ރަންތާޖު ޤުރުއާން މުބާރާތުގެ ފުރަތަމަ ބުރުން ވަކިވެގެންދާ ފަސް ބައިވެރިން އިއުލާން ކޮށްފިއެވެ.
ރަންތާޖު ޤުރުއާން މުބާރާތުގެ ފުރަތަމަ ބުރުގައި ވަނީ އޮޑިޝަނުގައި ބައިވެރިވި 111 ބައިވެރިންގެ ތެރެއިން 20 ބައިވެރިއަކު ހޮވައިގެން ބައިވެރިކޮށްފައެވެ. ރަންތާޖު މުބާރާތް މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ރޭ ފަށައި އެ ބައިވެރިންގެ ފުރަތަމަ ކިޔެވުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރަންތާޖު ޤުރުއާން މުބާރާތުގެ 20 ވަނައަށް ދިޔަ ބައިވެރިއަކީ އައިމިނަތު ލައިސާ ސަލީމްއެވެ.
މުބާރާތުން އަލްވަދާއުކީ ވަގުތު ލައިސާ ބުނީ މިއީ އޭނާގެ ހަޔާތުގައި ވެސް ކުރެވުނު އެންމެ ތަފާތު ތަޖުރިބާ ކަމަށެވެ. އަދި އޭނާއާއެކު ބައިވެރިވި ހުރިިހާ ބައިވެރިންނަށް ވެސް ޝުކުރު ދަންނަވާ ކަމަށާއި އެއިން އެއްވެސް ބައިވެރިއަކު ހަނދާން ނުނެތޭނެ ކަމަށް ލައިސާ ބުންޏެވެ.
ރަންތާޖު ޤުރުއާން މުބާރާތުގެ 19 ވަނަ އަށް ގޮސްފައިވަނީ ރުސްތުމް ދާއޫދެވެ.
މުބާރާތުން ވަކިވި ވަގުތު ރުސްތުމް ބުނީ މުބާރާތުގެ މި ހިސާބަށް އާދެވުނީތީ ވެސް އުފާވާ ކަމަށާއި މިއީ އަދި ފެށުމެއް ކަމަށެވެ. އަދިވެސް އޭނާ ފެންނާނެ ކަމަށާއި ކުރިއަށް ދާނެ ކަމަށް ރުސްތުމް ބުންޏެވެ.
ރަންތާޖު ގުރުއާން މުބާރާތުގެ 18 ވަނައަށް ދިޔައީ އިބްރާހިމް އައުސްއެވެ.
އެ ވަގުތު އައުސް ބުނީ މިހާ ހިސާބަށް އާދެވުނީތީ ﷲއަށް ހަމްދު ކުރާ ކަމަށާއި މައިންބަފައިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އޭނާ ގުރުއާނުގެ ދާއިރާއަށް ވަނުމުގެ އަސްލަކީ ބައްޕަކަމަށާއި ބައްޕައަށް ބުނެލަން އޮތީ މިހާ ހިސާބުން ވަކިވެގެން ދިޔަ ނަމަވެސް މާޔޫސް ނުވުމަށް ކަމަށް އައުސް ބުންޏެވެ. އަދިވެސް އައު ޖޯޝަކާއެކު މުބާރާތްތަކުގައި ވާދަކުރާނެ ކަމަށް އޭނާ ބުންޏެވެ.
ރަންތާޖު ޤުރުއާން މުބާރާތުގެ 17 ވަނަ ބައިވެރިއަކީ ޝިފާޒާ ނައީމެވެ.
ޝިފާޒާ ބުނީ އޭނާ މި މުބާރާތުގައި ބައިވެރިވީ އޭނާ ކިޔަވައިދޭ ވަރަށް ގިނަ ކުދިންތަކެއްގެ އެދުމުގެ މަތިން ކަމަށާއި މުބާރާތުގެ މިހާ ހިސާބަށް އާދެވުމުން ވެސް އުފާވާ ކަމަށެވެ. އޭނާ ކިޔަވައިދޭ ކުދިންނަށް ޝިފާާޒާ ބުނީ މިހާ ހިސާބުން މުބާރާތާ ވަކިވާން ޖެހުނަސް ގުރުއާނުގެ ދާއިރާއިން ކުރިއަށް ދާނެ ކަމަށެވެ.
މުބާރާތުގެ 16ވަނައިގައި މުބާރާތާ އަލްވަދާއު ކީ ބައިވެރިއަކީ ސުމާ ހުސައިންއެވެ.
ސުމާ ބުނީ ކަޓައިގެން ދިޔަ ވަގުތު އެންމެ ހަނދާންވަނީ އެހާ ހިސާބަށް އައުމަށް އެންމެ އެހީތެރިވެދިން ޓީޗަރުން ކަމަށެވެ. އަދި އެ ޓީޗަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.
ރަންތާޖު ޤުރުއާން މުބާރާތުގެ މި ވަނަތަކަށް ދިޔަ ބައިވެރިންނަށް މެކްސްކޮމް ޓެކްނޮލޮޖީސް، ބެސްޓް ބައި މޯލްޑިވްސް އަދި ޕޮއިސް ޕާފިއުމްސްގެ ފަރާތުން ވަނީ އިނާމު ހުށަހަޅައިފައެވެ.
ރަންތާޖު ޤުރުއާން މުބާރާތް ދައްކާނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 9:30ގައި ރާއްޖެ ޓީވީންނެވެ.
16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.