Advertisement
ކ. މާލެ
|
3 އޭޕްރިލް 2023 | ހޯމަ 11:29
އިޙްޔާ ފޯރަމްގައި އައްޝައިޚް އިލްޔާސް ޙުސައިން ތަޤްރީރުކުރައްވަނީ
އިޙްޔާ ފޯރަމްގައި އައްޝައިޚް އިލްޔާސް ޙުސައިން ތަޤްރީރުކުރައްވަނީ
އިސްލާމިކް މިނިސްޓްރީ
7 ވަނަ އިޙްޔާ ފޯރަމް
ފޮތުގައިވާ ގޮތަށް ޢަމަލުނުކުރާނަމަ އެމީހެއްގެ ދިރިއުޅުން ދަތިވާނެ: ޝައިޚް އިލްޔާސް
ޤުރުއާނަކީ މުޅި އިންސާނިއްޔަތަށް މާތްﷲ ދެއްވި ހަދިޔާއެއް
އެފޮތް ކިޔަވައި އެ ފޮތުގައިވާ ގޮތަށް އަމަލު ކުރަންޖެހޭ
މިއީ ބަލިތަކަށްވާ ޝިފާއެއް

ދިރިއުޅުމާއިގެން ކުރިއަށް ދިޔަނަމަވެސް ފޮތުގައިވާ ގޮތަށް އަމަލު ނުކުރާނަމަ އެމީހެއްގެ ދިރިއުޅުން ދަތިވާނެކަމަށް އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

އައްޝައިޚް އިލްޔާސް މިހެން ވިދާޅުވީ 7 ވަނަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.

أَفَلَا يَتَدَبَّرُونَ الْقُرْآنَ ޤުރުއާނާއިމެދު އެއުރެން ވިސްނާ ފިކުރު ނުކުރަނީ ހެއްޔެވެ މި މައުޟޫއަށް ފޯރަމްގައި ތަޤްރީރުކުރެއްވީ އައްޝައިޚް އިލްޔާސް ޙުސައިން އަދި އައްޝައިޚް އަޡްމަތު ޖަމީލެވެ.

ފޯރަމްގައި ތަޤްރީރު ކުރައްވަމުން ޝައިޚް އިލްޔާސް ވަނީ ރަމަޟާންމަހުގެ 11 ދުވަސް ވޭތުވެގެން ދިޔައިރު ތަގުވާވެރިވެ، އަދި ތައުބާވުމަށް މަސައްކަތްކުރެވުނީ ކިހާވަރަކަށްތޯ ސުވާލުކުރައްވާފައެވެ.

މީގެ އިތުރުން ޝައިޚް އިލްޔާސް ވިދާޅުވީ ކީރިތި ޤުރުއާނަކީ މުޅި އިންސާނިއްޔަތަށް މާތްﷲ ދެއްވި ހަދިޔާއެއް ކަމަށާއި އެފޮތް ކިޔަވައި އެ ފޮތުގައިވާ ގޮތަށް އަމަލު ކުރަންޖެހޭ ކަމަށެވެ. ވިސްނާ ފިކުރުކުރުމާއެކު ޤުރުއާން ތިލާވަތު ކުރުމަކީ އީމާންކަން އިތުރުވެ، ހިތް ސާފުވާކަމެއްކަމަށް ވިދާޅުވިއެވެ. އަދި ވިސްނާ ފިކުރުކޮށް ޤުރުއާން ތިލާވަތުކުރުމަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ފައިދާކަމަށް ވިދާޅުވިއެވެ.

Advertisement

ޝައިޚް އިލްޔާސް ވިދާޅުވީ އެފޮތަކީ އީމާންކަމުގެ އަހުލުވެރިންނަށް އުފާވެރިކަން ދެއްވާ ފޮތެއްކަމަށާއި މި އުފާވެރިކަން ލިބޭނީ ވިސްނާ ފިކުރުކުރުމާއެކު އެ ފޮތުގައިވާ އާޔަތްތައް ކިޔައި، އެގޮތަށް ޢަމަލު ކޮށްގެން ކަމަށެވެ. ޤުރުއާނުގެ ބަރަކާތުން އީމާންތެރިކަން އިތުރުވާކަން ފާހަގަކުރައްވާ މިފަދަ މާތް މައްސަރެއް ނިމިގެންދާއިރު ހިތްތައް އަލިވެ، ދޫ ފަސޭހަވާންޖެހޭ ކަމަށާއި މިއީ އެކަމަށް އެންމެ ރަނގަޅު ފުރުސަތުކަމަށް ވިދާޅުވިއެވެ.

ދަރިވަރުންނާއި މުޚާތަބްކުރައްވާ ޝައިޚް އިލްޔާސް ވިދާޅުވީ ޤުރުއާނުގައި އިންސާނާ ޢަމަލުކުރަންޖެހޭ ގޮތާއި އަމަލުކުރަން ނުޖެހޭ ކަންތައްތައް ބަޔާންވެގެންވާކަމަށެވެ. އެހެންކަމުން އެފޮތް ވިސްނައިގެން ކިޔަވަން ދަރިވަރުންނަށް އިލްތިމާސްކުރެއްވިއެވެ.

ޤުރުއާން ދިރާސާކޮށް ޤުރުއާން ތިލާވަތުކުރުމަށް ރަސޫލާ އަންގަވާފައިވާކަމަށް ވިދާޅުވެ، ދިރިއުޅުމާއިގެން ކުރިއަށް ދިޔަނަމަވެސް ފޮތުގައިވާ ގޮތަށް އަމަލު ނުކުރާނަމަ އެމީހެއްގެ ދިރިއުޅުން ދަތިވާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން މި ފޮތަށް ހަގީގީ މާނައިގައި އެނބުރި ރުޖޫއަވާން ޖެހޭކަމަށްވެސް ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

މި ފޯރަމްގައި ތަގްރީރުކުރައްވަމުން އައްޝައިޚް އަޡްމަތު ޖަމީލު ވަނީ ކީރިތި ޤުރުއާނުގެ މާތްކަމަށް ބައްލަވާލައްވާފައެވެ.

އައްޝައިޚް އަޡްމަތު ޖަމީލު

އެގޮތުން އެ ފޮތަކީ އަބަދުވެސް ކިޔަވައި، އާޔަތްތަކަށް ވިސްނައި ފިކުރުކުރުމަށް މާތްﷲ އަންގަވާފައިވާ ފޮތެއްކަމަށް ވިދާޅުވިއެވެ. މިއީ ބަލިތަކަށްވާ ޝިފާއެއްކަމަށާއި މާތްﷲ ހަތް އުޑުމަތިން ބާވައިލެއްވި މަތިވެރި ފޮތެއްކަމަށް ވިދާޅުވިއެވެ.

ފޯރަމްގެ މައުޟޫޢަށް ބައްލަވަމުން ''ޤުރުއާނާމެދު އެއުރެން ވިސްނާ ފިކުރު ނުކުރަނީ ހެއްޔެވެ'' މިފަދައިން މާތްﷲ ޤުރުއާންގައި އަންގަވާފައިވާއިރު މި އާޔަތްތަކުން ގޮވާލަނީ ކޮންކަމަށްތޯ ޝައިޚް ވަނީ ސުވާލުކުރައްވާފައެވެ. ތަފާތު އާޔަތްތަކާއި ތަފާތު އިބާރާތްތަކުން މާތްﷲ ކީރިތި ޤުރުއާނުގައި މިފަދައިން ސުވާލު ތަކުރާރުކުރެއްވުން އެއީ އިންސާނާ ވިސްނަން ޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި ކީރިތި ޤުރުއާނަކީ އެ ފޮތް އެއްކޮޅުން އަނެއްކޮޅަށް ކިޔާލުމަށްފަހު ދޫކޮށްލަންޖެހޭ ފޮތެއް ނޫންކަމަށް ވިދާޅުވިއެވެ.

ޤުރުއާނާމެދު ވިސްނައި ފިކުރުކުރުމަކީ މާތްﷲ އެކަމަށް ޘަވާބާއި ދަރުމަ ދެއްވާނެކަމެއް ކަމަށާއި ވިސްނާ ފިކުރުކުރާ މީހަކަށް މާތްﷲ ވޮޑިގެންވާކަމުގެ ހެކިތައް ފެންނާނެކަމަށް ވިދާޅުވިއެވެ. ޝައިޚްވަނީ މާތް ﷲ އިންސާނާއަށް ވިސްނާ ފިކުރުކުރުމަށް އަންގަވާފައިވާ ބައެއް އާޔަތްތަކުގެ ތަފްސީލަށް، މި ޒަމާނުގެ ސައިންސްގެ އަލީގައި ހޯދިފައިވާ ކަންތައްތަކުން މިސާލު ދައްކަވައި ބައްލަވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް