ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ދައުރުގައި ރާއްޖޭގެ އެތެރޭގެ ހަމަޖެހުމާއި ސަލާމާތާއި ރައްކާތެރިކަން ވަރަށް ބޮޑަށް ކަށަވަރު ކުރެވިފައިވާ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއަރޒް އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ސްޓޭޓް މިނިސްޓަރު ވިދާޅުވީ ހޯމް މިނިސްޓްރީގެ އިތުރުން މިނިސްޓްރީގެ މަސައްކަތްތައް ބޮޑަށް ބައްޓަން ކުރެވިފައިވަނީ ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށާއި، ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތްތައް ކުރުމަށެވެ. އަދި ވިދާޅުވީ ރައްޔިތުން އެންމެ ބޮޑަށް އެދޭ އެއްއެދުމަކީ ވެސް ރާއްޖޭގެ އެތެރޭގެ ހަމަޖެހުމާއި ސަލާމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދެބިތިބުން ކަމަށެވެ.
މީގެ އިތުރުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ މިފާއިތު 4 އަހަރުގެ ތެރޭގައި ކާމިޔާބު ގިނަ މަސައްކަތްތައް ކުރެވިފައިވާ ކަަމަށާއި، ކުރީގެ ރިޔާސީ ދައުރާ އަޅާބަލާއިރު، މާރާމާރި އާއި ގޭންގްއާ ގުޅުންހުރި މައްސަލަތައް ވަރަށް ބޮޑަށް މަދު ކުރެވިފައިވާ ކަމަށެވެ.
ތިބޭފުޅުން ބައްލަވާ ތަފާސްހިސާބު. 2013 ވަނަ އަހަރުން ފެށިގެން 2018 އާ ހަމައަށް ރާއްޖޭގެ މާރާމާރީތައް ގޭންގު ރިލޭޓް ކަންކަމުގައި ދިމާވެފައި ހުރި ހާދިސާތަކުގައި ރާއްޖޭގައި މަރުވެގެންދިޔަ ދިވެހިންގެ އަދަދު ގާތްގަނޑަކަށް 25 އަށް އަރާނެ. މި ހިނގަމުންދާ ރިޔާސީ ދައުރުގައި 5 ނުވަތަ 4 މަރު ގޭންގް ރިލޭޓް ކަންތައްތަކުގައި ހިނގާފައިވަނީ. ގާތްގަނޑަކަށް 75 އިންސައްތަ ކުޑަ އަދަދެއް. މީގެ ކުރީގެ ރިޔާސީ ދައުރާ ބަލާފައި. އެކަންކަން އެގޮތަށް ވަނީ އިއްތިފާގަކުން ނޫން. އެއީ ލިޔެވި ހިސާބު ކުރެވި ވެފައިވާ ސިޔާސަތުތަކެއް ތަންފީޒު ކުރަމުންދާތީ ވަމުންދާ ކަންކަން.މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއަރޒް އަލީ ނަޒީރު
ސްޓޭޓް މިނިސްޓަރު ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަދިވެސް ކުރަންޖެހޭ ގިނަ މަސައްކަތްތައް އެބަހުރި ކަމަށާއި، އެމަސައްކަތްތައް ކުރިއަށް އޮތްތަނުގައި ކުރިއަށްދާނެ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތްތަނުގައި މިއަށްވުރެ ވެސް އަމާން ފަހި މުޖުތަމައުއަކަށް ދިވެހި މުޖުތަމައު ބަދަލުވެގެންދާނެ ކަމަށެވެ.
ދިވެހި ރައްޔިތުންނާއި ރާއްޖެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އަމާން ހަމަޖެހޭ އުފާވެރި މުޖުތަމައުއެއްގެ ގޮތުގައި ރާއްޖޭގެ ބޭއްވުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކުރާނެކަމުގެ ޔަގީންކަން ސްޓޭޓް މިނިސްޓަރު ދެއްވިއެވެ.