ކ. މާލެ
|
31 މާރޗް 2023 | ހުކުރު 13:10
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ
މިއީ އެންމެފަހު ރަމަޟާން މަސް ކަމަށް ދެކި ނަފްސު އިސްލާހު ކުރަންޖެހޭ: ޚުތުބާ
ރަމަޟާން މަހު މަތިވެރި ނިދާއަށް އިޖާބަދީ ފާފަތަކުން ތައުބާވާން ޖެހޭ
ލައިލަތުލްޤަދްރީގެ މަތިވެރި ސަވާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހޭ
ސަލަފުއް ސާލިހުންގެ ހަޔާތްފުޅުން އިބްރަތް ލިބިގަނެ ހެޔޮކަމުގައި ހީވާގިވާންޖެހޭ

މިރަމަޟާން މަހަކީ ހަޔާތުގައި ބައްދަލުވާނެ އެންމެފަހު ރަމަޟާން މަސް ކަމަށް ދެކި ނަފްސު އިސްލާހު ކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''މިއީ ހަޔާތުގެ އެންމެފަހު ރަމަޟާން މަހަށް ވެދާނެ'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މިރަމަޟާން މަހަކީ ހަޔާތުގައި ބައްދަލުވާނެ އެންމެފަހު ރަމަޟާން މަސް ކަމަށް ދެކި ނަފްސު އިސްލާހު ކުރުމުގެ އިހްލާސްތެރި ނިޔަތުގައި މިމަހާ ކުރިމަތިލާން ޖެހޭ ކަމަށާއި، މިއީ މާތްﷲ ތިބާއަށް ދެއްވި މަތިވެރި މަތިވެރި ނިއުމަތެއް ކަމުގައި ދެކި ފިސާރި ހެޔޮގޮތުގައި މިމަހުގެ ބޭނުން ހިފަންޖެހޭ ކަމަށެވެ. ރަމަޟާން މަހު މަތިވެރި ނިދާއަށް އިޖާބަދީ ފާފަތަކުން ތައުބާވެ، ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ހެޔޮކަމާގެން އެމަހުގައި ކުރިއަރައި ދިއުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

ޚުތުބާގައި ބުނީ ހެޔޮކަމުގެ މޫސުންތަކުގައި ހެޔޮކަމުގައި އުޅުމަށް ލިބޭ ފުރުސަތަކީ ފިސާރިކުޑަ އެހާމެ އަގުބޮޑު ހިނދުކޮޅެއް ކަމަށެވެ. ޚުތުބާގައި ބުނީ އޭގެ އަގު ވަޒަން ކުރެވޭނީ އެފުރުސަތުން މަހްރޫމްވާނެ ވަގުތުކަމުގައިވާ މަރު އަހަރެމެންނާ ބައްދަލު ކުރުމުން ކަމަށާއި، ހެޔޮކަމުގެ ފުރުސަތުތަކަށް އެދި އިންސާނާ އާދޭސް ކުރާނެ ކަމަށެވެ. އަދި އެދުވަހުން ތައުބާވެ ނަމާދުކޮށް ސަދަގާތްކޮށް، މީސްތަކުންނަށް ހެޔޮފޯރުވާން އޭނާ ކިތަންމެހައި ވެސް ބޭނުންވާނެ ކަމަށާއި، ހެޔޮގޮތުގައި ރަމަޟާން މަހު ރޯދަ ހިފައި ކީރިތި ޤުރުއާން ކިޔަވައި ރޭއަޅުކަން ކޮށް ލައިލަތުލްޤަދްރީގެ މަތިވެރި ސަވާބު ހޯދަން އޭނާ ދަހިވެތިވާނެ ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ލައިލަތުލްގަދްރި ހޯދުމުގެ މަތިވެރި ނިއުމަތުން އެތައް ބަޔަކު މަހްރޫމްވެފައިވާ ކަމަށެވެ. ނަމަވެސް މާތްﷲގެ އޯގާވަންތަކަމުން ތިބާވަނީ އަދި މިދުނިޔޭގައި ކަމަށާއި، މިއީ ތިބާ ތައުބާވުމަށް އޮތް އެންމެ ފަހުގެ ފުރުސަތު ކަމުގައި ވެދާނެ ކަމަށެވެ. އަދި ލައިލަތުލްޤަދްރީގެ މަތިވެރި ސަވާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ޚުތާބާގައި ގޮވާލާފައިވެއެވެ.

މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވަނީ ''އެއުރެން ކުރެ މީހެއްގެ ގާތަށް މަރު އަތުވެއްޖައުމަށް ދާންދެނެވެ. އެހިނދު އޭނާ ބުނެތެވެ. އަޅުވެ ރަސްކަލާކޮ! ތިމަންއަޅާ (ދުނިޔޭގެ ހަޔާތަށް) އަލުން އަނބުރައި ފޮނުއްވާދޭވެ. (އެއީ) ތިމަންފަހަތަށް ދޫކުޅަ ކަންތަކުގައި ސާލިހު އަމަލު ކުރުމުގެ އެދުމުގައެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން އެއީ އޭނާ ބުނެލާ ބަހެކެވެ. އަދި އެއުރެންގެ ފަހަތުގައި ވަނީ ބަރުޒަހެކެވެ. އެއުރެން އަލުން ދިރުމަކަށް ފޮނުއްވާ ދުވަހަށްދާންދެނެވެ.
ޚުތުބާ

ސަލަފުއް ސާލިހުން ރަމަޟާންމަހާ ކުރިމަތި ލައްވާފައިވަނީ ހަމައެންމެ ހިނދުކޮޅެއް ވެސް ހެޔޮކަމުން މަހްރޫމު ނުވާނެ ގޮތައްކަންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ހެޔޮ އެއްވެސް ކަމެއް އެބޭކަލުން ދޫކޮށެއް ނުލައްވާ ކަމަށެވެ. މާތްﷲ ރުއްސުން ލެއްވި އަބްދުﷲ ބުން މަސްއޫދު ރަމަޟާން މަސް ނޫން މަސްތަކުގައި އެއް ހުކުރުން އަނެއް ހުކުރަށް ޤުރުއާން ހަތިމުކުރައްވާއިރު، ރަމަޟާން މަހުގައި ތިން ދުވަހުން ޤުރުއާން ހަތިމުކުރައްވައެވެ. އަދި ސަލަފުއް ސާލިހުންގެ ހަޔާތްފުޅުން އިބްރަތް ލިބިގަނެ ހެޔޮކަމުގައި ހީވާގިވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ޚުތުބާގައި ބުނީ ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ މައިންބަފައިންނަށް ހެޔޮކޮށް ހިތައި އަނބިދަރީންގެ ހައްގުތައް އަދާކޮށް ރަމަޟާން މަހުގެ ތަރުބަވީ މަދަރުސާއިން ފިލާވަޅު ލިބިގަންނަންޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް