ފަހުނޭވަޔާ ޖެހެންދެން ވެސް ހުންނަވާނީ ރައީސް އަބްދުﷲ ޔާމީނާއިއެކުގައިކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް އަބްދުﷲ ހުކުރުދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ފަހަތްޕުޅަށް ދުވަހަކު ވެސް އަރާވަޑައިނުގަންނަވާނެކަމަށެވެ.
Fahu neyvayah dhan dhenves hunnaanee RY eku. RN aa RM aa QI eh kolhah dhuvahakuves naaraanan. Insha Allah
— Abdul Raheem Abdulla (@Banafsaa) July 7, 2017
އަބްދުއްރަހީމް ވިދާޅުވީ އޭނާ ސިޔާސީ މައިދާނަށް ނުކުންނެވީ ވެސް ރައީސް ޔާމީނާއެކު ކަމަށެވެ. އެހެންކަމުން ސިޔާސީ މައިދާނުން ދުރަށް ވަޑައިގަންނަވާނީ ވެސް ރައީސް ޔާމީނާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތުކަމާއެކު" ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށާއި މާތްﷲ އިރާދަކުރެއްވިއްޔާ އެ ޓީމް ބަލި ނުކުރެވޭނެ ކަމަށެވެ. އަދުރޭ ވަނީ މި ޓްވީޓްތައް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފަށް ޓެގް ކުރައްވާފައެވެ.
Alhugadu siyaasee maidhaanah nukuthee ves RY eku. Siyaasee maidhaanun dhurahdhaanee ves RY eku. Insha Allah @AhmedMahloof.
— Abdul Raheem Abdulla (@Banafsaa) July 7, 2017
އަދުރޭ މިފަދައިން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ޕީޕީއެމްގެ ދިހަ މެމްބަރުން ސޮއިކުރުމުން ކާމިޔާބު ލިބިއްޖެކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި ބައެއް މެމްބަރުން ވަނީ އޭގައި ވަނީ އެބޭފުޅުންގެ ސައްޙަ ސޮއި ކަމަށް ވިދާޅުވެ، އިސްލާހީ މަސައްކަތުގައި ދެމިތިއްބަވާނެކަމަށް އިއުލާން ކުރައްވާފައެވެ.