ބަޔާން މިއުނިކްގައި އެއްވެސް ހަކަތައެއް ނެތް ކަމަށް ކޯޗު ތޯމަސް ޓުކެލް ބުނެފި އެވެ.
މީގެ ތިން ހަފުތާ ކުރިން ކޯޗުކަމުން ހޫލިއަން ނާގެލްސްމަން ވަކިކުރުމަށްފަހު ކޯޗުކަން ހަވާލުކުރި ޓުކެލް ބުނީ އޭނާގެ ކޯޗުކަމުގައި މިހާތަނަށް ކުޅުނު ގިނަ މެޗުތަކުގައި ބަޔާންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެއް ކަމަށެވެ.
އަހަރުމެންގެ އެއްވެސް ހަކަތައެއްނެތް. އަހަންނަކަށް ނޭނގެ ކީއްވެ ކަމެއް. މިއީ ވަރަށް އުނދަގޫ ވަގުތެއް. މި ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެންނަނީ 70 މެޗު ކުޅެފައި ވަރުބަލިވެފައި ތިބި ބައެއްގެ ފަރާތުން ވެސް ފެންނާނެ އަލާމާތްތައް. އަހަރުމެން މި ތިބީ ނުހޭލައި. މުޅިން ވަރުބަލިވެ، ގޮތް ގޮސްވެފައި ތިބޭތަން ފެންނަނީޓުކެލް
ކުރިން ޗެލްސީ އާއި ޕީއެސްޖީ އަށް ވެސް ކޯޗުކޮށްދިން ޓުކެލް ބަޔާންއާ ހަވާލުވިއިރު ބަޔާންގެ ކުޅުންތެރިން ތިބީ ނާގެލްސްމަން ވަކިކުރި މައްސަލާގައި ދެބައިވެފަ އެވެ. އަދި ބައެއް ކުޅުންތެރިންގެ މެދުގައިވެސް ވަނީ ކޯޗު ބަދަލުކުރި މައްސަލާގައި ވަރަށް ބޮޑަށް މައްސަލަޖެހިފަ އެވެ.
ބަޔާން ޗެމްޕިއަންސްލީގުން ކަޓާފައިވާއިރު ޖަރުމަނު ލީގުގައި ވެސް ވަނީ ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރު ގެއްލިފަ އެވެ. އެންމެ ފަހުގެ ފަސް އަހަރުގެ ޗެމްޕިއަން މިހާރު އޮތީ 59 ޕޮއިންޓާއެކު ދެވަނާގަ އެވެ. އެއްވަނާގައިވަނީ ވާދަވެރި ބޮރޫޝިޔާ ޑޯޓްމުންޑެވެ. އެ ޓީމަށް ލިބިފައިވަނީ 60 ޕޮއިންޓެވެ.
ޗެމްޕިއަންކަން ދިފާއު ނުކުރެވިއްޖެނަމަ އަންނަ ސީޒަނުގައި ބަޔާންއިން ޓުކެލްގެ ބަދަލުގައި އާ ކޯޗަކަށް ފުރުސަތު ދިނުން އެކަށީގެންވާ ކަމަށް ޖަރުމަނުގެ މީޑިއާތަކުން ދަނީ ބުނަމުންނެވެ. އަނެއް ބަޔަކު ބުނަނީ މި ސީޒަނުގައި ތަށި ނުލިބުނަސް ޓުކެލް ޓީމާ ހަވާލުވިތާ މާ ގިނަ ދުވަހެއް ނުވާތީވެ އޭނާ އަށް އަންނަ ސީޒަން މެނޭޖްކުރަން ފުރުސަތުދޭނެ ކަމަށެވެ.