ޕްލާސްޓިކް ކޮތަޅުން ފީ ނެގުން އިސްތިސްނާ ކުރުމަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާތީ އެ އިސްލާހު ފާސްވުމުން ކޮތަޅުން ފީ ނަގާތީ ރައްޔިތުންނަށް މިހާރު ދިމާވާ ތަކްލީފުތަކަށް ހައްލު ލިބޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފި އެވެ.
ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ކަސްޓަމަރުގެ އަތުން ދެ ރުފިޔާގެ ފީއެއް ނަގަން ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެއާއެކު ކޮތަޅުގެ އަގު ބޮޑުވެ އެކަމުގެ ޝަކުވާ އާންމުންގެ ގިނަބަޔަކު އަންނަނީ ކުރަމުންނެވެ.
ރައްޔިތުންގެ ޝަކުވާތައް ބޮޑުވުމާ ގުޅިގެން އެންވަޔަރަންމަންޓް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކަށް އެހާ ބޮޑުތަނުން އަގު ބޮޑުވާން ދިމާވި ސަބަބަކީ ކުނި މެނޭޖުކުރުމުގެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހުމުން ކަމަށެވެ.
"އާންމު ގޮތެއްގައި ބޮނޑި ޕެކްކޮށްފައި ހުންނަނީ 100 ކޮތަޅުން ކަމަށްވެފައި ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ރޭޓުން ޖުމްލަ 200 ރުފިޔާ، ފީގެ ގޮތުގައި ދައްކަން ޖެހުމެވެ،" ބަޔާނުގައި ބުނެފައިވެއެވެ. މިބަޔާނުގައި ބުނެފައިވަނީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ހިމެނި ކަމަށެވެ. ނަމަވެސް މި ބިލް މަޖިލީހުން ފާސްކުރިއިރު މި މާއްދާ ވަނީ އުނިކޮށްފައިކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
މި މާއްދާ ބިލުން އުނިކުރި ނަމަވެސް ކުނި މެނޭޖުކުރުމުގެ ބިލަކީ ކުނީގެ އަސާސީ ހިދުމަތް ދިނުމަށް މުހިއްމު ބިލަކަށްވާތީ ސަރުކާރުން ނިންމީ ތަސްދީގު ނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން ހުރި މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް ހުށަހަޅަންޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމަށް ކަމަށްވެސް ބަޔާނުގައިވެ އެވެ. "އެގޮތުން އިސްވެ ދެންނެވުނު މައްސަލަވެސް ހައްލުކުރެވޭ ގޮތަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުން ވާނީ ފާއިތުވީ މާރިޗް މަހު އިސްލާހު ހުށަހަޅާފައެވެ. މިއިސްލާހު މަޖިލީހުން ފާސްވުމުން މިހާރު ދިމާވެފައިވާ މައްސަލައަށް ހައްލު ލިބިގެންދާނެއެވެ.،" ބަޔާނުގައިވެއެވެ.
މިބަޔާނުގައި ބުނެފައިވަނީ ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ސަރުކާރުން ނިންމީ އެއީ އާންމު ދިރިއުޅުމުގެ ތެރޭގައި އުފެދޭ ޕްލާސްޓިކް ކުނި މަދުކުރުމަށް ދުނިޔޭގެ ގައުމުތަކުގައި އެންމެ ކާމިޔާބުކަމާ އެކީ އަމަލުކުރާ އެއް ސިޔާސަތު ކަމަށްވާތީ ކަމަށެވެ. މި ސިޔާސަތު ތަންފީޒު ކޮށްފިނަމަ ރާއްޖެއަށް ދިމާވެފައިވާ ޕްލާސްޓިކް ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ލިބޭނެ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ އަދި ފަތުރުވެރިކަމުގެ ސިނާއަތަށް މުޅި އިގްތިސާދު ބިނާވެފައިވާ ގައުމަކަށްވެފައި ޕްލާސްޓިކުން ވެށި ހިމާޔަތް ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ގައުމީ މަސައްކަތެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
ކޮތަޅުން ދެ ރުފިޔާ ނެގުމުގެކުރިން ބާޒާރުގައި ކޮތަޅުބޮނޑިއެއް ހުރީ 20 ރުފިޔާއަށެވެ. ނަމަވެސް އައި ބަދަލާއެކު ކޮތަޅު ބޮނޑިއެއްގެ އަގުވަނީ 220 ރުފިޔާ އަށް މަތިވެފައެވެ. 35 ރުފިޔާއަށް ހުރި ކޮތަޅު ބޮނޑި ހުރީ 235 ރުފިޔާއަށެވެ.