ދެވަނަ ޖުމްހޫރިއްޔާގެ ދަށުން އުފެއްދި ފުރަތަމަ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ހޯދުނު އެންމެބޮޑު ކާމިޔާބީއަކީ ރައީސުލް ޖުމްހޫރިއްޔާގެ ބާރުތައް ކޮޅެއް ނެތް ކޮޅަށް ދެމިގެން ނުދާނޭހެންް އިންތަކެއް ޖަހާލެވުން ކަމަށް އެ ޕާޓީގެ ފަރަތަމަ ރިޔާސީ ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީތަކުގެ މެދުގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޚާއްޞަ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.
ކޮޅުނބުގައި ހުންނަވައިގެން އެމަނިކުފާނު ވިދާޅުވީ މިއަދު އެންމެ ބޮޑަށް އުފާވަނީ އެޕާޓީ ފުރާވަރަށް އެޅިގެން އައިއިރު އެޕާޓީއަށް ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބުގެ ސަބަބުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ މިއަދު މިދެކޭ ހެޔޮ ވެރިކަމާއި ހަލުވި ތަރައްޤީގެ ސިއްރަކީ ސިޔާސީ ޕާޓީ ކަމަށާއި އެމްޑީޕީ އާއި އެހެނިހެން ސިޔާސީ ޕާޓީތައް އުފެދި އެޕާޓީތަކުގެ މަސައްކަތް ކަމަށެވެ.
"މިރޭ ރާއްޖޭގެ ރައްޔިތުންނާ އެމްޑީޕީގެ މެންބަރުން އުފާވަނީ އަޅުގަނޑުމެންގެ ޕާޓީ ފުރާވަރަށް އަރާއިރު އަޅުގަނޑުމެންނަށް ހޯދިފައިވާ އެންމެބޮޑު ކާމިޔާބީއަކީ ރައީސުލް ޖުމްހޫރިއްޔާގެ ބާރުތައް ކޮޅެއް ނެތް ކޮޅަށް ދެމިގެން ނުދާނޭ ނިޒާމެއްގެ އިންތައް އިންތިހާއަށް ދިވެހިންގެ ހިތަކުގެ ތެރެއަށް ފާއްދާލެވިފައިވާތީ. ހެޔޮވެރިކަމާއި ހަލުވި ތަރައްޤީގެ އެންމެބޮޑު ވަސީލަތަކީ ސިޔާސީ ޕާޓީ. ރައްޔިތުންގެ ޙައްޤުތައް ކިރިޔާ ވެސް މިލިބެން ހުރީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އާއި އެހެނިހެން ވެސް ސިޔާސީ ޕާޓީތައް ދިވެހި ވުޖޫދުގައި ހިމެނިފައިވާތީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކަށް އިޝާރާތް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކީ ވެސް ސިޔާސީ މުފައްކިރެއް ކަމަށާއި ވަމުންދާ ގޮތާއި ވާނޭ ގޮތް އެމެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ މެންބަރުންގެ އެޖެންޑާ ކާމިޔާބު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދިވެހިންގެ ރައްކާތެރިކަން އަބަދުވެސް ދިވެހިން އަބަދުވެސް ހޯދާނެ. އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކީ ވެސް ސިޔާސީ މުފައްކިރެއް. އެބޭފުޅުންނަށް ވީގޮތް ވެސް ވާގޮތް ވެސް ވާން އުޅޭ ގޮތް ވެސް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެންބަރުންގެ އޭޖެންޑާ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ. އެއީ ފުޅާ އެހާމެ ފުރިހަމަ އޭޖެންޑާއެއް. ހަޤީގަތުގައި ވެސް ދިވެހިންނަށް އުފާއުފަލުން އުފާކުރަމުން ވަޔާ އެއްކޮޅަށް ދެވިދާނެ. ތަފާތު އެކި މަލުން ފޮނި ބޮއެ މަޖާކޮށް ވެސް އުޅެވިދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.