ކ. މާލެ
|
8 އޭޕްރިލް 2023 | ހޮނިހިރު 11:37
އެސްޑީއެފްސީ
އެސްޑީއެފްސީ
ޔޫސުފް ސޮފްވާން ރަޝީދު
އެސްޑީއެފްސީގެ މަސައްކަތް
އެސްޑީއެފްސީގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް ފަހިމަގެއް ފޯރުކޮށްދިނުން: ޒީނާދު
އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އެބައޮތް
ވިޔަފާރި ކުރަމުންދާ ފަރާތްތަކުގެ މަސައްކަތް އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތު ވެސް އެބައޮތް
ލުއި ފަސޭހަ ގޮތަކަށް ލޯނު ދެވޭނެ ގޮތްތައް ވަނީ ތައާރަފް ކުރެވިފައި

އެސްއެމްއީ ޑިވެލޮޕްމަންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް ފަހިމަގެއް ފޯރުކޮށްދިނުން ކަމަށް އެކޯޕްރޭޝަނުން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ޒީނާދު އަހުމަދު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އެންމެ މުހިންމު މަސްއޫލިއްޔަތަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް ފަހިމަގެއް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށާއި، ވިޔަފާރި ކުރަމުންދާ ފަރާތްތަކުގެ މަސައްކަތް އިތުރަށް ތަރައްގީކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށް ފުރުސަތުތައް ހޯދައިދޭ ކަމަށް ޒީނާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ލުއި ފަސޭހަ ގޮތަކަށް ލޯނު ދެވޭނެ ގޮތްތައް ތައާރަފްކޮށްފައިވާ ކަމަށެވެ.

ޚާއްސަކޮށް ރާއްޖޭގައި އެންމެ ދަތިވާ ކަމަކީ ލޯނެއް ނަގާއިރު ރަހުނަށް ހުށަހެޅަން އެބަޖެހޭ. އެއަށް އަޅުގަނޑުމެން ވަރަށް ބޮޑު ލުއިއެއް ގެނެސްދިނިން. އެއް މިލިއަން ރުފިޔާގެ އަދަދަކަށް ރަހުނަކާ ނުލައި ލޯނު ދެވޭނެ ގޮތްތަކެއް އަޅުގަނޑުމެން ތައާރަފް ކުރިން. އޭގެ އިތުރުން ރާއްޖޭގެ ވިޔަފާރިތަކަށް އެންމެ ކުޑަ އިންޓަރެސްޓް ރޭޓްގައި ލޯނު ދޭ އެއްފަރާތަކީ އަޅުގަނޑުމެން. އެގޮތުން 4 އިންސައްތަ އާއި 9.5 އިންސައްތަ އާ ދޭތެރޭގައި އަޅުގަނޑުމެންގެ ހުރިހާ ލޯނެއްގެ އިންޓަރެސްޓް ރޭޓް ހުންނާނީ. އެއީ ވިޔަފާރިތަކަށް އޮތް ވަރަށް ފަހި ފުރުސަތެއް.
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ޒީނާދު އަހުމަދު

ދެ ކެޓަގަރީއަށް އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކުރައްވައި ޒީނާދު ވިދާޅުވީ އަލަށް މަސައްކަތެއް ފަށަން ބޭނުންވާ ފަރާތްތަކަށް ވެސް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް އެމަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި، ކުރާނެ ހަރަދުގެ ތަފްސީލް އެނގޭނެ ގޮތަށް ފުރިހަމަ ޕްލޭނެއް އޮންނަން ޖެހޭނެ ކަމަށް ޒީނާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އިވެލުއޭޝަން ކުރިއަށް ގެންދާއިރު ވަރަށް ގިނަ ސުވާލު ކުރާނެ ކަމަށާއި، މައުލޫމާތު ފުރިހަމައަށް ނުދެވޭ ކަމަށްވާނަމަ ލޯނު ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ޒީނާދު ވިދާޅުވީ ހިނގަމުންދާ ވިޔަފާރިތަކަށް ވެސް ފަހި ފުރުސަތުތައް އެބަހުރި ކަމަށެވެ. އެގޮތުން ވިޔަފާރި ތަރައްގީއާ ވިޔަފާރި އެހީގެ ނަމުގައި ދެ ލޯނެއް ދޫކުރަމުންދާ ކަމަށެވެ.

އެގޮތުން ވިޔަފާރި އެހީގެ ދަށުން އަޅުގަނޑުމެން މިބަލަނީ ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް އެވިޔަފާރިއެއްގެ ހަމަޖެއްސުމަށް. މީގައި ވެސް އަޅުގަނޑުމެން ތިން މިލިއަންއާ ހަމައަށް ލޯނު ދޫކުރާނެ. އޭގައި ވެސް ރަހުނަކާ ނުލައި އެއްމިލިއަންއާ ހަމައަށް ދެވޭނެ. އިތުރުވާނަމަ އަޅުގަނޑުމެން ރަހުނެއް ނާގާނީ. މިއީ ޚާއްސަކޮށް ފިހާރަ، ދެން ހަމައިންނާނީ އޭގެއިތުރުން ވިޔަފާރި ތަރައްގީ ކުރުން. އެއީހިނގަމުންދާ ވިޔަފާރިއެއް އެހެން ސްޓޭޖަކަށް ގެންދިއުން ބޭނުންވާނަމަ ފަރުމާކޮށްފައިވާ ޕްރޮޑަކްޓެއް. ފަސް މިލިއަންއާ ހަމަ އަށް ލޯނު ދޫކުރެވިގެންދާނެ. މީގައި ވިސްނާލަން ޖެހޭ ކަމަކީ އަޅުގަނޑުމެން ބަލަނީ ވިޔަފާރި އެކްސްޕެންޑް ކުރަން. އެއީ ޕެންޝަން ވަކި ޕްރޮޖެކްޓެއް ކަމަށް އަޅުގަނޑުމެން ބަލާނީ. އެ އެކްސްޕެންޑް ކުރާ ޕްރޮޖެކްޓާއި މިހާރު ހިނގަމުންދާ ވިޔަފާރިން އެލޯނު އަދާ ކުރެވޭ ކެޕޭސިޓީ ހުންނަން ވާނެ އިވެލުއޭޓް ކުރާއިރު.
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ޒީނާދު އަހުމަދު

ޒީނާދު ވިދާޅުވީ ރާއްޖޭގެ ބޭންކިން ނިޒާމު ކަނޑައެޅިފައި އިން ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ހޯދުމަކީ ދަތިކަމެއް ކަމަށާއި، އެސްޑީއެފްސީ އެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ. ވިޔަފާރިއަށް އަހަރުގެ އާމްދަނީގެ ގޮތުގައި 30 މިލިއަނަށްވުރެ އިތުރު ނުވާނަމަ އެ ފަރާތަކަށް ލޯނު ދޫކުރެވޭނެ ކަމަށެވެ. މިއީ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދި ވަރަށް މުހިންމު ވައުދެއް ކަމަށް ޒީނާދު ވިދާޅުވިއެވެ.

އެސްޑީއެފްސީން ލޯނުތައް ދޫކުރަނީ ހަތަރު ޕަސެންޓާއި ނުވަ ޕަސެންޓާ ދެމެދު އިންޓަރެސްޓް ރޭޓެއްގައި، ގިނަވެގެން 10 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. ލޯނު ދޫކުރާ އިންޓަރެސްޓް ރޭޓާއި މުއްދަތު ކަނޑައަޅަނީ ލޯނު ދޫކުރާ ވިޔަފާރީގެ ރިސްކު އަދި ފީޒިބިލިޓީ އަށް ބެލުމަށް ފަހު އެވެ.

- ކޮމެންޓް