނީ ކުރިއެކޭ އެއްގޮތަށް ފިޒިކަލްކޮށް ބާއްވާފައެވެ.