ރޯދަ މަސް ނޫން އެހެން މަސްތަކުގައި ފިނިބުރު ޖަހާކަށް މާ ގިނަ ބަޔަކު ހަވީރުގެ ވަގުތުގައި ވެސް ނުނިކުމެއެވެ. އެކަމަކު، ރޯދަ މަސް ފެށުމާއެކު މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހަވީރުގެ ވަގުތުގައި ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. ގައިމު ވެސް، ކޮންމެ ދުވަހަކު ވެސް ދެތިން ހާހަށްވުރެ ގިނަ މީހުން މާލޭގެ މަގުތަކަށް ފިނިބުރު ޖަހަން ރޯދަ މަހު ހަވީރު ނުކުންނަކަމަށް ލަފާކުރެވެއެވެ.
ރޯދަ ކުރުކުރުމަށް އެކި ކަހަލަ ކަންކަން ދިވެހީން ކޮށް އުޅުނެވެ. ރާއްޖެތެރޭގެ ރަށްރަށުގައި މިހާރު ވެސް އެކި ކަންކަން ކޮށްއުޅެއެވެ. އަތިރި މައްޗަށް ނުކުމެ މަޑި އަރުވައެވެ. ހޮޅުއަށީގައި ތިބެ ވާހަކަ ކިޔައެވެ. ވާހަކަ އަޑު އަހައެވެ. ތާސް ކުޅުމާއި ރާޒުވާ ކުޅުމަކީ ވެސް އޮންނަ ކަމެކެވެ. އެކަމަކު، މާލޭގައި މި ކަން މިހާރު އޮންނަ ގޮތް ތަފާތެވެ.
ކަންކަންމަތީގައި ބައެއް ފަހަރަށް ރާޒުވާ ކުޅެން ހަރު އުމުރުގެ މީހުން ނުތިބޭ ވާހަކައެއް ނޫނެވެ. ތާސް ކުޅެލަން ވެސް ބައެއް ކެފޭތަކުގައި ވެސް މީހުން ތިބެއެވެ. އެކަމަކު، މި ހުރިހާ ކަމަކަށްވުރެ ވެސް ރޯދަކުރުކުރަން ދިވެހީންނަށް ކަމުދަނީ ފިނިބުރު ޖަހާލުމެވެ.
ފިނިބުރު ޖެހުމަކީ ހަމަ ފިނިބުރު ޖެހުމެވެ. މާލެ ވަށާ ދުއްވަނީއެވެ. ބައެއް މީހުން ހަވީރު 4:30 އެހާއިރު ނުކުންނަ ގޮތަށް ރޯދަ ވީއްލަން ވަންދެން ވެސް ދުއްވައެވެ. މާލެ ވަށާ ގާތްގަނޑަކަށް 10 ވަރަކަށް ބުރު އެ މީހުންނަށް ޖަހާލެވޭނެއެވެ. ގުރޫޕް ހަދައިގެން ވެސް ބައެއް މީހުން ފިނިބުރު ޖަހަން ނުކުމެއެވެ. އަނެއް ބަޔަކު ލޯބިވެރިޔާ ގޮވައިގެންނެވެ. ނުވަތަ ދެމަފިރިން އެކުގައެވެ. އަދި ދަރިން ގޮވައިގެން ބައެއް މީހުން ބުރެއް ޖަހާލަން ނުކުމެ އުޅޭ ވަރަށް ލޯބިވެތި މަންޒަރުތައް ވެސް ފެނެއެވެ.
ފިނިބުރުޖަހަން ނުކުމެ އުޅޭ ބައެއް މީހުންނާ ވާހަކަ ދައްކާލުމުން އެ މީހުން ބުނީ ފިނިބުރުޖަހާލަން ނުކުތުމުން ވަގުތު ދާ ގޮތް ވެސް ނޭނގޭ ކަމަށެވެ. އަދި ފިނިބުރު ޖެހުމަކީ ރޯދަކުރުކުރުމަށް އެންމެ މޮޅު ގޮތް ކަމަށް ވެސް އެ މީހުން ބުނެއެވެ. ވާހަކަ ދައްކާލި ގިނަ މީހުން ބުނާ ގޮތުގައި ކޮންމެ ދުވަހަކު ވެސް އެ މީހުން ފިނި ބުރު ޖަހާލަން މަގުމައްޗަށް ނުކުމެއެވެ. ނޫންނަމަ އެ ދުވަސް ރޯދަ މަހު ފުރިހަމަވާހެން ހީނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
ރޯދަ ވީއްލަން ވަރަށް ގާތްވަންދެން ވެސް ބައެއް މީހުން ބުރު ޖެހުމުގައި އުޅެއެވެ. އަދި އިރުއޮއްސޭ މަންޒަރު ބަލާލުމަށްފަހު ވެސް ގެއަށް ދާ މީހުން އުޅެއެވެ. އެ ފަދަ މީހުން މަގުމަތީގައި ރޯދަ ވީއްލައެވެ. އިރުއޮއްސޭ މަންޒަރު ބަލަން ދާ މީހުންގެ އަދަދު ރޯދަ މަހު ވަރަށް ގިނަ ކަން ފާހަގަކުރެވެއެވެ.
މާލެ ތެރޭގައި ގުޑި އަރުވަން ވެސް ބައެއް މީހުން އުޅެއެވެ. ތާސްކުޅުމާއި ރާޒުވާ ކުޅުމުގައި ވެސް އުޅެއެވެ. އެކަމަކު، ރޯދަކުރުކުރަން މާލޭގައި އުޅޭ 90 އިންސައްތައެއްހާ މީހުން ކުރާ ކަމަކީ މާލެ ވަށާ ބުރު ޖެހުމޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ރޯދަ ކުރުކުރަން މާލެ ވަށާ ދުއްވަން ދިވެހީންނަށް ހަމަ މާ ކަމުދަނީއެވެ.