ހޯމް އެންޑް އަވޭ އުސޫލުން ރާއްޖޭގައި ފުޓްބޯޅަ މުބާރާތްތައް ނުކުޅެވޭނެ ކަމަށާއި ސަބަބަކީ އެކަމަށް ބަޖެޓް ނެތުން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލުގައި މިނިސްޓަރު ވިދާޅުވީ ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ނުކުޅެވެނީ އެކަމަށް ހޭދަކުރަންޖެހޭ ފައިސާގެ އަދަދު ގިނަކަމުން ކަމަށެވެ.
ލާރި ނެތިއްޔާ ކިހިނެތްތޯ އެކަން ކުރާނީ. މިހާރު އޮތް ބަޖެޓަކުން މިކަމެއްނުވާނެ. އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ފުޓްބޯޅަ އަށް އެކަނި ބަޖެޓުން ހަރަދުކޮށްފައި އެހެން ކުޅިވަރުތައް ދޫކޮށްލަންޖެހޭ ކަމަށްމިނިސްޓަރު މަޚުލޫފް
މަޚުލޫފް މިފަދައިން ވިދާޅުވިއިރު އަންނަ އަހަރު ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ދިވެހި ޕްރެމިއާ ލީގު ފެށުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް މާލީ ހާލާތު ތަން ނުދިނުމުގެ ސަބަބުންނާއެކު މިވަގުތު މި ލީގުގެ ކޮލިފިކޭޝަން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ރާއްޖޭގައި ހޯމް އެންޑް އަވޭ އުސޫލުން ލީގު ކުޅެން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ހާލަތު ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ވެސް ވަނީ އެތައް ފަހަރަކު ލަފާދީފަ އެވެ. އަދި ބަޖެޓްގެ ޔަގީންކަންނެތި އާއި ވަރުގަދަ އެޑްމިނިސްޓްރޭޝަނެއްނެތި އެކަން ފެށުމަކީ ވެސް ވަރަށް ގޯހެއް ކަމަށް ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ލަފާކުރެ އެވެ.
ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް ސަރުކާރުން މިހާތަނަށް ވަނީ ގިނަ އަދަދެއްގެ ފުޓްބޯޅަ ދަނޑު އަޅައިފަ އެވެ. މި ގޮތުން މި އަހަރުގެ ތެރޭގައި 50 ވަނަ ދަނޑު ހުޅުވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ. މިއީ މިހާތަނަށް ސަރުކާރަކުން އެންމެ ގިނަ އަދަދަކަށް ފުޓްބޯޅަ ދަނޑު ތަރައްގީކުރި މިންވަރުކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.