ކ. މާލެ
|
14 އޭޕްރިލް 2023 | ހުކުރު 08:53
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ގޫގްލް މެޕްސް
ފުވައްމުލަކުގައި ޓްރެއިނިންގ ސެންޓަރެއް
ފުވައްމުލަކުގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ ސެންޓަރެއް ތަރައްގީ ކުރަން ނިންމައިފި
އޭޕްރީލް 27 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަންޖެހޭ
ޓީއޯއާރް މިނިސްޓްރީގެ ވެބްސައިޓުން 16 އެޕްރީލްއިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ

ފުވައްމުލައް ސިޓީގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ ސެންޓަރެއް ތަރައްގީ ކުރަން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ އެދުމުގެ މަތިން ބިލްޑް، ފައިނޭންސް އަދި އޮޕަރޭޓް ޕަބްލިކް-ޕްރައިވެޓް ޕާޓްނާރޝިޕްގެ އުސޫލުން ފުވައްމުލަކުގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ ސެންޓަރެއް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މިނިސްޓްރީގެ ވެބްސައިޓުން 16 އެޕްރީލް 2023 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ. އަދި މި ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ޝައުގުވެރިކަން ފާޅުކުރާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

މި މަސައްކަތައް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ޝަތުރު ހަމަވާ ފަރާތްތަކުން 2023 އޭޕްރީލް 27 ވާ ބުރާސްފަތި ދުވަހުގެ 13:00:00ގެ ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމަށް އެދޭ ކަމަށެވެ.

ފުވައްމުލައް ސިޓީގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ ސެންޓަރެއް ތަރައްގީ ކުރަން ނިންމާފައިވާއިރު، ހއ.ދިއްދޫގައި ދަނީ ޖޫނިއަރ ކޮލެޖެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިމަޝްރޫއާ ގުޅޭ ގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ސިނާއީ މަސައްކަތަށް ބޭނުންވާ މީހުން ބިނާ ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމާއި މިފަދަ އިންސްޓިޓިއުޓަކުން ޒުވާނުނުންނަށް އަތޮޅުތެރޭގައި ތިބެގެން ފެންވަރު ރަނގަޅު މަސައްކަތުގެ ތައުލީމާއި ހުނަރު ލިބުމަކީ ރާއްޖޭގެ ޒުވާން އާބާދީއަށާއި ރާއްޖޭގެ އިގްތިސާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

- ކޮމެންޓް