އަޒުމަކަށް ފިކުރަކަށް ބަދަލެއް ނާންނާނެ ކަމަށާއި އެމްޑީޕީއާއެކު ސާބިތުކަމާއެކު ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެމްޑީޕީ ދޫކުރައްވާ އޭނާ ޕީޕީއެމްއަށް ސޮއިކުރެއްވި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާ ރާއްޖެޓީވީގެ ފަހުގެ ހަބަރަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ނާޒިމް ވިދާޅުވީ މިފަދަ ވާހަކަތަކެއް ދައްކަވަމުން ގެންދަވަނީ ދައްކަވާނެ ވާހަކައެއް ނޭނގިގެން އުޅޭ ބައެއް ކަމަށާއި މިއީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފައްދަން ކުރާ މަސައްކަތެއް ކަމަށެވެ.
ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުން އެ ބޭފުޅުންނާއި ބައްދަލުކުރަން މަސައްކަތްކުރި ނަމަވެސް އެފަދަ ފުރުޞަތެއް ނުދޭނެ ކަމަށާއި ޕީޕިީއެމްއިން ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުން މިދަނީ އެ މީހުން ބަލި ޤަބޫލުކުރި ކަމުގެ ހެއްކެއްގެ ގޮތުގައި ކަމަށް ނާޒިމް ވިދާޅުވިއެވެ.
އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓް ނަގާނެ ކަމަށާއި ފަންސާހަށް ވުރެ ގިނަ މެމްބަރުންގެ ވޯޓް މަސީހާއި ދެކޮޅަށް ލިބޭނެ ކަމަށް ވިދާޅުވެ ޕީޕީއެމްގެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
މީގެ އިތުރުން ޕީޕީއެމްއަށް ސޮއިކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކުރައްވައި ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ފެލިދޫ ދާއިރާގެ މެމްބަރު އަހްމަދު މަރުޒޫގު ވިދާޅުވީ ބަޔަކު މީހުން ގޮތް ހުސްވެ ކުރާނެ ކަމެއް ނޭނގުމުން ފަތުރަމުންދާ ދޮގު ހަބަރެއް ކަމަށެވެ. އަދި މަސީހާ ދެކޮޅަށް ވޯޓް ދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށް މަރުޒޫގު ވިދާޅުވިއެވެ.
މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ވެސް ވިދާޅުވީ ޕާޓީ ބަދަލުކުރި ކަމަށް ބުނެ އޭނާއާބެހޭ ގޮތުން ފަތުރަމުން ދިޔައީ ދޮގު ވާހަކަތަކެއް ކަމަށާއި ކޮންމެ ބޭފުޅެއްގެ ވެސް އަބުރަށް އަރައިގަންނަމުންދާނީ މިކުރެވެނީ ކިހާވަރެއްގެ ކަމެއް ކަން ނޭނިގިގެންތޯ ސުވާލުކުރެއްވިއެވެ. އަދި އޭނާއަކީ އެއްވެސް ގޮތަކަށް އެހެން ޕާޓީއަކަށް ވިކޭނެ މީހެއް ނޫން ކަމަށް ވިދާޅުވިއެވެ.
ސޯޝަލް މީޑިޔާގައިވަނީ ނާޒިމް އެމްޑީޕީން ވަކިވި ކަމަށް ބުނެ ލިޔެފައިވާ ސިޓީއެއްވެސް ދައުރުކޮށްފައެވެ.