ލިސަންދްރޯ މާޓިނޭޒަށް ޔޫރޮޕާ ލީގުގައި ރޭ ސެވިއްޔާއާ ދެކޮޅަށް ކުޅެ 2-2އިން ނިމުނު މެޗުގައި ލިބުނު އަނިޔާ ގެ ސަބަބުން އޭނާ އަށް މި ސީޒަނުގައި ދެން ނުކުޅެވޭނެކަމަށް މެންޗެސްޓާ ޔުނައޓެޑުން ބުނެފި އެވެ.
ކޯޗު އެރިކް ޓެންހަގް ބުނީ އެއްވެސް ކުޅުންތެރިއެއްގެ ބައިވެރިވުމެއްނެތި ލިބުނު އަނިޔާ އަށް ފަހު މާޓިނޭޒް ހުރީ ރޮވިފައި ކަމަށެވެ. އަދި އޭނާ އަށް އަވަސް ޝިފާއެއް ލިބުމަކީ މިވަގުތު ކުލަބުގެ އެންމެންގެ ވެސް ދުއާ ކަމަށެވެ.
އިއްޔެރޭގެ މެޗުގައި އޭނާއާއެކު އަނިޔާވި އަނެއް ކުޅުންތެރިއަކީ ޑިފެންޑަރު ރަފޭލް ވަރާން އެވެ. ކޯޗު ބުނީ ވަރާން އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނީ ދުވަސްކޮޅެއް ފަހުން ކަމަށެވެ.
އާޖެންޓީނާއާއެކު މިދިޔަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި މާޓިނޭޒަކީ ޔުނައިޓެޑްގައި މިވަގުތު އެންމެ މޮޅަށް ކުޅެމުން އަންނަ އެއް ޑިފެންޑަރެވެ. އޭނާ ނެތުމުގެ އުނިކަން ފޫބައްދާނީ ކިހިނެތްތޯ އެހުމުން ކޯޗު ޓެންހަގް ބުނީ ޔުނައިޓެޑުގެ ކޮންމެ ކުޅުންތެރިއަކަށް ވެސް އޭނާ އިތުބާރު ކުރާނެ ކަމަށެވެ.
ނަމަވެސް މާޓިނޭޒް ރޭ ދަނޑުން ބޭލި މަންޒަރަށް ޔުނައިޓެޑްގެ ކުރީގެ ކީޕަރު ޕީޓަރ ޝުމައިކަލް ވަނީ ފާޑުކިޔާފަ އެވެ. އަނިޔާވެ، ނުކުޅެވޭގޮތް ވުމުން މާޓިނޭޒް ދަނޑުން ބޭލީ ސެވިއްޔާގެ ކުޅުންތެރިންގެ އަތްދަނޑިމަތީގަ އެވެ. މިކަމަށް ފާޑުކިޔަމުން ޝުމައިކަލް ބުނީ މިއީ ޔުނައިޓެޑްގެ ވަކިވަކި ކުޅުންތެރިގް މެދުގައި ކޮންމެވެސް ވަރެއްގެ ހިޔާލުތަފާތުވުންތަކެއް ހުރިކަމުގެ ނިޝާނެއް ކަމަށެވެ. އަދި އެ ވަގުތަކީ މާޓިނޭޒް ލައްވައި މެޗު ނިމެންދެން ކުޅުވާނެތޯ ނުވަތަ ނޫންތޯ ނިންމަން ކުޅުންތެރިން މަޝްވަރާ ކުރަންޖެހޭ ވަގުތެއްނޫން ކަމަށެވެ.
ޔުނައިޓެޑްގެ ކުޅުންތެރިންގެ ހިޔާލު ދަނޑުމަތީގައި ދެކަފިވީ މާޓިނޭޒަށް އަނިޔާވިއިރު ފަސް ބަދަލު ހަމަވެ، އޭނާ ބާލައިފިނަމަ 10 ކުޅުންތެރިންނާއެކު މެޗު ނިންމަން ޖެހިދާނެތީ އެވެ. އަދި ނަތީޖާ އެއްވަރުވި ލަނޑު ޔުނައިޓެޑް ކޮޅަށް ވަނީ މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ކެޕްޓަން ހެރީ މެގުއާގެ އަތުން ބައިކޮޅަށެވެ.