ވެލާނާއިންޓަނޭޝަނަލް އެއާޕޯޓަކީ އޭޝިއާގައި މިވަގުތު ހެދޭ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށް ވެގެންދާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެއާޕޯޓްގެ އާ ރަންވޭ އެޅުމަށް ހިއްކާފައިވާ ސަރަހައްދުގައި ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރ ސައީދު ވިދާޅުވީ މިހާރު ތަރައްގީ ކުރާ ސަރަހައްދު ނިމޭއިރު ކޮމާޝަލް އޭރިއާ ތަކާއި ފްރެޗައިސް ރެސްޓޯރަންޓްތައް ގެނެވިގެންދާނެކަމަށެވެ.
މިދިއަ ޖޫން މަހުގެ 23 ވަނަ ދުވަހު މީޑިއާއާއި ބައްދަލުކޮށް އެއާޕޯޓްގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކާބެހޭގޮތުން މައުލޫމާތުދީ ފޮޓޯ އަދި ވީޑިއޯ ކުރުމުގެ ފުރުސަތު ދިނުމަށްފަހު، ޖުލައި މަހުގެ ހަވަނަ ދުވަހު އަނެއްކާވެސް މިނިސްޓަރ ސައީދު އެ މައުލޫމާތު މީޑިއާއާ ހިއްސާކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނިކޮށެވެ. ސަރުކާރުންވަނީ ބުދަ ދުވަހު ބްރިޖްގެ މަސައްކަތްތައްވެސް މީޑިއާއަށް ދައްކާލާފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ މިހާރު ހިއްކާފައިވާ ސަރަހައްދުގެ ޝީޓްޕައިލް ކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށޭނެ ކަމަށެވެ.
"ދެން ތިން އޭރިއާއެއް ގާތްގަނޑަކަށް ނިންމާފަ އަޅުގަނޑުމެން ޝީޓްޕައިލް ކުރުމުގެ މަސައްކަތް އެއީ އަލަށް އަޅާ ރަންވޭއަޅާ ސަރަހައްދާ ސީޕްލޭން ޓާމިނަލްއާ އަދި އިންޓަރނޭޝަނަލް ޓާމިނަލް ޕެސެންޖަރ އެ އޭރިއާގަ. ދެން ތިންތަނުގަވެސް ޕެރެރަލްކޮށް މަސައްކަތްދާނެ" އާދިލް ވިދާޅުވިއެވެ.
ޖޫން މަހުގެ 23 ވަނަ ދުވަހު ވަނީ ޝީޓްޕައިލް ޓެސްޓިންގ މަސައްކަތް ކޮށްފައެވެ.
ބެއިޖިންގ އާބަން ކޮންސްޓްރަކްޝަން ގްރޫޕުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސަބްކޮންޓްރެކްޓް އުސޫލުން ގަލްފް ކޮބްލާ ކުންފުންޏާ ހަވާލުކޮށްގެންނެވެ.
ހުޅުލޭގެ ހުޅަނގު ދެކުނުން 7.8 ހެކްޓަރުގެ ބިން ހިއްކައި ޝީޓް ޕައިލްކުރުމުގެ މަސައްކަތް ފަށާފައިވާއިރު އާ ޓާމިނަލް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ސަޢޫދީ އަރަބިއްޔާގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ބިންލާދިން ގުރޫޕާއެވެ.