ޖިރޯނާ އަތުން ލީގުގައި ވީބައްޔާ ގުޅިގެން ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީ މަޢާފަށް އެދިއްޖެއެވެ.
ރެއާލް ކޮޅަށް ޖިރޯނާއިން ހަތަރު ލަނޑު ޖެހި މެޗަށް އިޝާރާތްކޮށް އެންޗެލޮޓީ ބުނީ އެމެޗުގައި ތަމްޘީލްވެގެން ދިޔައީ ރެއާލް މެޑްރިޑް ނޫންކަމަށެވެ. 4-2 ން ބަލިވި މެޗާ ގުޅޭގޮތުން ކޯޗު ބުނީ އެއީ ސަޕޯޓަރުންވެސް ކުޅުންތެރިންވެސް ކޯޗިންގ ޓީމަށްވެސް ބަލައި ނުގަނެވޭނެ ހިތްދަތި ނަތީޖާއެއް ކަމަށެވެ. އެކަމަށްޓަކައި މައާފަށް އެދޭކަމަށެވެ. އެއާއެކު އެންޗެލޮޓީ ދިން ޔަޤީންކަމަކީ ކަޕް ފައިނަލާއި, ޗެމްޕިއަންސް ލީގު ސެމީފައިނަލްގައި ރަނގަޅުވާނެ ކަމުގެ ޔަޤީންކަމެވެ. ޖިރޯނާ އަތުން ވީބަލީގެ އަސަރު ކުރިއަށް އޮތް މުހިއްމު ދެ މެޗަށް ނުކުރާނެކަމުގެ ޔަޤީންކަން އެންޗެލޮޓީ ދިނެވެ. ކަޕް ފައިނަލްގައި ރެއާލް ވާދަކުރާނީ އޮސަސޫނާއެވެ. ޗެމްޕިއަންސް ލީގު ސެމީފައިނަލްގައި ވާދަކުރަން ޖެހެނީ ޔޫރަޕްގައި މިވަގުތު އޮތް އެންމެ ވަރުގަ އެއް ޓީމް ސިޓީއާއެވެ.
ޖިރޯނާ އަތުން ބަލިވި ސަބަބުތަކާ ގުޅޭގޮތުން ވާހަކަދައްކަމުން އެންޗެލޮޓީ އެންމެބޮޑަށް ފާހަގަކުރީ ޑިފެންސްގެ މައްސަލައެވެ. މެޗުގައި ރެއާލް މެޑްރިޑް ކޮޅަށް ހަތަރު ލަނޑުވެސް ޖެހީ ކަސްތެޔާނޯސްއެވެ. މިއީ މިދިޔަ 75 އަހަރުގެ ތެރޭގައިވެސް ލަލީގާ މެޗެއްގައި ރެއާލް ކޮޅަށް އެއް ކުޅުންތެރިއަކު ހަތަރު ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.