ކ. މާލެ
|
19 އޭޕްރިލް 2023 | ބުދަ 17:15
އަރކިޓެކްޓެއްގެ ގޮތުގައި މަސައްކަތް ކުރާ ސޫދާންގެ ޒުވާނެއް ކަމަށްވާ ހަދީލު މުޙައްމަދު
ސޫދާންގެ މަސްރަހު
"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
 
ސޫދާންގެ މަސްރަޙު ގޯހުން ގޯހަށް ގޮސްފައި ވަނީ ސޫދާންގެ ވެރިކަން ކުރާ ކައުންސިލްގެ މައްސަލާގައި، އެ ޤައުމުގެ އަސްކަރީ ލީޑަރާއި އޭނާގެ ނައިބާ ދެމެދު އުފެދުނު ދެބަސްވުންތަކަކާ ގުޅިގެން
 
އިންތިހާއަށް ހޫނުވެފައިވާ ސޫދާންގެ މަސްރަޙު އޮތީ ނޭވާ ހިފަހައްޓާލަންޖެހޭ ފައްތަރެއްގައި

ހަމަލާ ބަދަލުކުރުންތަކާއި ކުރިމަތިލުންތައް އޭގެ އެންމެ އިންތިހާއަށް ހޫނުވެފައިވާ ސޫދާންގެ މަސްރަޙު އޮތީ ނޭވާ ހިފަހައްޓާލަންޖެހޭ ފައްތަރެއްގައެވެ. ސޫދާންގެ މަސްރަޙަށް ބައިނަލްއަޤުވާމީ ސަމާލުކަން ހުއްޓިފައި ވާ އިރު، ސޫދާންގެ ރައްޔިތުން ވަނީ އެމީހުން އުފުލަމުންދާ ތަކުލީފުތަކާއި ކުރިމަތިލާންޖެހިފައިވާ ނުތަނަވަސްކަމުގެ ވާހަކަތައް މީޑިއާއާ ހިއްސާކޮށްފައެވެ.

ޢަރަބި އެހެން ޤައުމުތަކަށް ކުރިމަތިވި ފަދަ ހިތްދަތި ގޮތެއް، ޚުދު އޭނާގެ އަމިއްލަ ވަޒަނަށް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަމުގައި ދުވަސްތައް ގުނަމުންދާ އެކަކީ، އަރކިޓެކްޓެއްގެ ގޮތުގައި މަސައްކަތް ކުރާ ސޫދާންގެ ޒުވާނެއް ކަމަށްވާ ހަދީލު މުޙައްމަދުއެވެ. ޢުމުރުން 28 އަހަރުގެ ހަދީލް ކިޔައިދިން ގޮތުގައި މީގެ ހަތަރު، 5 ދުވަހެއްގެ ކުރިން ވަރުގަދަ ޙަމަލާތައް ބަދަލު ކުރަން ފެށި ފަހުން، ކޮންމެ ދުވަހެއްގެ ހަތަރު ދަން ހޭދަ ކުރަނީ ގޭގައި ބަންދުވެފަ އިނދެއެވެ.

ސޫދާންގެ މަސްރަޙު ގޯހުން ގޯހަށް ގޮސްފައި ވަނީ ސޫދާންގެ ވެރިކަން ކުރާ ކައުންސިލްގެ މައްސަލާގައި، އެ ޤައުމުގެ އަސްކަރީ ލީޑަރާއި އޭނާގެ ނައިބާ ދެމެދު އުފެދުނު ދެބަސްވުންތަކަކާ ގުޅިގެންނެވެ. ސޫދާންގައި އެތައް އަހަރެއް ވަންދެން ވެރިކަން ކުރި ޚުދުމުޚުތާރު ލީޑަރު، ޢުމަރު އަލް-ބަޝީރުގެ ވެރިކަން ވައްޓާލުމަށްފަހު، ރައްޔިތުންގެ ފަރާތުން، ޑިމޮކްރަޓިކް އުސޫލުން ހިންގާ މަދަނީ ވެރިކަމުގެ ނިޒާމަކަށް ޤައުމުގެ ވެރިކަން ބަދަލު ކުރުމަށް އޮތް ޕްލޭނަށް ބައިނަލްއަޤުވާމީ ތާޢިދު ލިބިފައި އޮތެއް ކަމަކު، 4 އަހަރުވީ އެ މަޝްރޫއުވެސް ކާމިޔާބު ވެދާނެކަމުގެ ޢުއްމީދުތައް މިހާރު ވަނީ ފަނޑުވެފައެވެ.

އަހަރަމެން ހަމަ ގޭތެރޭގަ މި ހޭދަކުރީ މިދިޔަ 4 ދުވަސްވެސް. ބޭބެ ކޮންމެވެސް ވަރަކަށް ބޭރަށް ނުކުމެލާ ހަދާނެ. އަވަށްޓެރިންގެ ހާލު ބަލާލާ، އެމީހުންނަށް ކަރަންޓު ބޭނުންވޭތޯއާ އެކަހަލަ ކަންކަން ބަލާލަން. ހަމަލާ ދޭން ފެށި ފުރަތަމަ ދުވަހު ކަރަންޓެއްވެސް ނެތްވިއްޔާ. ދެވަނަ ދުވަހުވެސް ކަރަންޓު ކެނޑުނު. މިއަދު ބޭބެ ދިޔަ ބޭރަށް، ގެއަށް ބޭނުންވާ ބައެއް ސަމާނު ހަމަ ކުރަން. އެއްޗިހި ހުސްވާން ފަށާފަ ހުރީމަ. އަސްލު ހަމަ ބުނަންޏާ، ބޮޑު ޝޮކެއް މީ. އެއްވެސް މީހަކަށް ހިލަމެއްވެސް ނުވޭ. އެއްވެސް މީހަކު ތައްޔާރުވެގެން ތިބި ކަމެއް ނޫން މީ. ފުރަތަމަ ދުވަސް ދިޔައީ، ޚަބަރު ހަޖަމް ކުރުމުގަ. އެއްވެސް މީހަކު ހުރީ، މިފަދަ ކަމަކާ ކުރިމަތިލާން ތައްޔާރުވެވޭ ކަހަލަ ހާލެއްގަ ނޫން. މިކަން ދިގުލާ ދާނީ ކިހާ ދުވަހަކަށް ކަންވެސް އަހަރުންނަކަށް ނޭނގޭ. އަސްކަރިއްޔާއިން ބުނަމުންދިޔައީ ހުރިހާ ކަމެއް އޮތީ ކޮންޓްރޯލްގައޭ. 24 ގަޑިއެއްހާއިރޭ ވާނީ. އެކަމަކު، އެމީހުން ލަފާ ކުރި ވަރަށް ވުރެ އެތައް ތަނެއް މިކަން ދިގުލައިފިތާދޯ.
ހަދީލް މުޙައްމަދު؛ ސޫދާންގެ ރައްޔިޔެއް

ސޫދާންގައި ހިންގަމުންދާ ހަމަނުޖެހުންތައް އިންތިހާއަށް ގަދަވަމުން ދާއިރު، އެ ޤައުމުގައި އިންސާނީ ކާރިޘާއެއް އުފެދިފައި ވާ ކަމަށް އދއިން ސިފަ ކުރެއެވެ. ޤައުމުގެ ޞިއްޚީ ނިޒާމު އޮތީ މުޅިންހެން ދެފުށްޖެހިފައެވެ. މުޅި ޤައުމުގެ އެކި ހިސާބުތަކަށް ފެތުރެމުންދާ ކުރިމަތިލުންތަކާއި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ޢަދަދު، ހަފުތާގެ މެދަކާ ހިސާބަށް ދެވުނުއިރު 180 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ.

ހަދީލް ކިޔައިދިން ގޮތުގައި ގެއަށް ކޮންމެހެން ބޭނުންވާ ސާމާނު ގަތުމަށް، ކޮންމެވެސް ވަރަކަށް ބޭރަށް ގޮސް އުޅެނީ އޭނާގެ ބޭބެއެވެ. އެ ވަޤުތުތަކަކީވެސް ވަކި އަމާން ވަޤުތުތަކެއް ނޫން ކަމަށާ، އެއީވެސް ނުތަނަވަސްކަމެއް ކަމަށް ހަދީލް ކިޔައިދިނެވެ.

ﷲ އަށް ޙަމްދުހުރި. އަހަރަމެން އަތުގަ ކޮންމެވެސް ވަރަކަށް ކާބޯތަކެތި ހުރި މިއަދާ ޖެހެންދެން. ޛަރޫރީ ބައެއް ސާމާނު މިއަދު ހުސްވާން ފަށައިފި. އެހެންވެ، އެއްޗިހި ގަންނަން އަހަރަމެންނަށް މަޖުބޫރު. މަސްރަޙު ވަކި ރަނގަޅުވެގެންނެއް ނޫން. ބޭރުގަ ބޭބެ ހިނގާ އަޑު އިވޭ. ހަމަ އެއާ އެކީ، ކުރިމަތިލުންތަކުގެ އަޑުފަށްގަނޑުވެސް އިވޭ. ބޭބެ، ސަލާމަތުން އެނބުރި ގެއަށް އައިސް ވަންނާނެ ބާއޭ ހިތަށް އަރައަރާ ހުންނަނީ. ޛަރޫރީ ސާމާނު ހޯދަން ގެއިން ބޭރަށް ނުކުނަން ހަމަ ވީ ބާއޭވެސް ހިތަށް އަރާ. ސޫރިޔާ، ލީބިޔާ ކަހަލަ ޢަރަބި ޤައުމުތަކުގަ ހާލަތު އޮތް ގޮތް މިހާރު އެބަ އަހަރަމެންނަށް ވިސްނީ. އަސްލު ބުނަންޏާ، މީ ހަމަ ވަރަށް ބިރުވެރި ކަމެއް. އަދި އެންމެ ހަތަރު ދުވަސް މިވީވެސް.
ހަދީލް މުޙައްމަދު؛ ސޫދާންގެ ރައްޔިތެއް

ހަމަލާތައް ވަރުގަދަކޮށްފައި ވާ މި ދަނޑިވަޅަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު 10ގެ ދުވަސްތަކެވެ. ރަމަޟާން މަހަކީ ޢާންމު ގޮތެއްގައި އުފާވެރިކަމުގެ މައްސަރަކަށް ވީ ނަމަވެސް، ސޫދާންގެ މުސްލިމުންނަށް، މި ފަހަރުގެ ރަމަޟާން މަސް ވަރަށް ތަފާތެވެ.

އެއްބައި ފަހަރު އަހަރަމެން ތިބެން ދުޢާ ކޮށްލަކޮށްލާ، މިކަމުން އަހަރަމެން ސަލާމަތް ކުރައްވާތޯ. އަނެއް ބައި ފަހަރު މިކަންތައްގަނޑު ތެރޭގަ ގަބުވެފަ ތިބެވެނީ. އަހަރެން ސަލާމަތްވާނެބާއޭ؟ އެކުވެރިންނާއި ޢާއިލާ މެންބަރުންނާއި، އަވަށްޓެރިންގެ ހާލު ރަނގަޅުބާއޭ، ނުދަންނަ މީހުންގެ ހާލަކީ ކޮބާބާއޭ؟ އެކަހަލަ ފިކުރުތަކެއްގަ. މީ ރޯދަމަސް. މީ ކޮން ދުވަހެއް ކަމެއްވެސް ނޭނގޭ ހާލުގަ އަހަރަމެން މިތިބެނީ. ރޯދަ މަހަކީ ކޭންތައް ހަދަހަދައިގެން އަހަރަމެން އެއް ސުފުރާ މައްޗަށް އެއްވާ ދުވަސްވަރެއް. އެކަމަކު، މިހާރު ކާއެއްޗެއްގަ ރަހައެއްވެސް ނުލާ. ކިރިއާ އެއްޗެއް ދިރެނީވެސް. އެންމެންވެސް ހާސްކަމާއި ނުތަނަވަސްކަމެއްގަ އުޅޭތީކަންނޭނގެ. އަހަރެން އެބަ ވަރަށް ދުޢާކޮށް ހަދަން. މިކަން ނިމޭތޯ. އަނެއް ބައި ފަހަރު، ދެން އިނގެއެއްނު، ހަމަ ގެއްލިފަ އިނދެވެނީ. މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ.
ހަދީލް މުޙައްމަދު؛ ސޫދާންގެ ރައްޔިޔެއް

ރެޕިޑް ސަޕޯރޓް ފޯރސަސް (އާރްއެސްއެފް)ގެ ލީޑަރު، މުޙައްމަދު ހަމްދާން ޑަގަލޯ ނުވަތަ އާންމު ނަމުން ދަންނަވާނަމަ، ހިމިދްތީއާއި، ސޫދާން އަސްކަރިއްޔާގެ އިސްވެރިޔާ، ޖެނެރަލް ޢަބްދުލްފައްތާޙް އަލް ބުރުހާންއާ ދެމެދު ހިންގަމުންދާ ކުރަމުންދާ ކުރިމަތިލުންތަކާ، ބަދަލު ކުރަމުންދާ ހަމަލާތަކާއެކު ގިނަ ހޮސްޕިޓަލުތަކެއްގައި ވަނީ ބޮޑުތަޅު އަޅުވާފައެވެ.

2 ލީޑަރުންނާއެކު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންތަނީ ބްލިންކަން ކުރިއަށް ގެންދެވި މަޝްވަރާތަކަށްފަހު، އަންގާރަ ދުވަހުގެ ރޭގަނޑުން ފަށައިގެން 24 ގަޑިއިރަށް ހަމަލާ ބަދަލު ކުރުންތައް ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، ސުންގަޑިއާއެކު ބަޑީގެ އަޑުފަށްގަނޑުން ސޫދާން ވަނީ ގުގުމަން ފަށާފައެވެ. އެންމެ ބޮޑު ނުތަނަވަސް ކަމެއްގައި އޮތީ ވެރިކަން ކުރާ ޚާރްތޫމްއެވެ. އިންތިހާއަށް ފަޤީރުކަން ފެތުރިފައި ވާ ސޫދާންއަކީ، ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށްޓަކާ، ބައިނަލްއަޤުވާމީ އެހީއަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮތް ޤައުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
25%
0%
54%
17%
0%
4%
ކޮމެންޓް