ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލޯ ވަރަށް ބޮޑަށް އިންފެކްޓް ވެފައިވާ ކަމަށާއި ލޮލުގެ ޕްރެޝަރު ވެސް މަތިވެފައިވާ ކަމަށް ގާނޫނީ ވަކީލް ވިދާޅުވެއްޖެ އެވެ.
އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ އަދީބުގެ ލޮލަށް ގްލުކޯމާ ޖެހުމުގެ އިތުރުން ވާތު ލޮލުގެ ކުލަ ބަދަލުވަމުންދާ ކަމަށެވެ. އެގޮތުން، ލޮލުގެ ކުލަ ބަދަލުވަމުންދަނީ އިންފެކްޝަނެއްގެ ސަބަބުން ކަމަށާއި ފަރުވާ ނުދެވިއްޖެ ނަމަ ކުލަ ބަދަލުވަމުން އަންނަ ސަރަހައްދު ލަކުނަކަށް ބަދަލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިރާޖު ވިދާޅުވީ އަދީބުގެ ލޮލުގެ ޕްރެޝަރު ވެސް މަތިވެފައިވާ ކަމަށް ޑޮކްޓަރާ ހަވާލާދީ އަދީބު ވިދާޅުވެފައިވާ ކަމަށެވެ.
އަދީބުގެ ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި އަދީބު މާލެ ގެނެސް ޑޮކްޓަރަށް ދެއްކުމަށް ފަހު، ތަފްސީލުތައް އާއިލާއާ އަދި ވަކީލުންނާ ވެސް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.
ލޮލަށް ގްލުކޯމާ ޖެހުމުގެ އިތުރުން އަދީބު އެތެރެ ހަށީގައި ސިސްޓްތަކެއް ނަގާފައިވާ ކަމަށާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ވަކީލުންނާއި އާއިލާ އިން ދަނީ ބުނަމުންނެވެ. އެ ބަލިތަކަށް ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަދީބަށް ދިނުމަށް އެ ފަރާތްތަކުން ދަނީ ސަރުކާރުގައި އެދެމުންނެވެ.
ނަމަވެސް، ސަރުކާރުން ބުނަމުން ދަނީ ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަދީބަށް ދީފި ނަމަ ފިއްލަވާނެ ކަމަށާއި، އެހެންކަމުން އެފަދަ ހުއްދައެއް ނުދެވޭނެ ކަމަށެވެ.
ސިރާޖު ވިދާޅުވީ އަދީބަށް ދޭންޖެހޭ އެކަށީގެންވާ ފަރުވާ ނުދެވިއްޖެ ނަމަ ޖަލުގައި އެމަނިކުފާނު އަވަހާރަވެދާނެ ކަމަށާއި އެފަދަ ބޮޑު ކަމެއް ވެއްޖެ ނަމަ ސަރުކާރުން އެކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނެ ކަމަށެވެ. އަދި އަދީބު ފިއްލަފާނެ ކަމަށް ކުރާ "ހީއެއްގެ" މައްޗަށް ބިނާކޮށް ސިއްޙީ ފަރުވާ ދިނުމަށް އިންކާރުކުރުކޮށް، ފަރުވާ ލިބުމުން މަހުރޫމް ކުރުމަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފްވުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޓެރަރިޒަމްގެ ދެ މައްސަލައަކާއި ޚިޔާނާތުގެ މައްސަލައެއް ސާބިތުވެ 33 އަހަރުގެ ޖަލު ހުކުމްތަކެއް ތަންފީޒް ކުރައްވަމުން ގެންދަވާ އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ. އަދީބުގެ ބޭސްފަރުވާގެ ކަންކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވަ އެވެ.