Advertisement
ކ. މާލެ
|
7 ޖުލައި 2017 | ހުކުރު 10:28
ޤާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް - އޭނާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި
ޤާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް - އޭނާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި
މުހައްމަދު ޝަރުހާން
މަސީހުގެ އިތުބާރުގެ މައްސަލަ
ކޮންމެ ދަތުރެއް ކުރި ނަމަވެސް ކުރާނެ ފައިދާއެއް ނޯންނާނެ، ހަމައެކަނި އޮތް ގޮތަކީ މަސީހު އިސްތިއުފާދިނުން: ލޯޔަރު ވައްޑެ
މިއީ އަމިއްލަ ފައިދާތަކެއް ހޯދުމަށް ފަށާފައިވާ މަސައްކަތެއް ނޫން
މި މަސައްކަތް ކާމިޔާބު ވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް
މެމްބަރުން ތިބީ ވަރަށް ސާބިތުކަމާއެކު ކެރިގެން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރުނެތްކަމުގެ މައްސަލާގައި މެމްބަރުންނަށް ކޮންމެ ބިރެއްދެއްކި ކަމުގައިވި ނަމަވެސް، އަދި ކޮންމެ ފަދަ ދަތުރެއްކޮށްގެން މެމްބަރުން އަތުލުމަށް މަސައްކަތްކުރި ކަމުގައިވީ ނަމަވެސް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށާއި، މިފަހަރު އޮތް ހަމައެކަނި ގޮތަކީ މަސީހު ބޭރުކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އިސް ވަފުދެއް ލަންކާއަށް ކުރަމުންގެންދާ  ދަތުރަށް އިޝާރަތްކުރައްވައި ރާއްޖެޓީވީގާއި ވާހަކަދައްކަވަމުން ވައްޑެ ވިދާޅުވީ، ކޮންމެ ފަދަ ދަތުރެއް ކުރިކަމުގައި ވިޔަސް މިފަހަރު އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތިބީ ވަރަށް ސާބިތުކަމާ އެކު ކެރިގެންކަމަށް ވަހީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މި ފަހަރު އޮތް ހަމައެކަނި ގޮތަކީ މަސީހު އިސްތިއުފާދެއްވުންކަމަށާއި، ނުވަތަ މަޤާމުން ބޭރުކުރުން ކަމަށެވެ.

 

"އެމްޕީ މަސީހު އިސްތިއުފާދެއްވާފައި ގެޔަށް ވަޑައިގަންނަވަންވީ ނޫންތޯ. މިހާރު އެ އޮތީ 42 މެމްބަރުން. 42 މެމްބަރު އެއީ ކިހާވަރެއްތޯ... މިހާރު 45 މެމްބަރުންނާއެކު މި އޮތީ މަޖިލީހަށް ވައްދާފައި. އަމިއްލައަށް ގަބޫލުކުރަންވީ ނޫންތޯ ތިމަންނަގެ ނޯ ކޮންފިޑެންސްއެއް މި އޮތީ ނެގިފައޭ" ވަހީދު ވިދާޅުވި އެވެ.

 

ޕީޕީއެމް، ރައީސް މައުމޫނު އަބްދުއް ޤައްޔޫމް ފެކްޝަންގެ ނައިބް ރައީސްކަން ވެސް ކުރައްވާ ވަހީދު ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފަށާފައިވާ މަސައްކަތް ކާމިޔާބުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތް ކަމަށެވެ. އަދި އެކަމަށް ކޮންމެ ހުރަހެއް ކުރިމަތިކުރި ނަމަވެސް، މަސައްކަތުގައި ފަހަތަށް ނުޖެހި ސާބިތުކަމާ އެކު ތިއްބަވާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.

އޭނާ ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތްތަކަށް، ސަރުކާރުން އަމާޒުކުރާ ފާޑުކިޔުންތަކަށް ވެސް ރައްދު ދެއްވާފަ އެވެ. އެގޮތުން ވަހީދު ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފަށާފައިވާ މަސައްކަތަކީ އަމިއްލަ ފައިދާތަކެއް ނުވަތަ މަންފާތަކެއް ހޯދުމަށް ފަށާފައިވާ މަސައްކަތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފަށާފައިވާ މަސައްކަތަކީ ޤައުމުގެ ހައްޤުގައި ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މިނިވަން މުއައްސަސާތައް ބަރުވެރިކޮށް، ފުލުހުން ބާރުވެރިކުރުމަކީ އެންމެ މުހިންމު މަސައްކަތް ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި އަދުލް އިންސާފު ޤާއިމްކުރުމަށް ބާރު އެޅުމަކީ ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާނެ ބޮޑު މަސައްކަތެއް ކަމަށް ވިދާޅުވި ވިދާޅުވި އެވެ.

ޤައުމުގައި ފިތުނަ އުފައްދާ މީހުންނާ މެދު ވިސްނަންޖެހޭކަން ފާހަގަކުރައްވަމުން ވަހީދު ވިދާޅުވީ، ޤައުމުގައި ފިތުނަ އުފައްދާ މީހުން ތަންތަނަށް ހާޒިރުކޮށް ސުވާލުކޮށް ހަދަންޖެހޭ ކަމަށެވެ.

 

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ފުލުހުންނަށްޓަކައޭ. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ރައްޔިތުންނަށްޓަކައޭ... ބިރު ނުގަންނާށޭ. ބިރު ފަހަނައަޅައި ދާށޭ. މިސާލަކަށް އަޅުގަނޑު މި ދައްކާ ވާހަކައަކުން، މިއީ ފިތުނައޭ ފަސާދައޭ ބުނާއިރުގާ ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކުރާ އަސްލު މީހުންނަކީ ކޮބައިތޯ ބަލާ އެ ބެފުޅުން ހާޒިރުކުރާނަމައޭ އަޅުގަނޑު ހާދަ ހިތަށްއަރައޭ،" ވަހީދު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް