ކ. މާލެ
|
2 މެއި 2023 | އަންގާރަ 14:28
ގޮއިދޫ ސްކޭޓް ޕާކްގައި ކުދިންތަކެއް ސްކޭޓްކުރަން ގޮސް
ގޮއިދޫ ސްކޭޓް ޕާކްގައި ކުދިންތަކެއް ސްކޭޓްކުރަން ގޮސް
ގޮއިދޫ ސްކޭޓް ޕާކު
ބ.ގޮއިދޫ ސްކޭޓް ޕާކުގައި ކުޑަކުދިން ހުނަރު ދައްކަނީ، ބޮޑު ހަދިޔާއެއް!
ގޮއިދޫ ސްކޭޓް ޕާކް ހުޅުވީ މިއަހަރު

2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބ.ގޮއިދޫގައި ސްކޭޓް ޕާކެއްގެ ބިންގާ އެޅިއެވެ. އެބިންގާ އެޅީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެވެސް ހާޒިރުގައެވެ. އެއީ ގޮއިދޫއަށް ކޮންމެހެން ބޭނުންވާ ތަނެއްކަން ޤަބޫލުކޮށްގެންނެވެ. އޭރުވެސް ގޮއިދޫގައި އެހުނަރު އޮތީތީއެވެ. އެހުނަރު އެރަށުގެ ކުޑަކުދިންނާއި ޒުވާނުން ފައްކާކުރަމުން ދިޔައީ ބަނދަރާ އިންވެގެން އޮތް މަސްކަނޑާ ތަނުގައެވެ. އެތަނުގައި ރޭމްޕެއް ހަދައިގެންނެވެ. އޮލިމްޕިކް ކޮމިޓީން އެޅި ބިންގާ ވެގެންދިޔައީ ގޮއިދޫގެ ކުޑަކުދިންނާއި ޒުވާނުންނަށް ލިބުނު ވަރަށްބޮޑު އުފަލަކާއި, އުއްމީދަކަށެވެ.

އެކަމަކު އެބިންގަލަށް ފަސް އަހަރު ވެގެންދިޔައިރުވެސް ބަނދަރު ސަރަހައްދުގައި އެބިންގާ ހުރީއެވެ. އެބިންގާ ފެންނަ ކޮންމެ ފަހަރަކު އުއްމީދުގެ ލޮލަކުން ބަލަމުން ގޮސް ނާއުއްމީދަށް ބަދަލުވެފައި ވަނިކޮށް, އަލުން އުއްމީދެއް ލިބުނީ ސަރުކާރުން އެރަށުގައި ސްކޭޓް ޕާރކެއް އަޅަން ނިންމާ މަސައްކަތް ފެށުމުންނެވެ. ޔޫތް މިނިސްޓްރީން ވަނީ އެޕާރކްގެ މަސައްކަތް މިއަހަރު ނިންމާފައެވެ.

ގޮއިދޫ ސްކޭޓް ޕާކްގައި ކުޑަކުދިން ދަސްކުރަނީ

މިއަދު ގޮއިދޫގެ ކުޑަކުދިން އެންމެ ގިނައިން ދާތަނަކީ އެޕާކެވެ. ސްކޭޓް ކުރުމުގައި އެކުދިންގެ ހުނަރު އެދައްކަނީ އާދަޔާ ހިލާފަށެވެ. ހެނދުނާއި, މެންދުރާއި ރޭގަނޑުވެސް އެކުދިން އެޕާރކްގައި ހުނަރު ތަރައްޤީ ކުރަނީއެވެ. މާލޭގައި ދިރިއުޅޭ ރަށު ކުދިން ޗުއްޓީއަށް ރަށަށް ދާ އެއް ބޭނުމަކަށް ވަނީވެސް އެޕާކުގައި ސްކޭޓްކޮށްލުމެވެ.

އަޅުގަނޑު އުޅެނީ މާލޭގައި, އަދިކިރިޔާ މިރަށަށް އައިސްފަ މިސްކޭޓްކުރަން ފެށީ. އަޅުގަނޑު ސްކޭޓްކުރަން ދަސްކުރީވެސް މިރަށުގައި. ސްކޭޓްކުރަން ދަސްވުމުން އަޅުގަނޑަށް އިނގުން މިއީ ވަރަށް މަޖާ ކުޅިވަރެއްކަން.
ގޮއިދޫ ކުޑަކުއްޖެއް

މަސްކަނޑާ ތަނުން ސްކޭޓް ޕާކަކަށް ބަދަލުވުމަކީ އެކުދިންނަށް ލިބުނު އެންމެ ބޮޑު އުފަލެވެ. ހުނަރު ތަރައްޤީ ކުރަން ލިބުނު ފަހި ފުރުޞަތެވެ. ރޭމްޕުތަކުން ފައިބާލާ, ބަންޕު ތަކުން ގޮސްލާ ހެދުމަކީ ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭކަމެއްކަން އެކުދިން ފާހަގަކުރިއެވެ. ގޮއިދޫ ސްޕޯރޓްސް އެންޑް ޑިވެލޮޕްމަންޓް ސޮސައިޓީގެ ރައީސް ހަސަން ނިޒާމް ބުނީ ޕާރކެއް ލިބުމުން ކުދިންވެސް އަދި ޒުވާނުންވެސް ބޮޑު އުފަލެއް ލިބިއްޖެކަމަށެވެ. އޭނާ ބުނީ ގޮއިދޫއަށް ޕާކެއް ވަރަށް ހައްޤު ކަމަށާއި, މިއީ ގިނަ ދުވަސްތަކެއްގެ އުއްމީދެއް ކަމަށެވެ. އޮލިމްޕިކް ކޮމިޓީން އަޅަން މަސައްކަތްކުރި ޕާކްވެސް ހަޤީޤަތަކަށް ނުވިކަން އޭނާ ފާހަގަކުރިއެވެ. އެކަމަކު މިއަދު ސަރުކާރުން ގޮއިދޫގައި ސްކޭޓް ޕާކެއް އެޅުމުން އޭނާ ވަނީ ޔޫތް މިނިސްޓްރީއަށް ޝުކުރު އަދާކޮށްފައެވެ.

ގޮއިދޫ ސްކޭޓް ޕާކް ކައިރި އިރުކޮޅަކު މަޑުކޮށްލި ނަމަވެސް ޔަޤީންވާނެ ކަމަކީ އެރަށަށް ސްކޭޓެއް ޕާކެއް މުހިއްމުކަމެވެ. ސްކޭޓް ޕާކެއް ގޮއިދޫގައި އެޅުން ލަސްވެސް ވެއްޖެކަމެވެ. އެޕާރކުން ހެނދުނާއި, ހަވީރާއި ރޭގަނޑުވެސް ފެންނާނީ ހުނަރެވެ.  

- ކޮމެންޓް