ރާއްޖޭގެ ހުރިހާ ސިޔާސީވެރިންގެ ވިސްނުމާއި ފިކުރު ހުންނާނީ ވެރިކަމަށް ވަޑައިގަތުމަށް ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާޙް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީން ގެނެސްދޭ "މިރައީސް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ފަލާޙް ވިދާޅުވީ ހުރިހާ ސިޔާސީވެރިންގެވެސް ވިސްނުމަކަށްވާނީ ވެރިކަން ހޯދުން ކަމަށާއި މިއީ ޝައްކެތްވެސް އޮތް ކަމެއް ނޫން ކަމަށެވެ.
އެހެން ނަމަވެސް އެންމެންގެ ވިސްނުމާއި ފިކުރު އެއްގަލަކަށް ނާރާވެސް ވެރިކަމަށް ވަޑައިގަތުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ޕާޓީީތައް ގުޅިގެން ވެސް އެކިއެކި ފެންވަރުގައި ކުރަމުންދާ މަސައްކަތުގައި، އެފަދަ ގޮތަކަށް ވެރިކަން ހޯދުމަށް މަސައްކަތް ކުރުމަކީ، އެއީ ދުޝްމަނެއް ކަމަށް ދެކެވަޑައިނުގެންނެވުމަށް ކަމަށް ފަލާޙް ވިދާޅުވިއެވެ.
ރައީސް ޔާމިން އާއި ބައިއަތު ހިފައިގެން އިދިކޮޅު ފަރާތްތަކަށް ވަރަށް ރަނގަޅަށް މަސައްކަތް ކުރެވެން އެބަ އޮތް ކަމަށާއި އިދިކޮޅު ފަރާތްތަކުން ދުރަށް ޖެހިވަޑައިގަތީ ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކަށް މި ސަރުކާރުން އަރައިގަންނަމުންދާތީ އެކަމަށް ކެތް ނުކުރެވިގެން ކަމަށް ފަލާޙް ވިދާޅުވިއެވެ.
މިހާރުވެސް ޕީޕީއެމްގެ ރައީސްގެ މަޤާމުގައި ހުންނެވި ރައީސް މައުމޫނު އެ ޕާޓީން ބޭރުކުރައްވާ، ރައީސް ޔާމިންގެ ނޭއްގާނީކަން ދައްކަމުންދާ ކަމަށާއި ރައީސް ޔާމިން ރައްޔިތުންނާއި ކުރިމަތިލާން ޖެހިވަޑައިގަންނަވާނީ ވޯޓަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޔާސީ ފަރާތްތަކުން ރައީސް ޔާމިން އެކަހެރިކުރެއްވީ އެމަނިކުފާނުގެ ހުންނަވާ ރުންކުރުކަމުގެ ސަބަބުން ކަމަށް ފަލާޙް ވިދާޅުވިއެވެ.
މީގެ އިތުރުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަޤާމުން ދުރުކުރުމަށްފަހު ސަރުކާރު ޖަވާބުދާރީ ކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި މިސަރުކާރާމެދު ހުރި އެންމެ ކަންބޮޑުވާއެއް ކަމަކީ މިހާރު މިސަރުކާރުން ކުރިއަށްގެންދާ އެއްވެސް މަޝްރޫއުއެއްގެ އެއްވެސް ތަފްސީލެއް ހާމަނުކުރާތީ ކަމަށް ވިދާޅުވިއެވެ.