ކ. މާލެ
|
12 އޭޕްރިލް 2023 | ބުދަ 19:12
ނިއުޒިލަންޑްގެ ކެބިނެޓް
ނިއުޒިލަންޑްގެ ކެބިނެޓް
ބީބީސީ
ނިއުޒިލަންޑްގެ ކެބިނެޓް
ނިއުޒިލަންޑްގެ ކެބިނެޓްގައި އަންހެން ފިރިހެން ހަމަހަމަ
ބުދަ ދުވަހުން ފެށިގެން 10 ފިރިހެން މެމްބަރުންނާއި 10 އަންހެން މެމްބަރުން ވަނީ ހަމަވެފައި

ނިއުޒިލަންޑްގެ ކެބިނެޓްގައި ފުރަތަމަ ފަހަރަށް އަންހެން މެމްބަރުންނާއި ފިރިހެން މެމްބަރުން ހަމަހަމަ ވެއްޖެއެވެ. މިކަން ވެފައިވަނީ ނޯތުލަންޑްގެ އެމްޕީއެއްކަމަށްވާ ވިލޯ ޖީން ޕްރައިމްއަށް ކެބިނެޓް މެމްބަރުކަން ދިނުމުންނެވެ. ޕްރައިމް ނިސްބަތްވެ ވަޑައިގަންނަވަނީ މައޯރީ ދަރިކޮޅަށެވެ.

ކެބިނެޓަށް ގެނެވުނު ބަދަލާ ގުޅޭގޮތުން ބޮޑުވަޒީރު ކްރިސް ހިޕްކިންސް ވިދާޅުވީ, ނިއުޒިލަންޑްގެ އާބާދީ ތަމްސީލްކޮށްދޭފަދަ ކެބިނެޓެއް ލިބުމަކީ ހާސިލް ކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމުގައެވެ.

މުޅިދުނިޔޭގެ ނިސްބަތުންވެސް އެންމެ ގިނަ ތަފާތު ދަރިކޮޅުގެ މެމްބަރުން ހިމަނައިގެން 2020 ވަނަ އަހަރު ނިއުޒިލަންޑްގެ ޕާލަމެންޓްވެސް އެކުލަވާލިއެވެ. ކެބިނެޓަށް ބަލާއިރު، ބުދަ ދުވަހުން ފެށިގެން 10 ފިރިހެން މެމްބަރުންނާއި 10 އަންހެން މެމްބަރުން ވަނީ ހަމަވެފައެވެ. އެންމެ ފަހުން މިނިސްޓަރުކަން ދިން މިސް ޕްރައިމްއަށް ދީފައިވަނީ ކޮންޒަވޭޝަން އަދި ޔޫތު މިނިސްޓަރު ކަމެވެ. ބޮޑުވަޒީރު ވިދާޅުވީ، އެމަގާމު ދެއްވީ މިސް ޕްރައިމްގެ ހުނަރުފުޅަށާއި އަދި ޕޯޓްފޯލިއޯތަކަށް ބެއްލެވުމަށްފަހު ކަމަށެވެ. މިސް ޕްރައިމްއަށް މަގާމް ދިނުމާއެކު، ކެބިނެޓްގައި ހިމެނޭ މައޯރީ ދަރިކޮޅުގެ މެމްބަރުންގެ އަދަދު ވަނީ 6ށް އަރާފައެވެ.

މީގެ ތިންމަސް ކުރިން ހިޕްކިންސް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ތިން އަންހެން ބޭފުޅަކަށް ވަނީ ކެބިނެޓް މެމްބަރުކަން ދެއްވާފައެވެ. ހޯމަ ދުވަހު ހިޕްކިންސްވަނީ، ކެބިނެޓްގައި ނުހިމެނޭ މިނިސްޓަރުން ހިމަނައިގެން ގުނާނަމަ އަންހެން މިނިސްޓަރުން މިހާރު ގިނަ ކަންވެސް ފާހަގަކުރައްވާފައެވެ.

2020 ވަނަ އަހަރު ބޭއްވުނު އާންމު އިންތިޚާބުގައި، 120 މެމްބަރުން ހިމެނޭ ޕާލިމެންޓަށް 58 އަންހެން މެމްބަރުން، އަދި މައޯރީ ދަރިކޮޅަށް ނިސްބަތްވާ 25 މެމްބަރުން ހޮވިފައިވެއެވެ. ނިއުޒިލަންޑްގެ އާބާދީގެ ބޮޑު އިންސައްތައަކީ އެލްޖީބީޓީކިއު މީހުންނެވެ. އެއާއެކު މަޖިލީހަށް ހޮވިވަޑައިގަތް ކޮންމެ ދިހަ މެމްބަރުންގެ ތެރެއިން އެއް މެމްބަރަކީ އެ ވިސްނުން ގެންގުޅުއްވާ ބޭފުޅެއް ކަމަށްވެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް