ކ. މާލެ
|
8 ޖުލައި 2017 | ހޮނިހިރު 13:29
ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
ރާއްޖެ އެމްވީ
މެމްބަރު ސައުދު
އޭސީސީއިން ބަލާ މައްސަލައިގެ ބައެއް ލިޔުންތައް ނުފެނުނު ކަމަށް ބުނެ ސައުދު ފުލުހަށް ހާޒިރުކުރަނީ
އެޭސީސީން ބަލަމުންދާ މައްސަލައިގެ ލިޔުންތައް ނުފެނުނު ކަމަށް ބުނެ
ސައުދުގެ މައްޗަށް މައްސަލައިގެ ތުހުމަތު ކުރޭ
ސައުދު ވިދާޅުވަނީ ސިޔާސީ ބޭނުމަކަށް ކުރާ ތުހުމަތުތަކެއް ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ތުހުމަތުތަކެއްކޮށް ބަލަމުންދާ މައްސަލައިގެ ބައެއް ލިޔެކިޔުން ނުފެނުނު ކަމަށް ބުނެ ފުލުހަށް ހާޒިރުވުމަށް އޭނާ އަށް އަންގައިފި އެވެ.

އޭސީސީއިން ތަހުގީގު ކުރަމުންދާ މައްސަލައަކީ ގއ. ވިލިނގިލީ ކައުންސިލްގެ ރައީސްގެ މަގާމުގައި ސައުދު ހުންނެވިއިރު ހިންގި ކަމަށްބުނާ ކޮރަޕްޝަނުގެ މައްސަލައެކެވެ. އެ މައްސަލައާ ގުޅިގެން މިމަހުގެ ދެވަނަ ދުވަހު ސައުދު އޭސީސީއަށް ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ. އޭނާ ވަނީ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.

އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް ހާޒިރުވުމަށް ސައުދުއަށް އަންގައި ފުލުހުން ފޮނުވާފައިވާ ޗިޓުގައި ބުނެފައިވާ ގޮތުގައި އޭނާ ހާޒިރުކުރަނީ އޭސީސީން ތަހުގީގުކުރަމުންދާ މައްސަލައާ ގުޅިގެން ވިލިނގިލީ ކައުންސިލުން ހޯދަން ބޭނުންވާ ލިޔުންތައް "ހޯދަން ބެލިއިރު އެ ލިޔުންތަކުގެ ތެރެއިން ބައެއް ލިޔުންތައް ހޯދައި ނުފެނިފައިވާ" މައްސަލަ ކަމަށެވެ.

ޗިޓުގައި ބުނެފައިވާ ގޮތުގައި ސައުދު ހާޒިރުކުރަނީ އެ މައްސަލައާ ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށެވެ. ޗިޓުގައި ބުނެފައިވާ ގޮތުގައި ލިޔުންތައް ހޯދައި ނުފެނުނު މައްސަލައިގެ ތުހުމަތު ކުރަނީ ސައުދަށެވެ.

ފުލުހުން ފޮނުވި ޗިޓާއެކު ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ސިޔާސީ ތުހުމަތު ސީޒަން 2، އެޕިސޯޑް 4، " އަށް ފުލުހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ. މިމަހުގެ ދެވަނަ ދުވަހު އޭސީސީއަށް ހާޒިރުވާން އެންގުމުން އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ "ސިޔާސީ ތުހުމަތު ސީޒަން 2، އެޕިސޯޑް 3" އަށް އޭސީސީއަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.

ލިޔުންތަކެއް ނުފެނުނު ކަމަށް ބުނާ މައްސަލައެއްގައި ސައުދު ފުލުހަށް ހާޒިރުކުރާއިރު، ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ސައުދުގެ މައްޗަށް ފުލުހުން ގެންދަނީ ތަހުގީގެއް ހިންގަމުންނެވެ.

ސައުދަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެކި ކަންކަމަށް ފާޑުވިދާޅުވާތީ، ޕީޕީއެމުން މިދިޔަ އޭޕްރީލް މަހު ވަކިކޮށްފައިވާ ބޭފުކެވެ. ޕީޕީއެމުން ވަކިކުރުމާއެކު ސައުދު ސިޔާސީ މަސައްކަތްތައް ކުރައްވަމުން ގެންދަވަނީ އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުގަ އެވެ.

 

 

 

- ކޮމެންޓް