ދެވަނަ ހާފްގައި ކެޕްޓަން ކަރިމް ބެންޒެމާ ހެދި ހެޓްރިކާއެކު 4-0 ން ބާސެލޯނާ ބަލިކޮށް, ސްޕެނިޝް ކޮޕަ ޑެލް ރޭގެ ފައިނަލުން ރެއާލް މެޑްރިޑް ޖާގަ ހޯދައިފިއެވެ.
ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި 1-0 ން ބަލިވެފައި ވަނިކޮށް, ދެވަނަ ލެގުގައި ރެއާލްއިން ބާސެލޯނާގެ މައްޗަށް ހޯދީ ބޮޑު މޮޅެކެވެ. މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ރެއާލްއަށް ލީޑް ނަގައިދިނީ ބްރެޒިލްގެ ފޯވާޑް ވިނީޝިއުސް ޖޫނިއަރއެވެ. ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ބެންޒެމާއެވެ. ލަނޑުގެ ކުރިން ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅުނީ ބަސެލޯނާއެވެ. ދެވަނަ ހާފްގައި ރެއާލްގެ ތިން ލަނޑުވެސް ޖެހީ ފޯމްގައި ހުރި ބެންޒެމާއެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ ދެވަނަ ހާފް ފަށައިގެން ފަސްވަނަ މިނެޓުގައެވެ. އަދި އޭގެ ހަތް މިނެޓުފަހުން ދެވަނަ ލަނޑު ޖެހިއެވެ. ދެވަނަ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. އެއީ ވިނީޝިއުސްއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ހެޓްރިކް ފުރިހަމަކުރީ 80 ވަނަ މިނެޓުގައި ވިނީޝިއުސް ޖޫނިއަރ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. އާދިއްތަ ދުވަހު ލީގުގައި ރެއާލް ވަލޮޑޮލިޑް ކޮޅަށްވެސް ބެންޒެމާ ވަނީ ހެޓްރިކް ހަދާފައެވެ. މިީ ބެންޒެމާ ހެޓްރިކް ހެދި ވިދިވިދިގެން ދެވަނަ މެޗެވެ.
ކޮޕަ ޑެލް ރޭ ފައިނަލްގައި މެއި މަހުގެ ހަވަނަ ދުވަހު ރެއާލް ވާދަކުރާނީ އޮސަސޫނާއާއެވެ.