ސީރިއާއި ގުޅުން ގާއިމުކޮށް ގުޅުން ރަނގަޅުކުރުމާއި ގުޅޭގޮތުން އަރަބި ގައުމުތަކުގެ މިނިސްޓަރުން އުރުދުންގައި މަޝްވަރާކުރައްވައިފިއެވެ.
މިއީ 2011 ވަނަ އަހަރު ސީރިއާގެ ރައީސް ބައްޝާރުލް އަސަދު އާއި ދެކޮޅަށް ކުރިޔަށްދިޔަ މުޒާހަރާތަކާއި ގުޅިގެން އަރަބި ލީގުން ސީރިއާ ސަސްޕެންޑްކުރުމަށްފަހު ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ. ފާއިތުވި ދުވަސްތަކުގައި ސީރިއާ ގައި ދާޚިލީ ހަނގުރާމަ ހިނގަމުން އައިއިރު އަރަބި ގިނަ ގައުމުތަކުން ވަނީ ސީރިއާ އާ ގުޅުން ކަނޑާލާފައެވެ.
އުރުދުން އިން ވަނީ ސީރިއާ އިން އަރަބި ގައުމުތަކާއި ގުޅުން ރަނގަޅުކުރުމަށް ރޯޑްމެޕެއް އެކުލަވާލާ ސީރިއާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ. އެގޮތުން ސީރިއާގެ ރެފިޔުޖީންގެ މައްސަލައާއި، ގައިދީންނާއި، ޑްރަގް އެތެރެކުރާ މީހުންނާއި އިރާނުން ސަޕޯޓްދީގެން ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ މައްސަލަތަކާއި މިނޫންވެސް އަވަށްޓެރި ގައުމުތަކަށް އެކަމުން އަސަރުކުރާ މައްސަލަތަކަށް ހައްލު ގެނައުމަށް ވަނީ ގޮވާލާފައެވެ.
ސީރިއާ، މިސްރު، އިރާގު، ސައުދީ އަރަބިއްޔާ އަދި އުރުދުންގެ މިނިސްޓަރުން ބައްދަލުކުރެއްވުމުގެ ކުރިން ސީރިއާގެ ފޮރިން މިނިސްޓަރ ފައިސަލް ވަނީ އުރުދުންގެ ފަރާތުން ވާހަކަތަކުގައި ބައިވެރިވެވަޑައިގަންނަވާ އައިމަން ސަފާދީ އާ އުރުދުންގެ ވެރިރަށް އައްމާން ގައި ބައްދަލުކުރައްވާފައިކަމަށް އުރުދުންގެ ފޮރިން މިނިސްޓްރީން ބުނެއެވެ. މިބައްދަލުކުރެއްވުމުގައި ރެފިޔުޖީންގެ މައްސަލައާއި ފެނާއި، ބޯޑަރުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުންނާއި ޑްރަގްގެ މައްސަލައަށް ހައްލު ގެނައުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް އުރުދުންގެ ފޮރިން މިނިސްޓްރީން ބުނެއެވެ.
އުރުދުން އިން އަންނަނީ ސީރިއާއިން އެގައުމަށް މަސްތުވާތަކެތި އެތެރެކުރާ ހަނގުރާމަވެރި ޖަމާއަތްތަކާއި ހަނގުރާމަކުރަމުންނެވެ. ހޯމަ ދުވަހު އުރުދުންގެ ދައުލަތުގެ މީޑިޔާއިން ބުނެފައިވަނީ މަސްތުވާތަކެތި އެތެރެކުރާ މީހުން ހޯދުމަށް އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައިވާކަމަށާއި އެއޮޕަރޭޝަންގައި އެކަކު މަރުވެ ދެން ތިބި މީހުން ވަނީ ސީރިއާއަށް ފިލަން ވަދެފައިކަމަށެވެ.
އަރަބި ގައުމުތަކުގެ މިނިސްޓަރުންނާއި ސީރިއާ އާ ދެމެދު އަލުން ވާހަކަތައް މިފެށީ ސައުދީގައި މީގެ ދެ ހަފްތާކުރިން ގަލްފް ކޯޕަރޭޝަން ކައުންސިލާއި، މިސްރާއި، އުރުދުން އަދި އިރާގުން ކުރިޔަށް ގެންދިޔަ މަޝްވަރާތަކަށްފަހުއެވެ. އެމަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ ސީރިއާ އަލުން އަރަބި ލީގާއި ގުޅުމާއި ގުޅޭގޮތުންނެވެ. ނަމަވެސް އެވާހަކަތައް ވަނީ ނާކާމިޔާބުވެފައެވެ.
އަރަބި ގައުމުތަކާއި ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމުތަކަށް އެއްބަސްވުމަކާ ހަމައަށް ނާދެވިގެންއުޅެނީ މެއި 19 ވަނަ ދުވަހު އޮންނަ އަރަބި ލީގު ސަމިޓަށް ސީރިއާގެ ރައީސް ބައްޝާރަލް އަސަދަށް ދައުވަތު އެރުވުމާއި ގުޅޭގޮތުންނެވެ. އަސަދާއެކު ގުޅުން ރަނގަޅުކޮށް އަލުން އަރަބި ލީގާ ސީރިއާއަށް ގުޅެވޭނީ ކޮން ޝަރުތުތަކަކާއެކުކަން ކަނޑައެޅުމުގައެވެ.
ސަރަހައްދުގެ އެއްބާރުގެ ގޮތުގައި ބެލެވޭ ސައުދީން ވަނީ އަސަދާއެކު ގުޅުން ބޭއްވުމަށް ދެކޮޅު ހަދާފައެވެ. ނަމަވެސް ދާދިފަހުން އިރާނާއެކު އަލުން ގުޅުން ގާއިމުކޮށްފައިވުމާއެކު ސީރިއާ އާ ގުޅުން ބަދަހިކުރުމަށް ސައުދީން މިހާރު ތައްޔާރުކަން ވަނީ ހާމަކޮށްފައެވެ.
ސައުދީގައި ކުރިޔަށްދިޔަ ބައްދަލުވުމުގައި އަރަބި ލީގުގެ ސަމިޓްގައި ބައިވެރިވުމަށް އަސަދަށް ދައުވަތު ދިނުމާއި މެދު ދެކޮޅު ހެދުންތަކެއް އުފެދިފައިވާއިރު ގަތަރާއި، އުރުދުން އަދި ކުވައިތުންވެސް ބުނަމުން އަންނަނީ ސީރިއާ އިން ސުލްހައިގެ ޕްލޭނަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އެއްބަސްނުވާހާ ހިނދަކު އަސަދަށް ދައުވަތު ދިނުމަކީ އަދި ކުރަން މާ އަވަސްކަމެއްކަމަށެވެ.
އެމެރިކާއިން ބުނަމުން އަންނަނީ ސީރިއާ އާ މެދު އެމެރިކާއިން ގެންގުޅެމުން އަންނަ ސިޔާސަތު ބަދަލުނުކުރާނެ ކަމަށެވެ.