ރެލިގޭޝަން ޒޯންގައި އޮތް ލެސްޓަރ ސިޓީ ބަލިކޮށް, މެންޗެސްޓަރ ސިޓީން އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނާގައި އާސެނަލްއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 3-1 ނެވެ. މެޗުގެ ފުރަތަމަ 13 މިނިޓްގެ ތެރޭގައި ސިޓީން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. އެއީ ސްޓޯން ފަސްވަނަ މިނެޓުގައި ޖެހި ލަނޑާއި, 13 ވަނަ މިނެޓުގައި ހާލަންޑް ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑުންނެވެ. ސިޓީގެ ތިންވަނަ ލަނޑު ހާލަންޑް ޖެހީ ފަންސަވީސް ވަނަ މިނެޓުގައެވެ. މިއީ ހާލަންޑް މިސީޒަންގައި 40 މެޗުން ޖެހި 47 ވަނަ ގޯލެވެ. ދެވަނަ ހާފްގައި ހާލަންޑްގެ ބަދަލުގައި އަލްވަރޭޒްއަށް ފުރުޞަތު ދިނުމުން ހެޓްރިކެއް ހެދުމުގެ ފުރުޞަތެއް ނުލިބުނެވެ. ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ. ލެސްޓަރ ސިޓީގެ ހަމައެކަނި ލަނޑު މެޗުގެ ފަހު ފަނަރަ މިނެޓުގެ ތެރޭގައި ޖެހީ އިހަނާޗޯއެވެ.
މިމޮޅާއެކު ސިޓީ ދެވަނާގައި އޮތީ 30 މެޗުން 70 ޕޮއިންޓާއެކުއެވެ. އެއްވަނާގައި އާސެނަލް އޮތީ 30 މެޗުން 73 ޕޮއިންޓާއެކުއެވެ. އާދިއްތަ ދުވަހު ފަރަގު މެޗެއް އިތުރަށް ކުޅެ ފަރަގު ބޮޑުކުރުމުގެ ފުރުޞަތު އާސެނަލްއަށް އެބައޮތެވެ. ސިޓީއާއި އާސެނަލް އިއްތިހާދު ސްޓޭޑިއަމްގައި ވާދަކުރާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އެއީ ފައިނަލެއް ފަދަ މެޗެކެވެ.