ރޯދަ މަހު ކޮވިޑް-19 ވެކްސިން ޖަހައިދޭނެ ތަންތަނާއި ގަޑިތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އާންމުކޮށްފިއެވެ.
އެގޮތުން އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ރޯދަ މަހު މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭނީ ހުޅުމާލެ ހޮސްޕިޓަލުންނާއި ދަމަނަވެށިންނެވެ. ހުޅުމާލެ ހޮސްޕިޓަލުން ވެކްސިން ޖަހައިދޭނީ ކޮންމެ ބުދަ ދުވަހެއްގެ ރޭގަނޑު 9ން 10އަށެވެ. ދަމަނަވެށިން ވެކްސިން ޖަހައިދޭނީ ކޮންމެ އާދިއްތަ ދުވަހަކުން ބުރާސްފައްޗަށް މެންދުރު 12:30ން 13:30އަށެވެ. ނަމަވެސް 30 މަރޗް އާއި 6 އޭޕްރީލްގައި ވެކްސިން ޖަހައިދޭނީ ރޭގަނޑު 9ން 10އަށެވެ.
ރާއްޖޭގައި އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް އަންނަނީ ފައިޒަރ ވެކްސިން ދެމުންނެވެ. އަދި 12 އަހަރުން މަތީގެ ކުދިންނަށް ފައިޒަރ ވެކްސިން އާއި ބޫސްޓަރ ޑޯޒް ދެމުންދާއިރު ވެކްސިންގެ ޑޯޒްތައް ހަމަނުކުރާ އަދި ބޫސްޓަރ ޑޯޒް ނުޖަހާ ފަރާތްތަކުން ޑޯޒްތައް ހަމަކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
އެޗްޕީއޭއީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މަރޗް 25 ވަނަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވަނީ 399،313 މީހުންނެވެ. ދެވަނަ ޑޯޒް 385،132 މީހުން ފުރިހަމަކޮށްފައިވާއިރު ބޫސްޓަރ ފުރަތަމަ ޑޯޒް 167،675 މީހުން ޖަހާފައިވެއެވެ. ބޫސްޓަރ ދެވަނަ ޑޯޒް ޖަހާފައިވަނީ 1543 މީހުންނެވެ.