ލިވަޕޫލް ކޮޅަށް ޖެހޭނެ ހިތްވަރު އެބަހުރި ކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
އޭނާ މިހެން ބުނީ ޕްރެމިއާ ލީގުގެ ގަދަ ހަތަރަކުން ކަޓައި އަންނަ ސީޒަނުގެ ޔޫރަޕުގެ އެއްވެސް މުބާރާތަކުން ލިވަޕޫލަށް ފުރުސަތު ނުލިބިދާނެ ކަމަށް ބެލެވެން ފެށުމުންނެވެ.
އަހަންނަކީ އެންމެ މޮޅު ކޯޗު ނުވަތަ އެންމެ ގޯސް ކޯޗުކަމަށް ބުނާކަށްނެތިން. އެކަމަކު ޓީމު އަލުން ކޮޅަށް ޖެހޭނެ ހިތްވަރު އަހަރެންގެ އެބަހުރި. އަހަރެންގެ ކޯޗިންގެ ކެރިއަރުގެ ފުރަތަމަ އުޅުނީ ޖަރުމަނުފެ މައިންޒްގައި. އެއިރު އެމީހުން ގިނަ މެޗުތަކަކުން ބަލިވަނީ. ސަބަބަކީ އެމީހުންނަށް މޮޅުވުމުގެ ފުރުސަތު ނޯންނާނެތީވެ. އެކަމަކު ލިވަޕޫލްގައި އެކަން ބަދަލު ކުރެވިދާނެކްލޮޕް
ލިވަޕޫލް އަޑިއަޅާލާފައި އޮއްވައި ޓީމާ ހަވާލުވެ މިވީ އަށް އަހަރު ތެރޭގައި ކްލޮޕް ވަނީ ހުރިހާ ތައްޓެއް ހޯދައިފަ އެވެ. ނަމަވެސް މި ސީޒަނުގައި ޓީމުގެ ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެއް ބަޔަކު ދެކޭ ގޮތުގައި ލިވަޕޫލްގެ ސްކޮޑް މިހާރު މުސްކުޅިވެއްޖެ އެވެ.
މި ގޮތަށް ފާހަގަ ކުރާ މީހުން ދައްކާ ވާހަކަތަކަށް ބާރު ލިބެނީ ލިވަޕޫލްގެ މެދުތެރެއަށް ކުޅޭ ކުޅުންތެރިންގެ ޕާފޯމަންސް ވަރަށް ބޮޑަށް ބޮޑަށް ދަށްވެފައިވާތީ އެވެ. ކެޕްޓަން ޖޯޑަން ހެންޑަސަން އާއި ފަބީނިއޯ އަކީ 32 އަހަރުގެ ނުވަތަ އެއަށްވުރެ އުމުރުން ދޮށީ ކުޅުންތެރިންނަށް ބަލާއިރު އެންމެ ދިގު ރާސްތާއެއް ކަޑައްތުކޮށްފައިވާ ކުޅުންތެރިންނެވެ. ނަމަވެސް އެމީހުންގެ ޕާސިން ރޭޓް ވަނީ މިދިޔަ ފަސް ސީޒަނުގައި ނުވައްޓޭހާ ދަށްވެފަ އެވެ.
ކްލޮޕް ނޫސްވެރިންނަށް ޖަވާބު ނުދިން ނަމަވެސް އަންނަ ސީޒަނުގައި ލިވަޕޫލްގެ ސްކޮޑަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށް އިނގިރޭސި މީޑިޔާތަކުން ލަފާކުރެ އެވެ. ނަމަވެސް މި ސީޒަނުގައި ބާކީ އޮތް 10 މެޗަކީ ގަދަ ހަތަރަކަށް އެރުމަށް ލިވަޕޫލަށް ވަރަށް މުހިންމު 10 މެޗެވެ. ހާއްސަކޮށް މިރޭ އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގެ ތިން ޕޮއިންޓްގެ މުހިންމުކަން ކްލޮޕް ވެސް ގަބޫލުކުރެ އެވެ.