ކ. މާލެ
|
27 އޭޕްރިލް 2023 | ބުރާސްފަތި 16:00
ނެކްސްޓްޖެން ގަރލްސް ވަރޗުވަލް އިނޮވޭޝަން ޓުއަރގެ ތެރެއިން
ނެކްސްޓްޖެން ގަރލްސް ވަރޗުވަލް އިނޮވޭޝަން ޓުއަރގެ ތެރެއިން
ވިމެން އިން ޓެކް
ނެކްސްޓްޖެން ގަރލްސް ވަރޗުވަލް އިނޮވޭޝަން ޓުއަރ
ނެކްސްޓް ޖެން ގަރލްސް ވަރޗުވަލް އިނޮވޭޝަން ޓުއަރ ފަށައިފި
މިއީ 2019 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ހަރަކާތެއް
ކުރިމަގުގެ އަންހެން ކުދިންނަށް އިޚްތިޔާރު ކުރެވިދާނެ ދާއިރާއެއްކަމުގައި ދައްކައިދޭނެ
މި ވަރޗުއަލް ޓުއަރ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޕްރީލް 26ން 28 ވަނަ ދުވަހުގެ ނިޔަލަށް

ނެކްސްޓް ޖެން ވަރޗުއަލް އިނޮވޭޝަން ޓުއަރ ފަށައިފިއެވެ.

މިއީ ބައިނަލް އަގުވާމީ އައިސީޓީ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ކުދިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން, ވިމެން އިން ޓެކް މޯލްޑިވްސްއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން 2019 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދާ ޚާއްސަ ހަރަކާތެކެވެ. މިއަހަރު މިހަރަކާތް ކުރިޔަށް ގެންދަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ވެސް ބައިވެރިވުމާއެކުގައެވެ.

ގްރޭޑް 7ން ފެށިގެން 12 ވަނަ ގްރޭޑްގައި ކިޔަވަމުންދާ އަންހެން ދަރިވަރުންނަށް ޚާއްސަ ކުރެވިފައިވާ މި ހަރަކާތުގެ އަމާޒަކީ، މިއީ ކުރިމަގުގެ އަންހެން ކުދިންނަށް ކެރިއަރެއްގެ ގޮތުގައި އިޚްތިޔާރު ކުރެވިދާނެ ދާއިރާއެއްކަމުގައި ދައްކައިދިނުމާއި އެކަމަށް ހިތްވަރު ދިނުމެވެ. ޕްރޮގްރާމުގައި ބައިވެރިވާ އިދާރާތަކާ ކުދިންނާ ގުޅުވައިދީ, މައުލޫމާތު ބަދަލުކުރެވުމުގެ ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމެވެ. އަދި މިދާއިރާގެ އެކިއެކި ވަޒީފާގެ ހުނަރުތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމާއި، އެކިއެކި ވަޒީފާތަކުގައި ކުރާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމުގެ އިތުރުން ވަޒީފާ ނުވަތަ މަތީ ތައުލީމުގެ ދާއިރާ ޚިޔާރުކުރުމުގައި އައިސީޓީ ދާއިރާ ޚިޔާރުކުރުމަށް ބާރުއެޅުމެވެ. މީގެ އިތުރުން ދިވެހިންގެ ބައިވެރިވުމާއެކު ޓެކޮނޮލޮޖީގެ އުފެއްދުންތަކާއި ގެންނަ ކުރިއެރުންތަކަށް ކުދިން ހޭލުންތެރިކުރުވުމެވެ.

މި ވަރޗުއަލް ޓުއަރ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެޕްރީލް 26ން ފެށިގެން 28 ވަނަ ދުވަހު ރާއްޖޭގެ ސާނަވީ އަދި މަތީ ސާނަވީ އަންހެން ކުދިންނަށް އަމާޒުކޮށްގެން، އޮންލައިންކޮށެވެ. އަދި މި ޓުއަރގެ ސެޝަންތައް ނެގުމަށް ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި؛ ސަރުކާރާއި އަމިއްލަ ކުންފުނިތައް ހިމެނޭގޮތުން 12 ފަރާތެއް ބައިވެރިވެއެވެ.

ސެޝަންތަކުގައި މައުލޫމާތުދޭނީ؛ ދިރާގު, އުރީދޫ, އެލައިޑް އިންޝުއަރެންސް ކޮމްޕެނީ, މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް, ލޮޓީފައިލްސް, ވިމެން އިން ޓެކް މޯލްޑިވްސް, މޯލްޑިވްސް ޕެންޝަން އޮފީސް, ބޭންކް އޮފް މޯލްޑިވްސް, މޯލްޑިވްސް ކަސްޓަމްސް, އެންސީއައިޓީ, ޓެކްނިއުސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ.

މި ސެޝަންތަކުގައި ބައިވެރިވާ އިދާރާތަކުގެ މަސައްކަތުގެ މާހައުލާއި ވަޒީފާއާގުޅޭ މައުލޫމާތު ދެވޭނެއެވެ. ޓެކްނޮލޮޖީ ޓީމްތައް މަސައްކަތުގައި ބޭނުންކުރާ ޓޫލްސް, ރިސޯސަސް އަދި އުފެއްދުންތަކުގެ މައުލޫމާތު ފޯރުކޮށްދޭނެއެވެ. މިއިވެންޓުގެ މެއިން ޕާޓްނަރުގެ ހައިސިއްޔަތުން އެމްއެމްއޭއިން ބުނެފައިވަނީ މިފަދަ ޚާއްސަ ކަމަކަށް އެއްބާރުލުން ދޭން ލިބުނު ފުރުސަތަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، ތައުލީމަކީ ދިރިއުޅުން ބަދަލުކޮށްލާ ބާރެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގައި އައި.ސީ.ޓީ ތައުލީމު ކުރިއެރުވުމަށާއި، ރާއްޖޭގެ ޒުވާން އަންހެން ކުދިން ބާރުވެރި ކުރުވުމަށް އިސްކަންދޭ ކަމަށެވެ. މިހަރަކާތަކީ ކާމިޔާބު ހަރަކާތަކަށް ހެދުމަށް މަސައްކަތްކުރާކަން ފާހަގަކޮށް ބުނެފައިވަނީ، ކުރިއަރަމުން ބަދަލުވަމުން އަންނަ މިދާއިރާއަށް އަންހެން ކުދިންގެ ޝައުގުވެރިކުރުވައި، މިދާއިރާއިން ކުރިއަށް ދެވެން ހުރި ފުރުސަތުތައް ދެނެގަތުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ދުނިޔޭގެ 166ށްވުރެ ގިނަ ގައުމުތަކުގައި އެކިއެކި ފެންވަރުގައި ފާހަގަކުރާ ބައިނަލް އަގުވާމީ އައިސީޓީ ދާއިރާގެ އަންހެން ކުދިންގެ ދުވަހަކީ އިންޓަރނޭޝަނަލް ޓެލެކޮމިނިއުކޭޝަން ޔޫނިއަން (އައިޓީޔޫ)އިން އިންތިޒާމްކޮށްގެން ދުނިޔޭގެ ފެންވަރުގައި ކުރިއަށްގެންދާ ހަރާކާތެކެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޭޕްރިލްގެ 4 ވަނައަށް ވާ ބުރާސްފަތި ދުވަހުއެވެ.

އަންހެން ކުދިންނާއި ޒުވާން އަންހެނުން ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި ހިސާބު (ސްޓީއީއެމް) ކެރިއަރުގައި ކުރިއަރައި ދިއުމަށްޓަކައި ޑިޖިޓަލް ދުނިޔޭގައި އައިސީޓީ ބޭނުންކުރާ މީހުންނާއި އުފެއްދުންތެރިންނަށް ވުމުގެ ހުނަރު ހޯދުމުގެ މުހިންމުކަން ދެނެގަނެ، ޒުވާނުންނާ މަޝްވަރާކޮށްގެން، އައިސީޓީ 2023ގައި އަންހެން ކުދިންނަށް ތީމެއްގެ ގޮތުގައި އައިޓީޔޫއިން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ ''ޑިޖިޓަލް ސްކިލްސް ފޯ ލައިފް''އެވެ.

- ކޮމެންޓް